ގދ. ތިނަދޫގައި ކޮވިޑް ފެސިލިޓީއެއް ހަދަން ނިންމައި، އެކަމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

ތިނަދޫ ކައުންސިލުގެ ރައީސް އަލީ އަމްޖަދާއި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާން ވެސް ވަނީ އެކަން "ވަން" އަށް ކަށަވަރު ކޮށްދެއްވައިފައެވެ.

ތަސްލީމާ ވިދާޅުވީ، ތިނަދޫގައި ކޮވިޑް ފެސިލިޓީއެއް ހަދަން ނިންމާފައިވާ ކަމަށާއި އަމާޒަކީ 14 ދުވަސް ތެރޭގައި އެތަން ހަދައި، ނިންމުން ކަމަށެވެ.

އަމްޖަދު ވިދާޅުވި ގޮތުގައި، ކޮވިޑް ފެސިލިޓީ ހަދަނީ އެރަށު ދަރުބާރުގޭގައި ކަމަށާއި އެޗްޕީއޭގެ ފަރާތުން އެރަށަށް ގޮސް، އެތަނުގެ މިންތަކާއި ބައެއް މަސައްކަތްތައް މިއަދު ކޮށްފައިވާ ކަމަށެވެ. އެގޮތުން އެތަނުގައި ހަދަނީ 20 އެނދުގެ ފެސިލިޓީއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ތިނަދޫގައި ކޮވިޑް ފެސިލިޓީއެއް މި ހަދަނީ، އެރަށުން ކޮވިޑް 19 އަށް ޕޮޒިޓިވްވި މީހަކު، ގއ. ވިލިނގިލީގައި ހުންނަ ކޮވިޑް ފެސިލިޓީގައި ފަރުވާ ދޭން އެރަށު މަދު ބަޔަކު ނުކުމެ ދެކޮޅު ހަދައި އޭނާ އެ ރަށަށް ނޭރުވި މައްސަލަ ބޮޑުވެފައި ވަނިކޮށެވެ. އެގޮތުން ވިލިނގިއްޔަށް ފޮނުވި މީހާ ސަރުކާރަށް އެންމެ ފަހުން ޖެހުނީ އެއާ ޓެކްސީއެއް ފޮނުވައިގެން އޭނާ މާލެ ގެންނާށެވެ.

ގއ. ވިލިނގިލީގައި 23 އެނދުގެ ކޮވިޑް ފެސިލިޓީއެއް ހެދީ ގއ. އަތޮޅާއި ގދ. އަތޮޅުން ކޮވިޑަށް ޕޮޒިޓިވްވެ ބަލީގައި ހާލު ދެރަވާ މީހުންނަށް ފަރުވާ ދިނުމަށެވެ.