ގދ. ތިނަދޫ މޮނީޓަރިންގެ ހާލަތު އުވާލާ، އާންމު ހާލަތަށް ގެނެސްފިއެވެ.

ތިނަދޫގައި މޮނީޓަރިންގެ ހާލަތު އުވާލާފައި ވަނީ މިއަދު ހެނދުނުއެވެ.

މިކަމާ ގުޅިގެން އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތިނަދޫ މޮނީޓަރިންގެ ހާލަތުން އާންމު ހާލަތަށް ގެނައީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ކޮވިޑް 19 އިން ރައްކާތެރިވުމަށް ބަލަން ކަނޑައެޅި ކަންކަމަށް ބެލުމުން، އެރަށް މޮނީޓަރިންގެ ހާލަތުގައި ބާއްވާނެ އިތުރު ސަބަބެއް މިވަގުތު ނެތުމުން ކަމަށެވެ.

އެގޮތުން މިއަދު ހެނދުނު 9:29 އިން ފެށިގެން ތިނަދޫގައި މޮނީޓަރިންގެ ހާލަތު އުވާލެވިފައިވާ ކަމަށާއި، މޮނިޓަރިންގެ ހާލަތާއި ގުޅިގެން ތިނަދޫގައި އަޅާފައިވާ ފިޔަވަޅުތައްވެސް ނިމުމަކަށް ގެނެވިފައިވާ ކަމަށް އެޗްޕީއޭގެ ބަޔާނުގައި ވެއެވެ.

ހޮނިހިރު ދުވަހު ތިނަދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އެރަށުން މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. ތިނަދޫން ޕޮޒިޓިވްވެފައި ވަނީ މާލެ ދަތުރުކުރާ ބޯޓެއްގައި އުޅޭ މީހެކެވެ. އެބޯޓުގައި މަސައްކަތް ކުރާ ބަންގްލަދޭޝް މީހަކުވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ފުރަތަމަ ތިނަދޫން ޕޮޒިޓިވްވި މީހާގެ ކޭސްއާ ގުޅިގެން މިހާތަނަށް 41 މީހަކު ގޭގައި އެކަހެރިވުމަށް އަންގާފައިވާ ކަމަށް މީގެ ކުރިން އެޗްޕީއޭއިން ބުނެފައިވެއެވެ.