ކޮވިޑް ހުއްޓުވާނީ އަހަރެން

މި ހިތްދަތިކަން ނިމުމަކަށް ގެންނާނީ އަހަރެން!

ރާއްޖޭގެ އެންމެ ބޮޑު އެއަރޕޯޓް، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް، ފަޅަށް ހުރި ހަތަރު މަސްދުވަހުގެ ހަނދާންތައް އަދި ނުފޮހެވެ އެވެ. އެއީ ރާއްޖޭގެ ޓޫރިޒަމްގެ 48 އަހަރުގެ ތާރީޚުގައި އެ އެއަރޕޯޓަށް ޓޫރިސްޓުން ނައިސް މާޒީވީ ހަމައެކަނި ދުވަސްތަކެވެ. ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ މައި ބަނދަރުގެ އެ ފަޅުކަން ދިވެހިންނަށް ގެނެސްދިނީ ކޮން ތަޖުރިބާއެއް ހެއްޔެވެ؟ އާއެނކެވެ. ފަގީރުކަމެވެ: މިއީ ޑިސެމްބަރު 31 ، 2019 އާ ޖެހެންދެން އަޅުގަނޑުމެން ދުށް ތަނަވަސް ރާއްޖެއެއް ނޫނެވެ: މިއީ އޭރުގެ ނިސްބަތުން މިހާރު ފަގީރު ގައުމެކެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގައި ރާއްޖޭގެ އިގުތިސާދު ފުނޑުކޮށްލީ، ދުނިޔެއަށް މަޝްހޫރު އަދި ރީތި ރިސޯޓްތައް ބަންދުކޮށްގެންނެވެ. އެއީ، އެއްގޮތަކުން، އަހަންނާއި ތިބާ އާއި އޭނާގެ ދިރިއުޅުން ވެސް ބަންދުވުމެވެ. ރާއްޖޭގެ ހިތްގައިމު މާހައުލުން އުފާ ހޯދަން ޓޫރިސްޓުން ނާންނަހާ ހިނދަކު، ދިވެހިންނަށް އޮތީ ދަތި ދުވަސްތަކެކެވެ. ދިވެހި އިގުތިސާދަށް އޮތީ ބަނަކަމެވެ.

ކޮވިޑްއާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރީ، ތިން މަހެއްހާ ދުވަހުގެ ތެރޭގައި ބަލިން އަރައިގަނެ، އުފާވެރި ފެށުމަކަށް އުއްމީދުކުރަމުންނެވެ. އެ ބަލި މާލެ ސަރަހައްދުން ފެނުމާ އެކު ލޮކްޑައުންއަށް ގޮސް، ހޭދަކުރި ދެ މަސްދުވަހު، އެންމެންގެ ގުރުބާނީގެ ތެރެއިން ނަތީޖާ ހޯދި އެވެ: ބަލި ކޮންޓްރޯލްކުރި އެވެ. އެކަމަކު ލޮކްޑައުން ދޫކޮށް، އާންމުންނަށް ގެއިން ބޭރަށް ނުކުންނަން ލިބުނު ފުރުސަތާ އެކު، މިހާރު މި އޮތީ ކުރިއަށް ވުރެ ވެސް ބޮޑު ނުރައްކަލެއްގެ ތެރޭގަ އެވެ.

ގިނަ މީހުންގެ ސަބަބަކުންނެއް ނޫނެވެ. މަދު ބައެއްގެ އަޅާލުން ކުޑަކަމުންނެވެ. މަދު ބައެއްގެ ބޯހަރުކަމުންނެވެ. އެކަމަކު އެމީހުންގެ އެ އުސޫލުތަކުން ގައުމުގެ ތަނަވަސްކަމަށް މިދަނީ ހުރަސް އެޅެމުންނެވެ. ބަލި ކޮންޓްރޯލްނުވެ، ސިއްހީ ނިޒާމް ފުނޑެމުންނެވެ.

