މާލޭ ސިޓީ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރު އިބްރާހިމް ސުޖާއުއަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އެ މައްސަލަ ޕީޖީއަށް ހުށަހެޅީ މިދިޔަ އަންގާރަ ދުވަހު އެވެ. އެއީ މާލޭ ސިޓީގެ ގޯއްޗަކުން އަމިއްލަ ފަރާތަކަށް ލިބިފައިވާ 250 އަކަފޫޓުގެ ބިމުގައި މާލޭ ޕްލޭނިން ގަވާއިދުގައިވާ މިނަށްވުރެ އުސްކޮށް އިމާރާތްކުރުމަށް ކުރެހުން ފާސްކޮށް، އިމާރާތްކުރުމުގެ ހުއްދަ މާލޭ ސިޓީ ކައުންސިލުން ދީފައިވާ މައްސަލައިގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ފައިދާ ހޯދައިދިނުމަށްކަން ޝައްކެއް ނެތް މިންވަރަށް އޭސީސީގެ ތަހުގީގަށް ސާބިތުކުރެވޭތީ އެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ، އެ މައްސަލައިގައި ސުޖާއުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އޭނާގެ މައްޗަށް އެ ދައުވާ ކުރަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ށ)ގެ ދަށުންނެވެ. އެ ކުށް ސާބިތުވެއްޖެނަމަ އަދަބެއްގެ ގޮތުގައި ތިން އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުން ނުވަތަ އަރުވާލުން ނުވަތަ ގޭގައި ބަންދުކުރެވޭނެ އެވެ.