ރަސްމާލޭގައި "މޯލްޑިވްސް ވޯޓާފްރޮންޓް އެންޑް މެރީނާ" ގެ ނަމުގައި ހިންގުމަށް ހަމަޖެހިފައިވާ ބިޔަ މަޝްރޫއުގެ ހުރިހާ ކަންކަން ކުރިއަށް ގެންދާނީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް، އެންމެހައި ރައްޔިތުންނަށް ހާމަކަން ބޮޑު ގޮތެއްގައިކަމަށް ޔޫއޭއީގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި އީގަލް ހިލްސް ކުންފުނީގެ ޗެއާމަން މުހައްމަދު އަލައްބާރު ވިދާޅުވެއްޖެއެވެ.

އަލައްބާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން "މިހާރު" ނޫހަށް ދެއްވި އިންޓަވިއެއްގައި ވިދާޅުވީ، އޭނާ ރާއްޖެ ވަޑައިގެންނެވި މައިގަނޑު ސަބަބަކީ އެ މަޝްރޫއާ ގުޅޭ ގޮތުން ސުވާލު އުފައްދާ އަދި މައުލޫމާތު ބޭނުންވާ ކޮންމެ ފަރާތަކަށްވެސް ހާމަކަން ބޮޑު ގޮތެއްގައި ވާހަކަދެއްކުން ކަމަށެވެ.

އަލައްބާރު ވިދާޅުވީ، ދުނިޔެ މިހާރު އޮތް ގޮތުން އެއްވެސް ކަމެއް ނުފޮރުވޭނެ ކަމަށާއި، އެ މަޝްރޫއުގައި ސިއްރު ކުރަންޖެހޭ އެއްވެސް ކަމެއް ވެސް ނޯންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

ވޭތުވެދިޔަ 29 އަހަރުގެ ތެރޭގައި އޭނާގެ ބެއްލެވުމުގެ ދަށުން 450 ބިލިއަން ޑޮލަރުގެ މަޝްރޫއުތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގާފައިވާއިރު، އެ މަސައްކަތްތައް އަބަދުވެސް ބިނާކުރަނީ މުޖުތަމައަށް ފައިދާވާނެ ގޮތުގެ މައްޗަށްކަމަށް އަލައްބާރު ވިދާޅުވިއެވެ.

އަދި އޭނާގެ އެ މަސައްކަތަކީ މާތް ﷲ ދެއްވި ނިއުމަތުން ހޭދަކޮށް، މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކުރައްވާ ކަމެއްކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ވިޔަފާރިވެރިންނާ މިއަދު ބައްދަލުކުރައްވައި އަލައްބާރު ވަނީ އެ މަޝްރޫއުގެ ސަބަބުން ދިވެހި އިގުތިސޯދަށް ލިބިގެންދާނެ ފުރުސަތުތަކުގެ ޔަގީންކަން ދެއްވައިފައެވެ. އެގޮތުން، ރަސްމާލެ މަޝްރޫއުގެ މަސައްކަތްތައް ހަވާލުކުރާނީ ދިވެހި ކުންފުނިތަކާ ކަމަށާއި، ދިވެހި ވިޔަފާރިވެރިންނަށް އެ މަޝްރޫއުގައި އިންވެސްޓް ކުރުމުގެ ދޮރު ހުޅުވާލާނެކަމަށް އޭނާ ވިދާޅުވިއެވެ. އެ މަޝްރޫއަށް ބޭނުންވާ ތަކެތި ގަތުމާއި، ވަޒީފާ އަދި ތަމްރީނުގެ ފުރުސަތުތައްވެސް ދޭނީ ދިވެހިންނަށްކަމަށް އަލައްބާރު ވިދާޅުވިއެވެ.

"ދިވެހިންނަށް ފައިދާ ނުކުރާ ނަމަ، އެއީ ނާކާމިޔާބު މަޝްރޫއެއް" އަލައްބާރު ވިދާޅުވިއެވެ.

ދިވެހި ރައްޔިތުންނަށް މަންފާއެއް ނުލިބޭ އެއްވެސް މަސައްކަތެއް ކުރަން ޝައުގުވެރިކަން ނެތްކަމަށް އަލައްބާރު ވިދާޅުވިއެވެ.