އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގުން ފާހަގަވި އިތުރު ބަޔަކަށް ދައުވާ ކުރަން ވަރަށް އަވަހަށް ފޮނުވާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެެއެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި މިރޭ ވާހަކަދައްކަވަމުން ކޮމިޝަނަރު ހަމީދު ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގަކީ ބުރަ ބޮޑު ތަހުގީގެއް ކަމަށެވެ. އެގޮތުން އެ ތަހުގީގުގައި ފުލުހުންގެ ފަރާތުން އެކަނިވެސް އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓުގެ 11 ފުލުހަކު ބައިވެރިވާ ކަމަށް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ މައްސަލަ ތަހުގީގުކުރަމުންދަނީ ފުލުހުންނާއި، އެސެޓް ރިކަވަރީ ކޮމިޝަންގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގުޅިގެންނެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ރައީސް އަހުމަދު އައްސަދު ވިދާޅުވީ، އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު 300 މީހަކު ތަހުގީގަށް ފާހަގަވެފައިވާ ކަމަށެވެ. އަދި ތަހުގީގު ކުރިއަށްދާ ވަރަކަށް އެ ނަންބަރު އިތުރުވުން އެކަށީގެންވާ ކަމަށް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގައިި ހިމެނޭ އިތުރު ބަޔަކަށް ދައުވާ ކުރަން ފޮނުވާނެކަން ސީޕީ ހަމީދު މިރޭ ހާމަކުރައްވާފައިވާ އިރު، އެއީ ކޮން ބައެއްކަން އަދި ކިހާ އަދަދެއްގެ މީހުންނެއް ކަމެއް ވިދާޅެއް ނުވެއެވެ.

"އެމްއެމްޕީއާރުސީގެ މައްސަލައިގައި މިހާތަނަށް އައި އިރު ދިހަ ފަރާތެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްއަށް ހުށަހެޅި، އޭގެ ތެރެއިން ބައެއް ފަރާތްތަކުގެ ޝަރީއަތްވެސް މިހާރު ހިނގަމުންދޭ،" ހަމީދު ވިދާޅުވިއެވެ.

މީގެ އިތުރުން ސީޕީ ހަމީދު ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގަކީ އެހާ ފަސޭހައިން ތަހުގީގުކޮށް ނިމޭނެ މައްސަލައެއް ނޫން ކަމަށެވެ. އެއީ އެ ތަހުގީގު ކުރާއިރު، ގިނަ އެސަސްމަންޓްތަކާއި ދިރާސާތައް ކުރަން ޖެހޭތީ ކަމުގައި ވިދާޅުވިއެވެ.

ހަމީދު ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނުކަމަށް ތުހުމަތު ކުރެވޭ ފަސް ފުލުހެއްގެ މައްސަލަ ވެސް ބަލަމުން އަންނަ ކަމަށެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ ޖެހުނު މީހުންގެ ލިސްޓު މިހާތަނަށްވެސް އާންމުކޮށްފައެއް ނުވެއެވެ. އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ތެރެއިން ދޫކުރި 37 ރަށާއި 12 ފަޅު އެކި ފަރާތްތަކަށް ދޫކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް އެެސެޓް ރިކަވަރީ ކޮމިޝަނުން ބުނެފައިވާ އިރު، އެ ހިޔާނާތުގެ ސަބަބުން ދައުލަތަށް ގެއްލުނު ފައިސާގެ އަދަދު 3.4 ބިލިއަން ރުފިޔާއަށް އަރައެވެ.