މާލޭގެ ކަރަންޓީނު ފެސިލިޓީއެއްގައި ހުރި ކޮވިޑް 19އަށް ޕޮޒިޓިވް އަންހެނަކަށް އެ ފެސިލިޓީގައި މަސައްކަތް ކުރާ ބިދޭސީއަކު ޖިންސީ ގޯނާކޮށް ފުރައްސާރަ ކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާލޭގެ ކަރަންޓީނު ފެސިލިޓީއެއްގައި ހުރި ކޮވިޑަށް ޕޮޒިޓިވް 26 އަހަރުގެ އަންހެނަކަށް އެތަނުގައި މަސައްކަތްކުރާ ބިދޭސީ ފިރިހެނަކު ޖިންސީ ގޯނާކޮށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް މިދިޔަ އާދީއްތަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހުންގެ ފެމެލީ އެންޑް ޖެންޑާ އެފެއާޒް ޑިޕާޓްމަންޓުން ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ހުޅުލޭ އައިލެންޑް ހޮޓެލްގައި (އެޗްއައިއެސް) ފެސިލިޓީގައި މަސައްކަތްކުރާ ނަރުހަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ވެސް މީގެ ކުރިން ފެންމަތިވި އެވެ. އެ މައްސަލަ ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.