ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވާ އުޅަނދުތައް ހުއްޓުވަން ފުލުހުން ބޮޑު އޮޕަރޭޝަނެއް ފަށައިފިއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ދެއްވި އިންޓަވިއެއްގައި ހުޅުމާލެ ޓްރެފިކް ޕޮލިސްގެ ހެޑް، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ހަނީފް ރޭ ވިދާޅުވެފައިވަނީ، މަގުމަތީގެ ނުރައްކާތެރި ހާދިސާތައް އިތުރުވަމުންދާތީ، މަގު ބޭނުންކުރާ އެހެން ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ގަވާއިދާހިލާފަށް ދުއްވާ މީހުން ހުއްޓުވައި ގާނޫނީ ފިޔަވަޅު އަޅަމުންދާނެ ކަމަށެވެ.

"ބައެއް ފަރާތްތަކެއްގެ އަމަލުތަކުގެ ސަބަބުން މަގު ރަނގަޅަށް ބޭނުންކުރާ ފަރާތްތަކަށް އޭގެ ނުރައްކާ ފޯރާކަން ދިވެހި ފުލުހުންގެ ހިދުމަތަށް ވަނީ ފާހަގަކުރެވިފައި. އަދި ހިތާމަވެރި ނުރައްކާތެރި ހާދިސާތައް ދުވަހުން ދުވަހަށް ހިނގާވަރު މަދު ނޫންކަން ފާހަގަވާތީ އެކަން މަދުކުރުމަށް މިދަނީ މަސައްކަތް ކުރަމުން. ރައްޔިތުންނަށް ފުލުހުން ދޭނެ ޔަގީންކަމަކީ ކޮންމެ ދުވަހަކުވެސް މި މަސައްކަތްތައް ބަލަމުންދާނެކަން" ހަނީފް ވިދާޅުވިއެވެ.

ހެޑް އޮފް ބްރިޖް އެންޑް ހައިވޭ އޮޕަރޭޝަންސް، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ނައީމް ވިދާޅުވީ އެ އޮޕަރޭޝަންގައި ހާއްސަ އިސްކަމެއް ދެނީ އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ބާރު ސްޕީޑުގައި ދުއްވާ އުޅަނދުތައް ހުއްޓުވުމަށް ކަމަށެވެ.

އެގޮތުން، ސްޕީޑް ގަން ބޭނުންކޮށްގެން ސްޕީޑް މޮނީޓާ ކުރުމާއި، ލައިސަންސް އަދި އުޅަނދުތަކުގެ ގާނޫނީ ޝަރުތުތައް ފުރިހަމަވޭތޯ ބަލައި، ގަވާއިދާ ހިލާފުވާ ފަރާތްތަކުގެ މައުލޫމާތު ނަގައި ޕްރޮފައިލް ކުރަމުންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

އޮޕަރޭޝަން މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ސިނަމާލެ ބުރިޖާއި، ހައިވޭ އަދި ހުޅުމާލޭގެ މަގުތަކަށެވެ. އެ ހަރަކާތުގައި ޓްރެފިކް ޕޮލިހުންގެ އިތުރުން ސްޕެޝަލް އޮޕަރޭޝަންސް (އެސްއޯ) ފުލުހުންނާއި ބުރިޖް އަދި ހައިވޭ ފުލުހުން ހަރަކާތްރިވާނެއެވެ.