ރިޕޯޓް

ޗޮއިސް އަކީ ކޮބާ؟ ހަރުކަށިކުރުންތަ ނޫނީ ލޮކްޑައުންކުރުންތަ؟

އަލީ އަފާފް ރަމީޒު

ރާއްޖޭގައި ކޮވިޑްގެ ހާލަތު ދުވަހެއް ދުވަހަކަށް މިދަނީ ގޯސްވަމުންނެވެ. ދިން ލުއިތަކަށް ފަރުވާތެރި ނުވެވުމުން ރާއްޖެ މިވަނީ އަނދަވަޅަކަށް ވެއްޓިފައެވެ. ބިރުވެރިކަން އިންތިހާއަށް ބޮޑުވެ، ގައުމުގެ ހާލަތު މިވަނީ ގޯހުން ގޯހަށް ގޮސްފައެވެ. އަދަދުތައް ކޮންމެ ދުވަހަކުވެސް މިފެންނަނީ އެއް ވަރެއްގައި ހުއްޓައެވެ. ދަށަކަށް ނުދެއެވެ.

ދިން ލުއިތަކަށްފަހު ގައުމުގެ ހާލަތު އިތުރަށް ގޯސްވުމުގެ ސަބަބުން މިދިޔަ މަހުގެ ތެރޭގައި ސިއްހީ މާހިރުންނާއި ކަމާބެހޭ އިދާރާތައް ގުޅިގެން އަނެއްކާވެސް ފިޔަވަޅުތައް ހަރުކަށި ކުރިއެވެ. ނަމަވެސް އަދިވެސް ފެންނަނީ ކޭސްތައް އިތުރުވަމުންދާ މަންޒަރެވެ. ނުފެނުނު އެއްޗަކީ އެޅި ފިޔަވަޅުތަކުގެ ނަތީޖާއެވެ. އެހެން ކަމުން މިހާލަތުގައި ދެން އޮތީ އަނެއްކާވެސް ލޮކްޑައުނަކަށް ދިއުން ހެއްޔެވެ؟ ލޮކްޑައުނަކަށް ތައްޔާރު ހެއްޔެވެ؟ ހަމައެކަނި އޮތް "ޗޮއިހަކީ" އެއީ ހެއްޔެވެ؟

ރާއްޖޭގެ ހާލަތު ގޯސްވެފައިވާ މިންވަރު ހާމަވެގެންދާ އެއް ކަމަކީ މިހާރު ރާއްޖެ އޮތް ލެވެލްއެވެ. ސިއްހީ މާހިރުން ވަނީ ރާއްޖެ މިހާރު އޮތީ ލެވެލް ނުވައެއްގައި ކަމަށް ކަނޑައަޅާފައެވެ. އަދި ލެވެލް 10 އަކަށް ދިއުމުން ލޮކްޑައުން ކުރަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ. ސިއްހީ މާހިރުންގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް ވަނީ ގައުމުގެ ހާލަތު އިތުރަށް ގޯސްވާނަމަ ލޮކްޑައުން ކުރަންޖެހިދާނެ ކަމަށް ވިދާޅުވެފައެވެ.

"މިކަމަށް (ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް) ހަމައެކަނި އޮތް ހައްލަކީ އެޗްޕީއޭ އިން އެދެއްވާ ލަފާތަކާއި އިރުޝާދުތަކާ އެއްގޮތަށް ރައްޔިތުން އަމަލުކޮށް، ގައި ދުރުކުރުން، މާސްކު އެޅުން، ވީވަރަކުން އެކަހެރިކޮށް ގޭގައި ތިއްބެވުން، އެހެން ނޫންނަމަ އަޅުގަނޑުމެންނަށް އެ ހިސާބަށް (ލޮކްޑައުން އަކަށް) ދާން ޖެހިދާނެ، ދާން ޖެހިއްޖެއްޔާ ހުރިހާ ރައްޔިތުންގެ ހައްގުގައި އަޅުގަނޑަށް ޖެހޭނީ ކުރަންޖެހޭ ކަމެއް ކުރަން،" ރައީސް ވިދާޅުވެފައިވެއެވެ.

