މިވަގުތަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މަގުފަހިކޮށް ރައްޔިތުންނަށް އެހީތެރިވާންވީ ވަގުތު ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ޝިފާ މިހެން ވިދާޅުވެފައިވަނީ ހުއްދަތައް ނުނަގައި ގަވާއިދާ ހިލާފަށް ރަޖިސްޓްރީ ނުކޮށް ވިޔަފާރި އުސޫލުން ކާބޯތަކެތީގެ ހިދުމަތް ދޭނަމަ ފިޔަވަޅު އަޅަން އެޗްޕީއޭ އިން ނިންމައި އެކަން އިއުލާނު ކުރުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

އެގޮތުން ގަވައިދަށް ކަންކަން އެޅުވުން މުހިއްމު ކަމަށް ޝިފާ ވިދާޅުވިއެވެ. ނަމަވެސް މިއީ އެވަގުތު ނޫން ކަމަށާއި، މި ދަތި ދަނޑިވަޅުގައި މުހިއްމީ ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ޝިފާ ވިދާޅުވިއެވެ.

ކޮވިޑް 19ގެ ސަބަބުން މުޅި ދުނިޔޭގެ އިގްތިސާދަށް ލޮޅުން އަރައި، އޭގެ ނޭދެވޭ އަސަރު ރާއްޖެއަށްވެސް ވަނީ ކޮށްފައެވެ. މި ދަތި ދަނޑިވަޅުން އަރައިގަތުމަށް ގިނަ ދިވެހިންތަކެއް ވަނީ އޮންލައިން ޕްލެޓްފޯމުތަކުގައި ކާބޯތަކެތީގެ ވިޔަފާރި ކުރަން ފަށައިފައެވެ.