ކޮވިޑް 19 އާ ގުޅިގެން ގާނޫނުގައި ބުނެފައިވާ ދުވަހަށް އާ ކައުންސިލަރުން އިންތިހާބު ކުރެވިފައި ނުވާތީ، އާ އިންތިހާބެއް ބާއްވައި ކައުންސިލަރުން މަގާމާ ހަވާލުވަންދެން މިހާރު ތިބި ކައުންސިރުން މަގާމުތަކުގައި ތިބޭގޮތަށް، ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ މުއްދަތުގައި، ކައުންސިލްތަކުގެ ރައީސުންނާއި ނައިބު ރައީސުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނުނެގޭ ގޮތް ހަދަން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް، ލޯކަލްގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ހުށަހަޅައިފިއެވެ.

މިކަން ހުށަހެޅީ، މުއްދަތު އިތުކޮށްގެން މިހާރު ކުރިއަށްދާ ކައުންސިލްތަކުގައި ހުރި މައްސަލަތަކާބެހޭގޮތުން، ކޮމިޓީއާއެކު އެލްޖީއޭއިން މިއަދު ބޭއްވި މަޝްވަރާ ބައްދަލުމުގައި އެލްޖީއޭގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ އެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ، ކައުންސިލްތަކާބެހޭ މައްސަަލަ ތަކުގެ ތެރެއިން ކައުންސިލްތަކުގެ ރައީސުންނާއި ނައިބު ރައީސުންގެ އިތުބާރު ނެތްކަކަށް ވޯޓު ނެގުމުގެ މައްސަަލައަކީ، ވަރަށް ސެންސިޓިވް މައްސަލައަކަށްވެފައިވާ ކަމެއް ކަމަށެވެ،

އެކި ކަންކޮޅުތަކުގައި އެ މައްސަލަ ކުރިއަށް ގެންދިއުމުގައި ހަރަކާތްތެރިވަމުންދާގޮތުން ކައުންސިލްތައް ހިންގުމަށް ހުރަސްއެޅި ކައުންސލްތައް ހުއްޓޭ ގޮތް ދިމާވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެކަމުގެ ހައްލަކަށް ވިސްނާއިރު މިނިސްޓަރު ވިދާޅުވީ، މިހާރު ތިބި ކައުންސިލަރުންނަކީ، ގާނޫނީގޮތުން މަގާމު ހަވާލުކޮށްފައިވާ މުއްދަތު ހަމަވެފައިވާ ކައުންސިލަރުންކަމަށް ވެފައި، ސަންސެޓް ގާނޫނުން މުއްދަތު އިތުރުކޮށްފައިވާ، ކައުންސެލަރުންތަކަކަށްވާތީ، ލާމަރުކަޒީ ގާނޫނުގައި ގާނޫނުގައި ކަނޑައަޅާފައި އޮތް ގޮތަށް، އިތުބާރު ނެތްކަމުގެ ވޯޓުފަދަ ކަންކަން އެގޮތަށް ކުރިއަށް ގެންދިއުމަކީީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

މީގެ އިތުރުން، އިތުބާރުނެތްކަމުގެ ވޯޓުފަދަ މައްސަލަ ތަކާހެދި ކައުންސިލްތައް ހުއްޓުން ހައްލު ކުރުމަށް ސަންސެޓް ގާނޫނުން ކައުންސިލަރުންގެ ދައުރު ދަންމާލި މުއްދަތުގައި އިތުބާރުނެތްކަމުގެ ވޯޓު ނުނެގޭގޮތަށް ހަމަޖައްސައި ދިމާވާ މައްސަލަތައް ހައްލު ކުރުމުގެ އުސޫލެއް ހަމަޖެސިދާނެ ކަމަށެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ، އެފަދަ އުސޫލުތައް ހަދައި އެކަންކަން ހުއްޓުވުމުގެ ބާރު އިސްލާހު ކުރެވުނު ގާނޫނުން އެލްޖީއޭއަށް ލިބޭކަމަށެވެ. ނަަމަވެސް އެެކަންކަން މަޖިލިސް ކޮމިޓީއަށް ހުށަހެޅުއްވީ، އެއީ ރައްޔިތުންގެ މަސްލަހަތާ ނުހަނު ބޮޑަށް ގުޅިފައިވާ ކަމަކަށްވާތީ، އެކަމާބެހޭގޮތުން ގޮތެއް ނިންމުމުގައި މަޖިލީހުގެ ހިޔާލާއި މަޝްވަރާ ހޯދައިގެން މަޖިލީހުން އެދޭ ގޮތަކަށް އެކަންތައްތައް ކުރިއަށް ގެންދިއުމަށް ކަމަށެވެެ.

ހާއްސަ ގާނޫނެއްގެ ދަށުން، ހާއްސަ މުއްދަތަކަށް ކައުންސިލްތަކުގެ ކަންކަން ހިނގަމުންދިޔަ ނަމަވެސް، އެލްޖީއޭގެ ބޯޑުގެ މެންބަރުން އެކަންކަން ވަރަށް ގާތުން ބައްލަވައި ރަނަގަޅު ކުރެވޭތޯ ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް ކޮވިޑް 19 ގެ ސަބަބުން ދިމާވެފައިވާ މި ދަތި ހާލަތުގައި މުޅި ނިޒާމު ހިންގުމަށް ހުރަސްތަކަކާއި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަކީ އެންމެނަށްވެސް ގަބޫލު ކުރެވޭކަމެއް ކަމަށްވެސް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.