އެހެން ކަމުން ސުވާލަކީ އަލުން ލޮކްޑައުނަކަށް ދާން ތައްޔާރުހެއްޔެވެ؟ އަލުން ލޮކްޑައުން ކުރައްވީ ހެއްޔެވެ؟ ލޮކްޑައުން ކުރުން ނޫން ގޮތެއް ނެތީ ހެއްޔެވެ؟ ލޮކްޑައުނަކަށް ނުގޮސް ފިޔަވަޅުތައް ހަރުކަށި ކޮށްގެން ނަމަވެސް ފަރުޖެހެން ނެތީ ހެއްޔެވެ؟

މިއީ އާންމު ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ސުވާލުތަކެކެވެ. ކޮވިޑްގެ ހާލަތު ގޯސްވެ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދި، ރައްޔިތުން ވަނީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ. އެއީ ލޮކްޑައުން ނުކޮށްފިނަމަ ދެން ފެންނަން އޮތް މަންޒަރު ބިރުވެރިވެދާނެތީއެވެ. ނޫނީ ލޮކްޑައުން ކޮށްފިނަމަ ރައްޔިތުން "އިނދަޖެހި" ބަނޑަށް ޖެހިދާނެތީއެވެ.

ލޮކްޑައުން ކުރުމަކީ އެންމެ ފަހުގެ ނިންމުމެވެ. ސިއްހީ ބައެއް މާހިރުންވެސް ގަބޫލު ކުރަނީ އެގޮތަށެވެ. ނަމަވެސް މިހާރުވެސް ލޮކްޑައުނަކަށް ދާން ލަސްވެފައިވާ ކަމަށް ސިއްހީ ބައެއް ބޭފުޅުން ގަބޫލު ކުރައްވައެވެ. އެހެން ނޫންނަމަ ގައުމުގެ ހާލަތު "ހައްދުން ނައްޓައިގެން" ހިނގައިދާނެ ކަމަށް އެބޭފުޅުން ދެކިވަޑައިގަންނަވައެވެ. ގުރުއަތު ނަގައިގެން ފަރުވާދޭން ޖެހޭ ހިސާބަށް ގޮސްދާނެ ކަމަށްވެސް ސިއްހީ މާހިރުން ގަބޫލު ކުރައްވައެވެ.

"ޓެކްނިކަލީ ބުނަންޏާ، އަޅުގަނޑު ޕާސަނަލީ ޕަބްލިކް ހެލްތު މީހެއްގެ ގޮތުގައި ބުނާނަމަ އިޓްސް ޓައިމް ފޮ އަ ލޮކްޑައުންއޭ. އެކަމަކު ސޯޝަލް އިކޮނޮމިކް ސިޗުއޭޝަންސްއާ ހެދި ކިހިނެއް ހެއްޔޭ މީތި ބެލެންސް ކުރާނީ. އަދިވެސް މެނޭޖްކުރެވޭނެ ހެއްޔޭ ލޮކްޑައުންއަކަށް ނުގޮސް،" ޑރ. ޝީނާ މޫސާ ވިދާޅުވެފައިވެއެވެ.

އާންމުގެ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ގައުމު މިހާރު މިއޮތް ހާލަތުން އަރައި ގަތުމަށް ލޮކްޑައުން ކުރުން ނޫން އިތުރު ގޮތެއް ނެތް ކަމަށެވެ. ލޮކްޑައުންގެ ވަގުތު ޖެހިއްޖެ ކަމަށެވެ. މިހާރު ލޮކްޑައުން ނުކޮށްފިނަމަ މާދަމާ ފެންނަ މަންޒަރު މާބޮޑަށްވެސް ހިތްދަތިވެދާނެއެވެ.

"ކޮންމެ ރެއަކު ޕްރެސް ބަލަން މި އިންނަނީ. އަދަދުތައް ދަށެއް ނުވޭ. އެއް ވަރެއްގައި. ކޮންމެ ދުވަހަކުމެ 100 އަށްވުރެ ގިނަ މީހުން ޕޮޒިޓިވް އެބަވޭ. މީގެ ތެރޭގައި ގިނައީ ދިވެހިން. އެހެންވީމަ މި ބުނަނީ ލޮކްޑައުނަކަށް ދާން ޖެހިއްޖެ. ލޮކްޑައުން ކުރާ ވަގުތު ޖެހިއްޖެ. އެހެން ނޫން ނަމަ މާދަމާ ފެންނަ މަންޒަރު މާ ބިރުވެރިވާނެ. މާ ހިތްދަތިވާނެ،" ޒުވާނަކު ބުނެފައިވެއެވެ.

ރައްޔިތުންގެ ހިޔާލު މިކަމާ މެދު ތަފާތެވެ. އެއްބަޔަކު ގަބޫލު ކުރާ ގޮތުގައި އަލުން ލޮކްޑައުނަކަށް ދާން ޖެހިއްޖެއެވެ. އަނެއް ބަޔަކު ގަބޫލުކުރާ ގޮތުގައި ލޮކްޑައުން އަށް ގޮސްފިނަމަ ގައުމު އަނެއްކާވެސް އިނދަ ޖެހޭނެ އެވެ. އެހެން ކަމުން މިއީ އިތުރު ލޮކްޑައުނަކަށް ދާންޖެހޭ ވަގުތެއް ނޫނެވެ.

