މިދިޔަ 24 ގަޑިއިރު ތެރޭ 66 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު 8900 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 50 ދިވެއްސަކާއި 16 ބިދޭސީން ކަމަށެވެ.
މިދިޔަ މަހުން ފެށިގެން ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 100 އަށްވުރެ ގިނަ ކޮވިޑް ކޭސް ފެނިފައިވެއެވެ. ނަމަވެސް މި ހަފުތާގައި ކޭސްތަކުގެ އުޅެނީ 100 އިން ދަށުގައެވެ. އާދީއްތަ ދުވަހު ފެނިފައިވަނީ 98 ކޭސްއެވެ. މިދިޔަ ހޯމަ ދުވަހު 83 ކޭސް ފެނިފައިވާ އިރު، އަންގާރަ ދުވަހު ފެނިފައިވަނީ 74 ޕޮޒިޓިވް ކޭސްއެވެ. އަދި އިއްޔެ ފެނިފައިވަނީ 93 ކޭސްއެވެ.
ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވީ 271 މީހެކެވެ. އެއާއެކު ބަލިން ފަސޭހަވީ މީހުންގެ އަދަދު 6559 އަށް އަރާފައިވާ އިރު، މިހާރު ރާއްޖޭގައި ބައްޔަށް ފަރުވާދެމުން އަންނަނީ 2304 މީހަކަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު އައިސޮލޭޝަން ފެސިލިޓީތަކުގައި 1029 މީހަކު އެބަ ތިއްބެވެ. އަދި ހޮސްޕިޓަލުތަކުގައި 134 މީހަކު އެބަ ތިއްބެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 31 މީހަކު ވަނީ މަރުވެފައެވެ. އެއީ 25 ދިވެއްސަކާއި ބަންގުލަދޭޝްގެ ފަސް މީހަކާއި ފިލިޕީންސްގެ މީހެކެވެ.
ކޮވިޑް 19
ކޮވިޑް 19
ކޮވިޑް 19