ގދ. ތިނަދޫގައި ހޯމް ކަރަންޓީނުގައި ހުރި އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެކަން ކަށަވަރު ކޮށްދެއްވައި ތިނަދޫ ކައުންސިލްގެ ރައީސް އަލީ އަމްޖަދު "ވަން" އަށް ވިދާޅުވީ އެރަށުން ހޯމް ކަރަންޓީނު ނިންމައި ޓެސްޓު ކުރި މީހުންގެ ތެރެއިން ޕޮޒިޓިވް ވެފައިވަނީ 34 އަހަރުގެ އަންހެނެއް ކަމަށާއި އޭނާގެ ނަތީޖާ ލިބުނީ މިއަދު ކަމަށެވެ.

އޭނާ ވިދާޅުވީ ޕޮޒިޓިވްވި އަންހެން މީހާ ހޯމް ކަރަންޓީނުގައި ހުރީ އޭނާގެ 18 އަހަރުން ދަށުގެ ދަރިފުޅާއި އިތުރު އަންހެނަކާއެކު އެއްތަނެއްގައި ކަމަށާއި ނަމަވެސް އެ ދެމީހުންގެ ކޮވިޑް ނަތީޖާ ނެގެޓިވްވެފައިވާ ކަމަށެވެ.

ރާއްޖެއިން މިހާތަނަށް ޖުމުލަ 8741 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. މީގެ އިތުރުން ރާއްޖޭގައި ބަލިން ފަސޭހަވީ މީހުންގެ އަދަދު 6157 އަށް އަރާފައިވާ އިރު، މިހާރު ރާއްޖޭގައި ބައްޔަށް ފަރުވާދެމުން އަންނަނީ 2549 މީހަކަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު އައިސޮލޭޝަން ފެސިލިޓީތަކުގައި 1096 މީހަކު އެބަ ތިއްބެވެ. އަދި ހޮސްޕިޓަލުތަކުގައި ތިބީ 139 މީހެކެވެ. ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 29 މީހަކު ވަނީ މަރުވެފަ އެވެ. އެއީ 23 ދިވެއްސަކާއި ބަންގުލަދޭޝްގެ ފަސް މީހަކާއި ފިލިޕީންސްގެ މީހެކެވެ.