މަށާއި ތިބާ އާއި އޭނާ ވެސް، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފަރުވާކުޑަކުރަނީ އެވެ. ބޭރުގައި ބޭކާރު ވަގުތު ހޭދަކޮށް، ކެއުންތަކާއި ކޮފީތަކާއި ބައްދަލުވުންތަކުގަ އެވެ. ކޮރޯނަވައިރަސް ހުރިކަން ނޭނގި، އެއް ބަޔަކު އަނެއް ބަޔެއްގެ ގަޔަށް އަރުވަމުން، އެ ވައިރަސް އުފުލައިދޭ މީހުން ގިނަކުރަމުގަ އެވެ. ތިމާއަށް ހުއްޓުވެން އޮތް ބައްޔެއް، ތިމާގެ ވެސް ފަރުވާކުޑަކަމުން، މައިތިރިނުވެ އޭގެ ތެރޭގައި ގައުމު ވެސް ފުނޑާލުމުގަ އެވެ. އުމުރުން ދުވަސްވީ މީހުންނާއި އެހެން ބަލިތަކުގެ މީހުންގެ ފުރާނަ ނުރައްކަލަށް ވައްޓާލުމުގަ އެވެ.

މިއީ ތަފާތު ގައުމެކެވެ. ދުނިޔޭގެ އެހެން ގައުމުތަކުން މިސާލު ނަގައިގެން މި ދިވެހިރާއްެޖެއަށް ސަލާމަތެއް ނެތެވެ. ލޯ ހުޅުވާލަމާ ހިނގާށެވެ. މުއްސަނދި ސައުތު ކޮރެޔާގެ އާންމުން ވެސް ފަރުވާކުޑަކޮށްލި އެވެ. ކޮރޯނާވައިރަސްއާ ދެކޮޅު ފިޔަވަޅުތައް ހަނދާން ނައްތާލި އެވެ. ފައްޅިތަކުގައި ބޮޑެތި ޖަމާއަތްތައް ހެދި އެވެ. ބޭރުގައި ކެއުންތަކާއި ޕާޓީތައް ބޭއްވި އެވެ. އެކަމަކު މިއަދު، އެ ބުނާ "ދެ ވަނަ ރާޅު"ގައި، ވެރިރަށުގެ ސިއްހީ އެހީތެރިން ރޮއިގެންފި އެވެ. އެމަޖެންސީ އެނދުތައް ހުސްވެ، ހާސްކަން އޭގެ ނިހާޔަތަށް ހިނގައްޖެ އެވެ.

ތަރައްގީވެފައިވާ ސްޕެއިން ނަގަމާ ހިނގާށެވެ. ފުރަތަމަ ރާޅުގައި ކުރި ހިތްދަތި ތަޖުރިބާއިން ސަލާމަތްވެ، އާންމު ހާލަތަކަށް ދިއައީ ކަމަށް ނިންމުނެވެ. އެކަމަކު ކޮރޯނާވައިރަސްގެ ބާރު ސްޕީޑް ހުއްޓުވުމުގެ ފިޔަވަޅުތަކާ ބައެއް މީހުން ދުރުވެގަތެވެ. މިއަދު ސިއްހީ ނިޒާމަށް އޮބިނޯވެ، ހޮސްޕިޓަލްތައް ފުރި، އިމަޖެންސީ ފަރުވާ ގަޑުބަޑުވެއްޖެ އެވެ. ވަސީލަތްތައް އިތުރުނުކޮށް، ސަލާމަތެއް ނެތް ކަމަށް ބުނެ، ސިއްހީ އެހީތެރިން، ސަރުކާރަށް އެ ގެންދަނީ އާދޭސްކުރަމުންނެވެ.

މިއިން ކޮންމެ ގައުމެއްގެ އިގުތިސާދު ވެސް ބިނާފައި އޮތީ، ދިވެހި ރާއްޖެ ގޮތަށް، ޓޫރިޒަމްގެ މައްޗަކަށް ނޫނެވެ. ސައުތު ކޮރެޔާގައި ޓޫރިޒަމްގެ ހިއްސާއަކީ ޖީޑީޕީގެ އެންމެ ފަސް ޕަސެންޓެވެ. ސްޕެއިންގެ ޖީޑީޕީގައި ޓޫރިޒަމްގެ ދައުރަކީ 11 ޕަސެންޓެވެ.

ރާއްޖެ އެހެން ހެއްޔެވެ؟ ރާއްޖޭގެ އިގުތިސާދުގައި ސީދާ ގޮތުންނާއި ނުސީދާ ގޮތުން ޓޫރިޒަމްގެ ހިއްސާ އުޅެނީ 75 ޕަސެންޓް ވުރެ މަތީގަ އެވެ. މައިގަނޑު ގޮތެއްގައި ބޭރު ފައިސާ ވައްދަނީ ޓޫރިޒަމުންނެވެ. އެކަމަކު މިއަދު، ކޮވިޑް-19 ފެތުރުން ކޮންޓްރޯލްނުވުމުން، ޓޫރިޒަމް އިންޑަސްޓްރީގެ އުއްމީދުތައް އެދަނީ ފެނަން ވަމުންނެވެ. ތިން މަސް ފަހުން ހުޅުވޭނެ ކަމަށް ބެލި ގިނަ ރިސޯޓްތައް އަދިވެސް ނުހުޅުވެ އެވެ. ބައެއް ރިސޯޓްތަކުން ބުނަނީ ނޮވެމްބަރުގެ ކުރިން ވިޔަފާރި ނުފެށޭނެ ކަމަށެވެ.

ނޮވެމްބަރާއި ޑިސެމްބަރަށް ވެސް، ޓޫރިޒަމް އިންޑަސްޓްރީ ކުރަނީ އުއްމީދެވެ. އެކަމަކު މާރޗު މަހު ކުރި އުއްމީދު ވެސް ފެނަންވެ، އިގުތިސާދު ވެއްޓެމުން ދާ ވަޅުގަނޑު ހައްތަހާ ފުންވަނީ އެވެ.

އާނއެކެވެ: އެންމެ ހަ މަސްދުވަހުގެ ތެރޭގައި ސަރުކާރު ފަގީރުވެއްޖެ އެވެ. މުއްސަނދި މީހާގެ ޖީބު ހުސްވާން ފަށައިފި އެވެ. ގިނަ މުސާރަވެރިންގެ އާމްދަނީ ހުއްޓިއްޖެ އެވެ. ދިިރިއުޅުން އެފުށް މިފުށަށް ޖެހިއްޖެ އެވެ.

ވިސްނާށެވެ. ކޮވިޑް-19 ހިފާފައި މި އޮތީ މުޅި ގައުމުގަ އެވެ. އަހަރެމެން އެންމެންގެ ދިރިއުޅުމުގަ އެވެ. އެކަމަކު ބައެއް މީހުންނަށް، ހާއްސަކޮށް ޒުވާނުންނަށް، އަދިވެސް ގަބޫލުނުކުރެވިގެން މި އުޅެނީ، މި ހިތްދަތި ހަގީގަތެވެ. ތިމާއަށް ކޮވިޑް ޖެހުނަސް، ނުރައްކަލެއް ނެތް ކަމަށް ހީކޮށް، އެހެން މީހުންގެ މަތިން ހަނދާން ނައްތާލައިފި އެވެ. މަޖާކޮށްލަން، ގްރޫޕް ހަދާފައި ނުކުމެ، ވައިރަހުގެ ތެރޭގައި ވަގުތު ހޭދަކުރަނީ ގައުމުގެ އިގުތިސާދު އޮތީ މަރު އެނދުގައިކަން ހަނދާން ނައްތާލައިފަ އެވެ.

