ގދ. ހޯނޑެއްދޫން އިތުރު ފަސް މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
މީގެ ކުރިން ވަނީ ހޯނޑެއްދޫން 25 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެ ރަށުން އެންމެ ފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވީ މާލެއިން އެރަށަށް ގޮސް ހޯމް ކަރަންޓީނުގައި ތިބި އާއިލާއެއްގެ ހަތަރު މެންބަރުންނެވެ. އެމީހުން ޕޮޒިޓިވްވެފައިވަނީ މިމަހުގެ ދެވަނަ ދުވަހުއެވެ.
ހޯނޑެއްދޫ ކައުންސިލުގެ ނައިބު ރައީސް މުހައްމަދު އަޝްރަފު "ވަން" އަށް ވިދާޅުވީ، މިއަދު އެރަށުން ތިން އަންހެނަކާއި ދެ ފިރިހެނުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެ އެންމެންނަކީވެސް ކުރިން ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިގެން ބައްޔަށް ޓެސްޓްކުރެވުނު މީހުން ކަމަށެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ހޯނޑެއްދޫން ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓުންގެ އަދަދު 111 އަށް ވުރެ ގިނަ ކަމަށާއި އޭގެ ތެރޭގައި 60 އެއްހާ މީހުންނަކީ އަލާމާތްތައް ހުރި މީހުން ކަމަށެވެ.
ހޯނޑެއްދޫން ކޮވިޑަށް ޕޮޒިޓިވް ކޭސްތަކެއް ފެނުމާއެކު އެރަށުގެ އިތުރުން ކޯސްވޭއަކުން އެރަށާ ގުޅިފައި އޮންނަ މަޑަވެލި ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އަދި އެ ދެރަށުގެ ސްކޫލުތަކާއި ކެފޭ ރެސްޓޯރެންޓުތައް ބަންދުކޮށް، މާސްކް އެޅުން ވަނީ މަޖުބޫރުކޮށްފައެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު