ރާއްޖެ އޮތް ގޮތަށް ބަލާއިރު ޗުއްޓީ ހޭދަކުރަން އަދިވެސް އެންމެ އަމާން މަންޒިލަކީ ދިވެހިރާއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
"ކޮވިޑް ހުއްޓުވާނީ އަހަރެން" ދިވެހި މީޑިއާގެ ގައުމީ ކެމްޕޭން އިފްތިތާހުކުރުމަށް މިރޭ ބޭއްވި ހަފުލާ ޝަރަފުވެރިކޮށްދެއްވައި ރައީސް ވިދާޅުވީ ކޮވިޑާ ގުޅޭ ގޮތުން ރާއްޖޭގެ ހަގީގީ މަންޒަރު، އަދިވެސް ގިނަ މީހުންނަކަށް ނޭނގޭ ކަމަށާއި އެކަމަށް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.
"ކޮވިޑާ ގުޅޭ ގޮތުން ރާއްޖޭގެ ހަގީގީ މަންޒަރު، އަދިވެސް ގިނަ މީހުންނަކަށް ނޭނގޭ. ރާއްޖޭގެ ހާލަތު ރަނގަޅަށް ބުނެއެއް ނުދެވޭ. ރާއްޖޭގެ ރަށްތަކަށް އާބާދީ ބެހިފައިވާ ގޮތަށާއި، ފަތުރުވެރިކަމުގެ ސިނާއަތު ތަރައްގީކުރެވިފައި އޮތް ގޮތަށް ބަލާއިރު، ޗުއްޓީ ހޭދަކުރާ މީހުންނަށް، އެންމެ އަމާން އެންމެ ރައްކާތެރި އެއް މަންޒިލަކީ އަދިވެސް ރާއްޖެކަން ޔަގީން،" އެމަނިކުފާނު ވިދާޅުވިއެވެ
ރައީސް ވިދާޅުވީ މާލެ ފިޔަވައި އެހެން އެއްވެސް ރަށެއްގައި ކޮމިޔުނިޓީ ސްޕްރެޑެއް ނެތް ކަމަށާއި އެހެން ރަށަކުން ބަލި މީހަކު ފެނުނަސް، ސިއްހީ ހިދުމަތްތެރިން އެ އަންނަނީ ވަރަށް ރަނގަޅަށް އެކަން މޮނިޓާކޮށް ކޮންޓްރޯލް ކުރަމުން ކަމަށެވެ. އަދި ފަތުރުވެރިން ޗުއްޓީ ހޭދަކުރާ ރިސޯޓްތަކާއި މީހުން ދިރިއުޅޭ ރަށްތައް މި އޮންނަނީ މުޅިން ވަކިން ކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.
"މި މެސެޖް އަދިވެސް ބޭރު ދުނިޔެއަށް ރަނގަޅަކަށް ނުދެވޭ. މިއީ ރާއްޖެ އަންނަން ބޭނުންވެފައި ތިބި ފަތުރުވެރިންނަށް ވަރަށް ރަނގަޅަށް ސާފުކޮށްދޭންޖެހޭ ކަމެއް. ވަކިން ހާއްސަކޮށް އޮކްޓޫބަރު 15 ވަނަ ދުވަހު، ގެސްޓް ހައުސްތައް ހުޅުވައިލުމަށް ތައްޔާރުވަމުން އަންނައިރު، ބޭރު ދުނިޔެއަށް މި މެސެޖް ވަރަށް ރަނގަޅަށް ފޯރުކޮށްދޭން އެބަޖެހޭ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މިރޭ ފެށި ކެމްޕޭނުގެ ތެރެއިން އެ މެސެޖު ރައްދުކޮށްދިނުމަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށާއި ނޫސްވެރިން، އެއް ވިސްނުމެއްގައި އެއް އަޒުމެއްގައި ކަމެއް ކުރަން ތެދުވެއްޖެ ނަމަ، ވަރަށް ފަސޭހައިން އެކަމެއް ހާސިލުކުރެވޭނެ ކަމަށެވެ.
"ކޮވިޑް ހުއްޓުވާނީ އަހަރެން" ގައުމީ ކެމްޕޭނަކީ ރާއްޖޭގެ އެޑިޓާސް ގިލްޑުން އިސްނަގައިގެން ރާއްޖޭގެ އޮންލައިން ނޫސްތަކާއި ޓީވީ، އަދި ރޭޑިއޯގެ އިތުރުން ނިއު މީޑިއާ ގުޅިގެން ކޮވިޑާ ގުޅޭ ގޮތުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް ބަލި ކޮންޓްރޯލުކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރުމުގެ މަގުސަދުގައި ފެށި ކެމްޕޭނެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު