ގދ. ހޯނޑެއްދޫން ނެގި 13 ސާމްޕަލެއް ނެގަޓިވް ކަމަށާއި ހޯނޑެއްދޫ އާއި ގދ. މަޑަވެލިން ނެގި 147 ސާމްޕަލް ޓެސްޓުކުރަމުން އަންނަ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
މިދިޔަ ހުކުރު ދުވަހު ފުރަބަންދުގައި ތިބި މީހުންނާ ގުޅުމެއް ނެތް ދެ މީހެއްގެ ފަރާތުން ބަލީގެ އަލާމާތްތަކެއް ފެނިގެން ޓެސްޓު ކުރި އިރު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި ހޮނިހިރު ދުވަހު ވަނީ އެރަށުން އިތުރު 19 މީހަކު ޕޮޒިޓިވްވެފައެވެ.
އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މިހާތަނަށް 111 ކޮންޓެކްޓުން ހޯދިފައިވާ ކަމަށާއި އެގޮތުން ބަލީގެ އަލާމާތްތައް ހުރި 60 މީހަކު ހިމެނޭ ކަމަށެވެ. އަދި ކޮންޓެކްޓުންގެ ގޮތުގައި އުމުރުން 50 އަހަރުން މަތީގެ ހަ މީހަކާއި އެއް އަހަރުން ދަށުގެ ދެ ކުދިން ހިމެނޭ ކަމަށް ނަޒްލާ ވިދާޅުވިއެވެ.
ނަޒްލާ ވިދާޅުވީ ކޮންޓެކްޓުން މިހާރު ކަރަންޓީނު ކުރެވިފައިވާ ކަމަށާއި އެމީހުންގެ ސާމްޕަލް ނަގައި ޓެސްޓް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
"މިއަދު ވަނީ ހޯނޑެއްދޫން 13 ސާމްޕަލްއެއް ޓެސްޓް ކުރެވިފައި. ނަތީޖާ ލިބުނު 13 ސާމްޕަލް ވަނީ ނެގެޓިވްވެފައި. މީގެ އިތުރުން 147 ސާމްޕަލް ދެ ރަށުން މިއަދު އައިސްފައިވޭ މާލެ. މިވަގުތުވީ އައިޖީއެމްއެޗް ލެބޯޓްރީގައި. ޓެސްޓް ކުރެވެމުންދަނީ. އެއީ މަޑަވެލިން 61 ސާމްޕަލް އަދި ހޯނޑެއްދޫން 86 ސާމްޕަލް،" ނަޒްލާ ވިދާޅުވިއެވެ.
ނަޒްލާ ވިދާޅުވީ ސާމްޕަލް ނަގާފައިވަނީ ބަލީގެ އަލާމާތްތައް ހުރި މީހުންނާއި ކޮންޓެކްޓްވީ މީހުންނާއި ރެސްޓޯރެންޓްތަކާއި ފިހާރަތަކުގައި މަސައްކަތްކުރާ މީހުންނާއި ހެލްތު ސެންޓަރުގައި މަސައްކަތް ކުރާ މީހުންނާއި ޑްރައިވަރުން ހިމެނޭ ކަމަށެވެ.
ނަޒްލާ ވިދާޅުވީ މަޑަވެލިން 51 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށާއި އޭގެ ތެރޭގައި 10 މީހުންގެ ފަރާތުން އަލާމާތްތައް ފެނިފައިވާ ކަމަށެވެ.
ނަޒްލާ ވިދާޅުވީ ކޭސްތަކާ ގުޅިގެން މިހާރު ފިޔަވަޅުތައް އަޅާފައިވާ ކަމަށާއި އެގޮތުން ސުކޫލުތައް މިހާރު ވަނީ ބަންދުކޮށްފައެވެ. އަދި ކެފޭ ރެސްޓޯރެންޓްތައް ވެސް ބަންދުކޮށްފައިވާ ކަމަށާއި ހަމައެކަނި ހުއްދަ ދީފައިވަނީ ޑެލިވަރީގެ ހިދުމަތަށް އެކަނި ކަމަށެވެ.
މީގެ އިތުރުން އެ ދެ ރަށުގައި މާސްކް އެޅުން މިހާރު މަޖުބޫރު ކޮށްފައިވާ ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު