އަމިއްލަ ގޮތުންނާއި، އެންސްޕާ އަދި އާސަންދައިގެ ދަށުން ބޭސްފަރުވާ ކުރުމަށް ރާއްޖޭން ބޭރަށް ގޮސް ތިބި ދިވެހިންގެ ތެރެއިން ގައުމުތަކުގެ ބޯޑަރު ބަންދުކުރުމުން އަނބުރާ ރާއްޖެ ނާދެވިފައިވާ މީހުންނަށް ފައިސާގެ އެހީ ދިނުމުގައި ގިނަ ގޯސްތަކެއް ހަދާފައިވާ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

ކޮވިޑާ ގުޅިގެން ޖެނުއަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް އާސަންދަ އަދި އެންސްޕާއިން ކޮށްފައިވާ ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓް މިއަދު ވަނީ އާންމުކޮށްފައެވެ. އެ ރިޕޯޓުގައި ކޮވިޑާ ގުޅިގެން ރާއްޖެ ނާދެވިފައިވާ ފަރާތްތަކަށް ފައިސާގެ އެހީ ދިނުމުގެ ވަރަށް ގިނަ ގޯސްތައް ހަދާފައިވާ ކަމަށް ވަނީ ފާހަގަކޮށްފައެވެ.

އޮޑިޓް އޮފީހުން ބުނީ އަމިއްލަ ގޮތުންނާއި އެންސްޕާ އަދި އާސަންދައިގެ ދަށުން ބޭސްފަރުވާ ކުރުމަށް ރާއްޖޭން ތިބި ދިވެހިންގެ ތެރެއިން ކޮވިޑްގެ ސަބަބުން ގައުމުތަކުގެ ބޯޑަރު ބަންދުކުރުމާ ގުޅިގެން ރާއްޖެ ނާދެވި ހާލުގައި ޖެހި، ފައިސާގެ އެހީތެރިކަމަށް އެދުނު 418 މީހަކަށް 4.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.

އޮޑިޓް އޮފީހުން ބުނީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްދިޔަ ބައެއް ފަރާތްތައް އެނބުރި ރާއްޖެ އައުމަށް ނަގާފައިވާ ޓިކެޓުގެ ކޮޕީ އެންސްޕާއިން ހޯދާފައި ނުވުމުން އެ ފަރާތްތަކަށް ފައިސާގެ އެހީ ދޭން ފަށަން ޖެހޭ ތާރީހު އެނގެން ނެތް ކަމަށާއި ޓިކެޓުގެ ކޮޕީ ހޯދުމަކާ ނުލައި 30 ޖޫންގެ ނިޔަލަށް 26 ފަރާތަކަށް 157,284 ރުފިޔާ، އެންސްޕާ އިން ހަރަދުކޮށްފައިވާ ކަމަށެވެ. އެހެންކަމުން ފައިސާގެ އެހީ ދީފައިވާ ފަރާތްތަކަކީ ރާއްޖޭން ބޭރުގައި ތިބި ފަރާތްތަކެއްކަން އަދި ފައިސާގެ އެހީ ދީފައިވަނީ ކިހާ މުއްދަތަކަށް ކަން ކަށަވަރުކުރެވެން ނެތްކަން ކަމަށްވެސް އޮޑިޓް ރިޕޯޓުގައިވެއެވެ.

އޮޑިޓް އޮފީހުން ބުނީ ބޭސްފަރުވާ ކުރުމަށް އިންޑިއާ އަދި ސްރީލަންކާއަށް ގޮސް ތިބި ދިވެހިންނަށް ހުރުމަށާއި ކެއުމަށް ދޭ އެލަވަންސް ދިނުމަށް ކަނޑައެޅުނު އޮޕަރޭޓިން ޕްރޮސީޖަރު ގައިވާގޮތުން، ފައިސާގެ އެހީ ދެވޭނީ ރާއްޖެއަށް އައުމަށް ޓިކެޓް ނަގާފައިވާ ތާރީހުން ފެށިގެން ލޮކްޑައުން ފިލަންދެން ނުވަތަ އެމީހުން ރާއްޖެ އާދެވެންދެން ކަމަށެވެ. ނަމަވެސް އާސަންދަ ކުންފުނިން ފައިސާގެ އެހީ ދީފައިވާ ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކަށް، ރާއްޖެ އެނބުރި އައުމަށް ޓިކެޓް ނަގާފައިވާ ތާރީހުގެ ކުރިއަށް ފައިސާގެ އެހީ ދީފައިވާ ކަމަށެވެ.

