މާލޭ ސިޓީ ކައުންސިލުގެ 14 ބިމެއް ދައުލަތަށް ނަގާތީ ކޯޓަށް މައްސަލަ ހުށަހެޅުމަށް އެ ކައުންސިލުން ނިންމައިފިއެވެ.
މާލޭ ސިޓީ ކައުންސިލުގެ އިހުތިސޯސްގެ ދަށުގައި ހުރި މުހިންމު 14 ބިމެއް ދައުލަތުގެ މިލްކިއްޔާތަށް ބަދަލުކޮށް، އެ ތަންތަނުގައި ސަރުކާރުން ހިންގުމަށް ހަމަޖެހިފައިވާ ތަރައްގީގެ މަޝްރޫއުތަކުގެ މައުލޫމާތު އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ގެޒެޓްކޮށްފައެވެ.
އެ މައްސަލައިގައި މާލޭ ސިޓީ ކައުންސިލުން ރޭ ވަނީ ކުއްލި ޖަލްސާއެއް ބާއްވައި ގަރާރެއް ފާސްކޮށްފައެވެ. ހުޅުމާލޭ ދެކުނު ދާއިރާގެ ކައުންސިލަރު އަހުމަދު ގާލިބު ހުށަހެޅުއްވި ގަރާރު ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ. ޕީއެންސީގެ ކައުންސިލަރުން އެ ޖަލްސާގައި ބައިވެރިވެފައެއް ނުވެއެވެ.
ގާލިބު ހުށަހެޅުއްވި ގަރާރުގައި ވަނީ، ސަރުކާރުން ޕްރޮޖެކްޓުތަކުގެ ނަމުގެ އިތުރުން އެއްވެސް މައުލޫމާތެއް ހިމަނާފައިނުވާތީއާއި، ގާނޫނަށް ބަލާއިރު އެއްދުވަހުން ދައުލަތުގެ ތަރައްގީގެ ހުރިހާ މަޝްރޫއުތައް ހިންގުމަށް ބިންތަކެއް އެކީ އެއްފަހަރާ އަތުލުމަކީ ގާނޫނު ތަސައްވުރުކުރާ ކަމެއް ކަމަށް ނުވާތީ، އުންސިލުން އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އެޅުމަށާއި ޝަރީއަތަށް މައްސަލަ ހުށަހެޅުމަށް ނިންމާ ކަމަށެވެ. އޭގެ އިތުރުން ލާމަރުކަޒީ ނިޒާމު ހިންގުމަށް ދަތިކުރާ ކަމަށްބުނެ، ހުރިހާ ކައުންސިލެއްގެ ހައްގުގައި ސުޕްރީމް ކޯޓަށް ވެސް މައްސަލަ ހުށަހެޅުމަށް ގަރާރުގައިވެއެވެ.
އެ ޖަލްސާއަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ބިންތައް ނެގުމުގެ ސަބަބުން ކައުންސިލަށް ހިދުމަތްތައް ދިނުމަށް މާލީ ދަތިތަކެއް ކުރިމަތިވެގެންދާނެ ކަމަށާއި އެކަމުގެ ސަބަބުން ހުރިހާ ދަތިތަކެއް ކުރިމަތިވާނީ ރައްޔިތުންނަށް ކަމަށެވެ. އަދި އެއީ ކައުންސިލުން ރަނގަޅަށް ކަންކަން ކުރާތީ ކުރި ޖެއްސުމެއްގެ ގޮތުގައި އާޒިމް ސިފަކުރެއްވިއެވެ.
މި ސަރުކާރުން ބިންތައް ނަގައި ހިދުމަތްތައް ދިނުމަށް ދަތިތައް ކުރިމަތިކުރި ކަމުގައިވިޔަސް، އެމްޑީޕީގެ ސަރުކާރެއްގައި ފުރިހަމަކޮށް ރައްޔިތުންނަށް ހިދުމަތްދޭނެ ކަމަށާއި މި ދަތުރު ނިންމާނީ ރައްޔިތުންނަށް ރަނގަޅު މާލެއެއް ދިނުމަށްފަހު ކަމަށް އާޒިމް ވިދާޅުވިއެވެ. އޭގެ އިތުރުން ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސް އިން ހިންގާ މަޝްރޫއާ ދެކޮޅަށް ވެސް އޭނާ ވާހަކަދެއްކެވިއެވެ.
މިނިސްޓްރީން ބުނެފައިވަނީ، އެ 14 ބިން ސަރުކާރުގެ ދަށަށް ބަދަލުކުރުމަށް ނިންމީ މާލެއާއި ވިލިމާލޭގެ ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ އުމްރާނީ ތަރައްގީގެ މަސައްކަތްތައް އަވަސް ކުރުމަށާއި، އަސާސީ އިންފްރާސްޓްރަކްޗާ ވަސީލަތްތައް ގާއިމުކޮށް، އެ ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ކަމަށެވެ.
ގެޒެޓުކޮށްފައިވާ ޕްލޭނުގައިވާ ގޮތުން، އެ ބިންތަކުގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތައް:
- ސަލްޓަން ޕާކު އަދި މިއުޒިއަމް ސަރަހައްދު: ޒަމާނީ އީ-ސްޕޯޓްސް އެރީނާއަކާއި މިއުޒިއަމް ޕާކެއް ގާއިމުކުރުން.
