ޓޫރިޒަމް މިނިސްޓަރު ކަމުން ވަކިކުރި އަލީ ވަހީދު އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ކުރަން ވަރަށް އަވަހަށް ފޮނުވޭނެ ކަމަށް ފުލުހުން ބުނެފި އެވެ.
މިިދިޔަ ޖުލައި މަހުގެ ނުވަ ވަނަ ދުވަހު ޓޫރިޒަމް މިނިސްޓަރުގެ މަގާމުން އަލީ ވަހީދު ވަކިކުރީ އޭނާގެ ފަރާތުން ޖިންސީ ގޯނާ އާއި ފުރައްސާރަ ލިބުނު އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީއާ ބައްދަލުކޮށް އެކަން ސަމާލުކަމަށް ގެނައުމުންނެވެ.
އެ މައްސަލައިގައި އަލީ ވަހީދު މަގާމުން ވަކިކުރިތާ އިއްޔެ އަށް ދެ މަސް ވެފައިވާއިރު، ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު "ވަން" އަށް ވިދާޅުވީ، އަލީ ވަހީދުގެ މައްސަލައިގައި ކުރަން ޖެހޭ އެންމެ ފަހުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ވަރަށް އަވަހަށް ދައުވާކުރަން ފޮނުވޭނެ ކަމަށެވެ.
ނަމަވެސް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވޭނެ ވަކި ތާރީހެއް އަދި އެކަމުގެ ތަހުގީގާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއްވަ އެވެ.
ފުލުހުން ކުރިން ބުނެފައިވާ ގޮތުން، އަލީ ވަހީދުގެ މި މައްސަލައިގައި 15 މީހެއްގެ ބަޔާން ވަނީ ނަގައިފަ އެވެ. އޭގެ އިތުރުން އަލީގެ ފޯނާއި ލެޕްޓޮޕަކާއި ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފަ އެވެ.
މި މައްސަލައިގައި މިދިޔަ ޖުލައި މަހުގެ 19 ވަނަ ދުވަހު އަލީ ވަހީދު ވަނީ ފުލުހަށް ހާޒިރުކޮށްފަ އެވެ. ފުލުސް އޮފީހުން ނުކުމެ ނޫސްވެރިންނާ ވާހަކަދައްކަވަމުން އަލީ ވަނީ، ތަހުގީގު އިންސާފުވެރިކަމާއެކު ކުރިއަށް ގެންގޮސްފިނަމަ ކުށެއް ނެތްކަން ސާބިތުވެގެންދާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަކީ ބަޔަކު ހިންގާފައިވާ ޖަރީމާއެއް ކަމަށާއި މި މައްސަލައަކީ ސިޔާސީ ނުފޫޒު އެކުލެވިގެންވާ މައްސަލައެއް ކަމަށް ވެސް ވިދާޅުވި އެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް