ހއ. ދިއްދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ، އެރަށުން ޕޮޒިޓިވް ވެފައިވަނީ އުމުރުން 22 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އޭނާ ބައްޔަށް ޕޮޒިޓިވްކަން އެނގުނީ ހޯމް ކަރަންޓީނުން ދޫކޮށްލުމަށް ނެގި ސާމްޕަލުން ކަމަށް ވެސް އެ ސެންޓަރުން ބުންޏެވެ.

މިއީ ދިއްދޫން ކޮވިޑަށް ޕޮޒިޓިވްވި ހަތަރު ވަނަ މީހަ އެވެ. މިދިޔަ އާދީއްތަ ދުވަހު ވެސް އެރަށު ހޯމް ކަރަންޓީނުގައި ތިބި ތިން މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. އެމީހުންގެ ތެރޭގައި ހަތަރު އަހަރުގެ ކުޑަކުއްޖަކު ވެސް ހިމެނެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިވަގުތު ރާއްޖޭގެ 26 ރަށެއްގައި ކޮވިޑް ޖެހިފައިވާ 90 މީހަކު އެބަ ތިއްބެވެ. އެއީ 82 ދިވެހިންނާއި އަށް ބިދޭސީ އެކެވެ. އޭގެ އިތުރުން އަތޮޅު ތެރޭގައި ގާއިމްކޮށްފައިވާ ކޮވިޑް ފެސިލިޓީތަކުގައި އަށް މީހަކު އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.