- މަސް މާރުކޭޓު: އޮފީސްތަކާއި ވިޔަފާރިތަކަށް ހާއްސަކޮށްގެން ކުއްޔަށްދޭ ޒަމާނީ އާ އިމާރާތެއް އެޅުން.
- ލޯކަލް މާރުކޭޓު އަދި ދަތުރުވެރިންގެ މާރުކޭޓު: ލޯކަލް މާރުކޭޓު ޒަމާނީ މާރުކޭޓު ކޮމްޕްލެކްސްއަކަށް ބަދަލުކުރުމާއި، ދަތުރުވެރިންގެ މާރުކޭޓު ހުރި ބިމުގައި މިކްސް-ޔޫސްޑް ކޮމާޝަލް ތަރައްގީގެ މަޝްރޫއެއް ހިންގުން.
- ވިޔަފާރިވެރިންގެ ޖަމިއްޔާ ހިންގި ބިން: ކުޑަކުދިން ބަލަހައްޓާ ޑޭ ކެއާ ސެންޓަރަކާއި އެކުދިންގެ އެކި ހަރަކާތްތައް ހިންގާ މަރުކަޒެއް ގާއިމުކުރުން.
- ދަތުރުފަތުރާއި ޕާކިން ވަސީލަތްތައް: ބޮނޑިބަތް ޕާކުގައި ވިޔަފާރި ބައިތަކާއެކު ޒަމާނީ ޕާކިން އިމާރާތެއް އެޅުމާއި، ކުރީގެ ހަކަތަ ޕެޓްރޯލް ޝެޑް ހުރި ބިމުގައި އިލެކްޓްރިކް ވެހިކަލް (އީވީ) ޗާޖިން ފެސިލިޓީއެއް ގާއިމުކުރުން.
- ހިތްފަސޭހަ މައިޒާންތައް ބެލެހެއްޓުން: އާޓިފިޝަލް ބީޗު ޕަބްލިކް ރެކްރިއޭޝަނަލް ފެސިލިޓީއެއްގެ ގޮތުގައި އިތުރަށް ފުރިހަމަކުރުމާއި، ރަސްފަންނު ހިންގުން ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުން.
- ކައުންސިލް އެކަމަޑޭޝަން އަދި ކާނިވާ ސަރަހައްދު: ސިޓީ ކައުންސިލް އެކަމަޑޭޝަން ބިމުގައި ލޭބާ އެކަމަޑޭޝަނާއި ސްޓޯރޭޖް ފެސިލިޓީއެއް ހެދުމާއި، ކާނިވާ ކެފޭ ޕާކިން އޭރިއާ ރެކްރިއޭޝަނަލް އަދި ވިޔަފާރި ބޭނުންތަކަށް ތަރައްގީކުރުން.
- އެހެނިހެން ހިދުމަތްތައް: ތައިސޭކޮށީގެ ހުސްބިންތައް މަޝްރޫއުތަކުގެ ވޯކް ސައިޓެއްގެ ގޮތުގައި ބޭނުންކުރުމާއި، ޕޭ ޓޮއިލެޓް 2 ހުރި ތަނުގައި ޕަބްލިކް ފާހަނާއާއި އެއާ ގުޅޭ ވަސީލަތްތައް ގާއިމުކުރުން. އަދި މަސްވެރިންގެ މައިޒާން މިހާރުވެސް އޮތް ގޮތަށް އެމްޑަބްލިއުއެސްސީގެ ޕަމްޕް ސްޓޭޝަނެއްގެ ގޮތުގައި ދެމެހެއްޓުން.
މިނިސްޓްރީން ބުނެފައިވަނީ ސަރުކާރުގެ އަމާޒަކީ މާލޭގައި ފައިދާއެއް ނެތި ހުސްކޮށް އޮތް ބިންތައް ރައްޔިތުންގެ ލާބައާއި މަންފާއަށް އެންމެ އެކަށޭނަ ގޮތުގައި ބޭނުންހިފޭނެ މަގު ތަނަވަސްކުރުން ކަމަށެވެ.
މީގެއިތުރުން، އާންމުން ދަތުރުގޮސް ހިތްފަސޭހަކޮށްލަން ބޭނުންކުރާ ޕާކުތަކާއި މައިޒާންތަކުގެ ފެންވަރު ރަނގަޅުކޮށް، ދެމެހެއްޓެނިވި އުސޫލަކުން އެތަންތަން ބެލެހެއްޓުމަކީވެސް އެ ނިންމުމުގެ ބޭނުމެއްކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
އެ މަޝްރޫއުތަކާ ގުޅޭގޮތުން އެއްވެސް ފަރާތަކުން ހިޔާލެއް، މަޝްވަރާއެއް ނުވަތަ ޝަކުވާއެއް ހުށަހަޅަން ބޭނުންވާ ނަމަ، ފުރުސަތު ހުޅުވާލާފައިވާކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އެގޮތުން ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި އެ ޝަކުވާއެއް ލިޔުމުން މިނިސްޓްރީން ހުށަހަޅަންވާނެކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
މާލޭ ސިޓީ ކައުންސިލް
މާލޭ ސިޓީ ކައުންސިލް
މާލޭ ސިޓީ ކައުންސިލް
ކޮމެންޓް