މި ފަރުވާކުޑަކަމުގައި ފާއިތުވާ ކޮންމެ ދުވަހެއް އަހަރެމެން އެ ކައިރިކޮށްދެނީ އަނދިރިކަމަކަށެވެ. އަތްމަތި ދަތި ދުވަސްތަކަކަށެވެ. ފަގީރު ކުރިމަގަކަށެވެ.

މިހާ ވަރުން ވެސް އަހަރެމެންނަށް ނުވިސްނިގެން މި އުޅެނީ ކޮން ކަމެއް ހެއްޔެވެ؟ ކޮވިޑް-19 ފެތުރޭ ބާރު މިން ނޭނގެނީ ހެއްޔެވެ؟ ސިއްހީ އެހީތެރިންނާއި ފްރޮންޓްލައިންގެ މަސައްކަތްތެރިންގެ ގުރުބާނީ އިހުސާސްނުވޭ ހެއްޔެވެ؟ ސިއްހީ ނިޒާމް ފުނޑެމުން ދާ ވާހަކަ އަޑެއް ނާހަން ހެއްޔެވެ؟ އެއަރޕޯޓަށް އަދިވެސް ދިރުން ނާންނަކަން ނުފެނޭ ހެއްޔެވެ؟ ރިސޯޓްގައި ބަންދުވެގެން ތިބެ، ޓޫރިސްޓުންނަށް ޚިދުމަތް ފޯރުކޮށްދީ، ގައުމުގެ އިގުތިސާދު ދިރުވޭތޯ ނުކުމެ އެތިބި އަހަރެމެންގެ އަޚުންނާއި އުޚުތުން ނުދެކެން ހެއްޔެވެ؟ ސޯޝަލް މީޑިއާގެ އަހުލުވެރި ބަޔަކަށް ވިޔަސް، އެ މައުލޫމާތު ނުހޯދައި، އަދިވެސް މުނިފޫހިފިލުވަނީ ހެއްޔެވެ؟

އަހަންނާއި ތިބާ އާއި އޭނާ ވެސް ވިސްނާށެވެ. ހަގީގަތުގައި މިއަދު ގައުމުގައި އުފާވެރިކަމެއް ނެތެވެ. ކިތައްމެ ނޫން ކަމަށް ހެދިގެން އުޅުނަސް، މަޖާގަނޑުން ނުކުމެ ސިކުނޑި ހަމަޖެހިލާ އިރު ފެންނަނީ ކޮވިޑް-19ގެ ހިސާބުތަކެވެ. އިވެނީ ކޮންޓްރޯލް ނުވާ ވާހަކަ އެވެ. ހޮސްޕިޓަލް އެނދުތައް ފުރޭ ހަބަރުތަކެވެ. ކޮންމެވެސް ފުރާނައެއް ގެއްލިއްޖެކަމުގެ އިއުލާނެވެ.

އޮތީ ދެ ގޮތެކެވެ. ކޮވިޑް-19ގައި ހަލާކުވެ ދިއުމެވެ. ނުވަތަ "ކޮވިޑް ހުއްޓުވަން އަހަރެން ނުކުތުމެ"ވެ. އާނއެކެވެ. އެ ބާރު އޮތީ "އަހަރެންގެ އަތުގަ" އެވެ. ހަމަ މިވަގުތު އަޒުމް ކަނޑައަޅާށެވެ.

މި ހިތްދަތިކަން ނިމުމަކަށް ގެންނާނީ އަހަންނެވެ.

އެޑިޓަރުގެ ނޯޓު: މިއީ "ކޮވިޑް ހުއްޓުވާނީ އަހަރެން" ގެ ނަމުގައި ދިވެހި މީޑިއާއިން އިސް ނަގައިގެން ކުރިޔަށް ގެންދާ ގައުމީ ކެމްޕެއިންގެ ދަށުން ގެނެސްދީފައިވާ ރިޕޯޓެކެވެ.