މަރުގެ އަދަބު ދިނުމަށް ދިން އިންޖެކްޝަން ފޭލްވުމާ ގުޅިގެން ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ އުމުރުން 50 އަހަރުގެ ކްރިސްޓާ ޕައިކް ހޭއަރައި ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ގާނޫނީ ވަކީލުން ބުނެފިއެވެ.

އެމެރިކާގެ ޓެނެސީ ސްޓޭޓްގައި މިދިޔަ ސެޕްޓެންބަރު މަހުގެ 30 ވަނަ ދުވަހު ޕައިކްއަށް މަރުގެ އަދަބު ދިނުމަށް ދެ ފަހަރެއްގެ މަތިން ޕެންޓޯބާބިޓޯލް އިންޖެކްޝަން ދީފައިވެއެވެ. ނަމަވެސް އެކަން ކާމިޔާބު ނުވެ، އޭނާގެ ހާލު ސީރިއަސްވުމާ ގުޅިގެން ވަނީ ހޮސްޕިޓަލަށް ގެންގޮސް ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފައެވެ.

ޕައިކްގެ ގާނޫނީ ވަކީލުން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، އޭނާ މިހާރު ވަނީ ހޭއަރައި ވާހަކަދައްކަން ފަށައިފައެވެ. އޭނާއަށް މިހާރުވެސް ކްރިޓިކަލް ކެއާގައި ފަރުވާދެމުން އަންނަ ކަމަށް ވަކީލުން ފާހަގަކުރިއެވެ.

ވަކީލުން ބުނި ގޮތުގައި، އިންޖެކްޝަން ދިނުމުގެ ސަބަބުން ޕައިކްގެ އަތަށް ވަރަށް ބޮޑަށް ގެއްލުންވެފައިވީ ނަމަވެސް، އޭނާ އޮތީ އެނދުގައި ބިޑިއަޅުވައިފައެވެ. އޭނާގެ ހާލަތު ރަނގަޅުވަމުން އަންނަ ގޮތަކީ މެޑިކަލް ގޮތުން ބަލާއިރު އާދަޔާހިލާފު ކަމެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވާނެ ގޮތެއް ސީދާ ބުނަން ނޭނގުނު ނަމަވެސް، އޭނާ ރަނގަޅުވުމަށް ދިގު މުއްދަތެއް ނަގާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ވަކީލުން ބުނެފައިވެއެވެ.

މީގެ އިތުރުން، ޕައިކްގެ މަރުގެ ހުކުމް އުމުރުދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކޮށްދިނުމަށް ޓެނެސީގެ ގަވަރުނަރު ބިލް ލީގެ ކިބައިން ވަކީލުން ވަނީ އެދިފައެވެ.

ޕައިކްއަކީ 1995 ވަނަ އަހަރު އުމުރުން 19އަހަރުގެ ކޮލީން ސްލެމަރ މަރާލުމުގެ ކުށުގައި މަރުގެ ހުކުމް އިއްވާފައިވާ މީހެކެވެ.