ދ. މީދޫ ކައުންސިލުގެ ރައީސް ހޮވުމަށް ބޭއްވި ބައި- އިލެކްޝަނުން ޕީއެންސީއަށް ލިބުނު ބޮޑު ކާމިޔާބީއަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ އިސްލާހީ އެޖެންޑާ ރައްޔިތުން ބަލައިގެންފިކަމުގެ ހެއްކެއްކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
މީދޫ ކައުންސިލްގެ ރައީސް އިންތިހާބު ކުރުމަށް އިއްޔެ ބޭއްވި އިތުރު ބުރުގެ ވޯޓު، ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމް ކާމިޔާބު ކުރެއްވީ 54.09 ޕަސަންޓް ވޯޓާއެކުގައެވެ. އެ ނަތީޖާއާއެކު އެ ރަށު ކައުންސިލްގެ ހުރިހާ ގޮނޑިއެއް މިހާރު ވަނީ ޕީއެންސީން ކާމިޔާބުކޮށްފައެވެ. މިއީ މިދިޔަ އޭޕްރީލް މަހު ބޭއްވި އިންތިހާބުގައި ދެ ކެންޑިޑޭޓުން އެއްވަރުވުމުން، ހައިކޯޓުގެ އަމުރަކަށް އަލުން ބޭއްވި ވޯޓެކެވެ.
އެ ކާމިޔާބީ ފާހަގަކުރުމަށް މީދޫގައި މިރޭ ބޭއްވީ ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ. ޕީއެންސީއަށް މީދޫއިން ލިބުނު ކާމިޔާބީއަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކުރެވޭ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.
"އަޅުގަނޑު ދަންނަވާލާނީ މީދޫގެ މި ނަތީޖާއިން އެނގިއްޖެއޭ ރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި ސަރުކާރަށް އަދި ރައީސުލްޖުމްހޫރިއްޔާއަށް އަދި އެ މަނިކުފާނު ކުރައްވާ އިސްލާހީ މަސައްކަތަށް ރައްޔިތުންގެ ތާއީދު އޮތް މިންވަރު. އެހެންވީމާ އިރާދަކުރެއްވިޔާ 2028 ގައި އަޅުގަނޑުމެން މިކުރާ މަސައްކަތަށް ވަރަށް ބޮޑު ޔަގީންކަމެއް ލިބިގެން ހިނގައްޖެ މިގޮނޑީގެ ސަބަބުން" ފަލާހު ވިދާޅުވިއެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް އިޝާރާތް ކުރައްވައި ފަލާހު ވިދާޅުވީ، އެމްޑީޕީގެ ދަފުތަރުގައި މެންބަރުން ގިނަ ނަމަވެސް، އިންތިހާބުތަކުގައި ރައްޔިތުންގެ ނިންމުން ހުރީ ސަރުކާރާ އެކުގައި ކަމަށެވެ. އަދި މީދޫގައި ޕީއެންސީން މި ކުރިހޯދީ އިދިކޮޅު އެމްޑީޕީއާއި، ޕީއެންއެފްގެ އިތުރުން އެމްޑީއޭއާވެސް ވާދަކޮށްގެންކަމަށް ފަލާހު ވިދާޅުވިއެވެ.
މުހައްމަދު އިޝާން
އިބްރާހިމް ފަލާހު
އިބްރާހިމް ފަލާހު
ކޮމެންޓް