ކޮވިޑު ޖެހުނު އިތުރު މީހަކު މަރުވެ، މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 31 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އެމީހާއަކީ ހއ. ކެލާގައި ކަރަންޓީނު ފުރިހަމަކުރަމުންދިޔަ ކެންސަރު ބަލީގެ ޕޭޝަންޓެއް މަރުވެފައިވާ ކަމަށާއި އޭނާ މަރުވެފައިވަނީ ރޭ 8:15 ގައި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ކަމަށެވެ. އޭނާއަކީ އުމުރުން 58 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެޗްޕީއޭ އިން ވަނީ އެ މަރަކީ ކޮވިޑުގެ މަރެއް ކަމަށް ކަނޑައަޅައިފައެވެ. މިއީ ކޮވިޑުގައި މިހާތަނަށް ރާއްޖޭގައި މަރުވި 31 ވަނަ މީހާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މިއީ މިދިޔަ 24 ގަޑިއިރުގެ ތެރޭ ރާއްޖޭގައި ކޮވިޑު ބަލީގައި މަރުވި ދެވަނަ މީހާއެވެ. ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާ ދެމުންދިޔަ 60 އަހަރުގެ ދިވެހި ފިރިހެނަކު ވެސް މިއަދު އިރުއޮއްސި 6:24 ގައި ވަނީ މަރުވެފައެވެ.

މިހާތަނަށް މި ބަލީގައި މަރުވެފަައިވަނީ 25 ދިވެހިންނާއި ހަ ބިދޭސީންނެވެ. މަރުވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ފަސް މީހަކާއި ފިލިޕީންސް މީހެކެވެ.

ކޮވިޑްގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިއަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވި މީހުންގެ ޖުމުލަ އަދަދު ވަނީ 8741 އަށް އަރައިފައެވެ. މިހާރު ބައްޔަށް ފަރުވާ ހޯދަމުން އަންނަނީ 2549 މީހުންނެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވެފައިވަނީ 6157 މީހެކެވެ.