އެގޮތުން 30 ޖޫންގެ ނިޔަލަށް ތިން ފަރާތަކަށް 116,807 ރުފިޔާ އިތުރަށް ދީފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން، ދައުލަތުން ކުރަން ނުޖެހޭ ހަރަދެއް ކުރެވިފައިވާ ކަމަށްވެސް އޮޑިޓް ރިޕޯޓުގައިވެއެވެ.

އޮޑިޓް ރިޕޯޓުގައިވާ ގޮތުން ކަނޑައަޅާފައިވާ ރޭޓާ ހިލާފަށް ތަފާތު ރޭޓަކުން ފައިސާ ދީފައިވާ ކަމަށެވެ. އެގޮތުން ދެ މީހަކަށް އުސޫލާ ހިލާފަށް ދޭންޖެހޭ މިންވަރަށް ވުރެ އިތުރަށް އަދި ދެ މީހަކަށް ދޭންޖެހޭ މިންވަރަށްވުރެ މަދުން ފައިސާ ދީފައިވާ ކަމަށް ވަނީ ފާހަގަކޮށްފައެވެ.

އޮޑިޓް އޮފީހުން ބުނީ ލޮކްޑައުންގެ މުއްދަތުގައި ރާއްޖޭން ބޭރުގައި ނިޔާވެފައިވާ ފަރާތަކަށް، ނިޔާވި ތާރީހުގެ ފަހުން ފައިސާގެ އެހީ ދީފައިވާ ކަމަށެވެ. މިގޮތުން އާސަންދައިގެ ދަށުން ބޭސްފަރުވާ ކުރުމަށް ރާއްޖެއިން ބޭރުގައި ހުރި ފަރާތެއް، 15 އޭޕްރީލްގައި ނިޔާވެފައިވާ ކަމަށާއި އެމީހާ ނިޔާވިކަން 16 އޭޕްރީލްގައި ހޮސްޕިޓަލުން އާސަންދަ ކުންފުންޏަށް އަންގާފައިވާ ކަމަށެވެ.

"ނަމަވެސް އެ ފަރާތް ނިޔާވި ތާރީހުގެ ފަހުން އާސަންދަ ކުންފުނިން އަދި އެންސްޕާއިން ފައިސާގެ އެހީގެ ގޮތުގައި 9,498 ރުފިޔާ އެ ފަރާތުން ދީފައިވާ ބޭންކް އެކައުންޓަށް ޖަމާކޮށްފައިވާކަން ފާހަގަކުރެވުން،" ރިޕޯޓުގައިވެއެވެ.

އެގޮތުން މަރުވި ތާރީހުގެ ފަހުން 11 ދުވަހަށް އެންސްޕާ އަދި އާސަންދައިން އެފަރާތަށް ފައިސާ ދޫކޮށްފައިވެއެވެ. އާސަންދައިން އެމީހާއަށް ފައިސާ ދީފައިވަނީ އޭޕްރީލް 29 ގައެވެ. އަދި އެންސްޕާއިން ފައިސާ ދީފައިވަނީ މެއި 19 ގައެވެ.

ބޭސްފަރުވާއަށް އިންޑިއާ އަދި ސްރީލަންކާއަށް ގޮސް ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އެނބުރި ނާދެވިފައިވާ ފަރާތްތަކަށް ފައިސާގެ އެހީ ދިނުމުގައި، އާސަންދައިންނާއި ފޮރިން މިނިސްޓްރީން އެއް ފަރާތަކަށް އެއް މުއްދަތަކަށް ފައިސާގެ އެހީ ދީފައިވާ ކަމަށެވެ. އެގޮތުން ހަތަރު ފަރާތަކަށް 21,033 ރުފިޔާ އިތުރަށް ދީފައިވާ ކަމަށްވެސް އޮޑިޓް ރިޕޯޓުގައިވެއެވެ.

އޮޑިޓް ރިޕޯޓުގައި އިތުރަށް ވަނީ ފައިސާގެ އެހީ ދިނުމުގައި ބައެއް ފަރާތްތަކަށް ދޭންޖެހޭ އަދަދަށްވުރެ އިތުރަށް އަދި މަދުން ފައިސާ ދީފައިވާ ކަމަށެވެ. މިގޮތުން 30 ޖޫންގެ ނިޔަލަށް 18,834 ރުފިޔާ އިތުރަށް ދީފައިވާ ކަމަށާއި އަދި 7,520 ރުފިޔާ މަދުން ހަރަދުކޮށްފައިވާ ކަމަށްވެސް ރިޕޯޓުގައިވެއެވެ.