މިއަދު ރިސޯޓް ތަކަކީ އެތަންތަަނުގެ މުވައްޒަފުންނަށް ޖަލުތަކެއްނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ނިހާދު މިހެން ވިދާޅުވީ، މަސައްކަތު ގަޑި ނިމުމުން މަސައްކަތް ކުރާ ތަން ދޫކޮށް ދިއުމަށް ހުރަސް ނޭޅޭނެ ކަމަށާއި އެ ހައްގު ކޮންމެ މުވައްޒަފަކަށްވެސް ލިބިގެންވާ ކަމަށް ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނެސް ރައްޔިތުންގެ މަޖިލީހުން ބިލު ފާސްކޮށް، ރިސޯޓުތަކުގައި ވަޒީފާ އަދާ ކުރާ މުވައްޒަފުންނަށް "ނައިޓަށް" ދެވޭނެ ގޮތް ހަދައިދިނުމަށް މި ސަރުކާރުން ވެފައިވާ ވައުދު ފުއްދާފައިވުމާ ގުޅިގެން ބައެއް ފަރާތްތަކުން ފާޑުކިޔަމުންދާތީ އެވެ.

އެކަމާގުޅިގެން ނިހާދު ވިދާޅުވީ ރިސޯޓްގައި ހުރެފައި ޑިއުޓީ ނިމިގެން ފަސްމިނިޓުން ދެވޭ އެތައް ރަށެއް އޮންނައިރު، އެއިން ރަށަކަށް ދާން މުވައްޒަފުންނަށް ހުއްދަ ނޯންނަ ކަމަށެވެ. ޑިއުޓީ ނިމިގެން މުވައްޒަފުން ތިބެން ޖެހެނީ ސްޓާފް އޭރިއާގައި ބަންދުވެފައި ކަމަށާއި ޑިއުޓީ ނިންމައިފައި އަނބިދަރިން ކައިރިއަށް ރަށަށް ދާން ބޭނުންވިޔަސް ނުދެވޭ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް ގާނޫނަށް މި ގެނައި އެ އިސްލާހާ ގުޅިގެން މިއަދު ޑިއުޓީ ނިންމައިފައި މުވައްޒަފުންނަށް ދެވޭނެ ކަމަށާއި ރިސޯޓަކީ މިހާރު ބަންދުވެފައި ތިބޭން ޖެހޭ ޖަލެއް ނޫން ކަމަށްވެސް ނިހާދު ވިދާޅުވިއެވެ.

ސަރުކާރުން ވެފައިވާ އެ ވައުދު ފުއްދާފައި ވަނީ، ވަޒީފާ އަދާކުރާ ފަރާތް މަސައްކަތް ކޮށް ނިމުމުން، އެ ފަރާތް މަސައްކަތްކުރާތަން ދޫކޮށް ދިއުމުގެ ހައްގު ލިބިދޭ މާއްދާއެއް، ވަޒީފާއާބެހޭ ގާނޫނުގައި ހިމަނައިގެންނެވެ. އެ އިސްލާހުގައި ބުނެފައި ވަނީ، "މުވައްޒަފަކު އޭނާ މަސައްކަތް ކުރަން ކަނޑައަޅާފައިވާ ގަޑި ނިމުމުން، އޭނާ މަސައްކަތްކުރާ ސައިޓުގައި ނުވަތަ ރަށުގައި ނުވަތަ އުޅަނދެއް ފަދަ ތަނެއްގައި ހުރުމަށް، ވަޒީފާދޭ ފަރާތުން އޭނާއަށް މަޖުބޫރު ކޮށްގެންނުވާނެ،" ކަމަށެވެ.

މުވައްޒަފަކު އޭނާ ވަޒީފާ އަދާކުރަން ކަނޑައަޅާފައިވާ ގަޑި ނިމުމުން އޭނާ ވަޒީފާ އަދާކުރާތަން ދޫކޮށް ދިއުމާއި ވަޒީފާއަށް ނުކުންނަން ޖެހޭ ގަޑިއަށް އެތަނަށް އަނބުރާ އައުމަށް ވަޒިފާދޭ ފަރާތުން ނުވަތަ ތަނުގެ ވެރިފަރާތުން ހުރަސް އަޅައިގެން ނުވާނެ ކަމަށްވެސް ބުނެފައި ވެއެވެ.

"މަސައްކަތު ގަޑި ނިމުމުން މުވައްޒަފަކު، އޭނާ ވަޒީފާ އަދާކުރާތަން ދޫކޮށް ދިއުމަށް އަދި ވަޒީފާއަށް ނުކުންނަ ޖެހޭ ގަޑިއަށް އެތަނަށް އަނބުރާ އައުމަށް ފުރާ ދުއްވާ އުޅަނދެއް ބޭނުން ކުރަން ޖެހޭނަމަ، އެ އުޅަނދަކަށް އެތަނަކަށް ކައިރި ކުރުމުގެ ހުއްދަ، ވަޒީފާދޭ ފަރާތުން، ނުވަތަ ތަނުގެ ވެރިފަރާތުން ދޭންވާނެ،" ކަމަށްވެސް ބުނެފައި ވެއެވެ.

އެހެންކަމުން ރިސޯޓްތަކުގައި ވަޒީފާ އަދާކުރާ ފަރާތްތައްވެސް، މަސައްކަތު ގަޑި ނިމުމުން އުޅަނދެއްގައި އެމީހަކު ބޭނުން ތަނަކަށް ދިއުމުގެ ފުރުސަތު ލިބޭނެއެވެ.