ކޮވިޑާ ދެކޮޅަށް ދިވެހި މީޑިއާ ގުޅިގެން ފަށާ ގައުމީ ކެމްޕޭން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިރޭ އިފްތިތާހުކޮށްދެއްވަން ނިންމަވައިފި އެވެ.

ރައީސް ސޯލިހު މި ކެމްޕޭން އިފްތިތާހު ކޮށްދެއްވަން ނިންމަވާފައި ވަނީ މިރޭ 10:00ގަ އެވެ. މި ކެމްޕޭން އިފްތިތާހުކޮށްދެއްވުމުގެ ގޮތުން ރައީސް ސޯލިހު ވާހަކަފުޅުދައްކަވާ ގޮތަށް ވަނީ ނިންމަވައިފަ އެވެ.

ކޮވިޑާ ދެކޮޅަށް ދިވެހި މީޑިއާތައް ގުޅިގެން ގައުމީ ފެންވަރުގެ ހާއްސަ ކެމްޕޭނެއް ފަށަން ނިންމާފައި މި ވަނީ ރާއްޖޭގައި ކޮވިޑުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ވަގުތެއްގަ އެވެ. އެ ގޮތުން މިއަދުގެ ނިޔަލަށް މި ބަލީގައި ރާއްޖެއިން 29 މީހަކު މަރުވެފައިވާ އިރު، ބަލި ޖެހިފައިވާ މީހުންގެ އަދަދު ވަނީ 7000 އިން މައްޗަށް އަރައިފަ އެވެ. އަދި ކޮންމެ ދުވަހަކުވެސް އިތުރު 100 އަށް ވުރެ ގިނަ މީހުންނަށް ދަނީ މި ބަލި އަލަށް ޖެހެމުންނެވެ.

މީޑިއާއިން މި ފަށާ ކެމްޕޭނާ ގުޅިގެން މި ކެމްޕޭން ވިލަރެސްކޮށް ކުރިޔަށް ގެންދާން މީޑިއާތަކުގެ ތެރެއިން ހާއްސަ ސްޓިއަރިން ކޮމެޓީއެއްވެސް ވަނީ ހޮވައިފައެވެ. މުޅި ކެމްޕޭންގެ ކަންކަން ކުރިޔަށް ދާނީ މީޑިއާތަކާ ގުޅިގެން މި ކޮމެޓީގެ ބެލުމުގެ ދަށުން ކަމަށް ރާއްޖޭގެ މީޑިއާތަކުގެ އެޑިޓާސް ގިލްޑުން ދާދި ފަހުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވެއެވެ.

ކޮވިޑަށް ރައްޔިތުން އިތުރަށް ހޭލުންތެރިކޮށް، ބަލި ކޮންޓްރޯލުކުރުމަށް ބާރު އެޅުމަށް ޓަކައި ކަމާ ގުޅޭ އެކި ކަހަލަ ވީޑިއޯ ތަކާއި ރިޕޯޓު ތަކާއި ހޭލުންތެރުކުރުމުގެ މެސެޖު ތަކާއި ޕްރޮގްރާމްތައް މި ކެމްޕޭންގެ ތެރެއިން ހުރިހާ މީޑިއާތައް ގުޅިގެން ގެނެސްދޭން ވަނީ ނިންމައިފަ އެވެ.