"މިހާރުވެސް ގެ ކުލި މި ދައްކަނީ ވެސް މި ހިންގާ ކުޑަ ވިޔަފާރިން. އަނެއްކާވެސް ލޮކްޑައުނަކަށް ގޮސްފިނަމަ މެނޭޖް ކުރާނީ ކިހިނެއް؟. ކުދި ފަންތީގެ ވިޔަފާރިތައް ހުއްޓޭނެއެއްނު. ކެފޭ ރެސްޓޯރެންޓްތައްވެސް. އަނެއްކާވެސް ރައްޔިތުން ބަނޑަށް ޖެހޭނީ. އެދުވަސް ފެންނާކަށް ބޭނުމެއް ނޫން. ލޮކްޑައުން ނުކޮށް މިކަން މެނޭޖް ކުރަންޖެހޭ،" ޒުވާން އަންހެން ކުއްޖަކު ސޯޝަލް މީޑިއާގައި ލިޔެފައިވެއެވެ.

އަނެއްކާވެސް ލޮކްޑައުނަކަށް ގޮސްފިނަމަ، ރައްޔިތުން ބިކަވެދާނެ ކަމުގެ ބިރު ވަރަށްވެސް ބޮޑެވެ. އިކޮނޮމިކް މިނިސްޓްރީ އާއި ޔޫއެންޑީޕީ ގުޅިގެން ހެދި ދިރާސާއިން ދައްކާ ގޮތުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހުއްޓުމުގެ ފުރުސަތު އެބައޮތެވެ. އަދި އެތަކެއް ވަޒީފާތަކެއް ގެއްލުމުގެ ފުރުސަތު އެބައޮތެވެ.

"އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ހިންގުން މުޅިން އެއްކޮށް ހުއްޓާލަން ޖެހިދާނެކަމުގެ ބިރު އެބަ އޮތެވެ. މީގެ ސަބަބުން ހިދުމަތް ހޯދާ މީހުންނާއި ސަޕްލަޔަރުން އަދި އުފެއްދުންތެރިކަމާއި އަދި މުސްތަގުބަލުގައި ގައުމުގައި ވިޔަފާރި ފުޅާކުރުމަށް އޮތް ފުރުސަތުތަކަށް އަސަރުކުރާނެ އެވެ،" ދިރާސާގައިވެއެވެ.

ދިރާސާއިން ވެސް މިގޮތަށް ދައްކާފައިވާއިރު، ލޮކްޑައުނަކަށް ގޮސްފިނަމަ ކުދި ވިޔަފާރިތައް އެއްކޮށް ހުއްޓޭނެއެވެ. އާމްދަނީގެ މަގު އެއްކޮށް ބަންދުވާނެއެވެ. ރައްޔިތުންގެ ތެރެއިން އެތައް ބަޔަކު ބިކަވެގެންދާނެއެވެ. ރައްޔިތުންގެ އެތައް ބަޔަކު ބަނޑަށް ޖެހުމުގެ ބިރު ވަރަށް ބޮޑެވެ. އެހެންކަމުން ލޮކްޑައުނަކަށް ނުގޮސް އެޅެންހުރި ފިޔަވަޅުތައް އަޅަންޖެހޭ ކަމަށް ބައެއް ފަރާތްތަކުން ގަބޫލުކުރެއެވެ.

ސިއްހީ ބައެއް މާހިރުންވެސް ގަބޫލު ކުރާ ގޮތުގައި ލޮކްޑައުން ކުރާ ވަގުތެއް ނުޖެއެވެ. އަދިވެސް ފިޔަވަޅުތައް ހަރުކަށި ކޮށްގެން ބޭނުންވާ ނަތީޖާ ނެރެވިދާނެއެވެ. ރައްޔިތުން އެފިޔަަޅުތަކަށް ބޯލަނބައި އަމަލު ކޮށްފިނަމަ ކޮވިޑް ކޮންޓްރޯލް ކުރެވިދާނެއެވެ. ނަމަވެސް ހާލަތު ގޯސްވެގެންދާ ނަމަ ލޮކްޑައުން ކުރަންޖެހޭނެ ކަމަށްވެސް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

"އަޅުގަނޑު ނުދަންނަވަން މިއަދު ލޮކްޑައުންއަކަށް ދާންޖެހެއެކޭ. ނަމަވެސް ބަލި ކޮންޓްރޯލް ނުކުރެވިއްޖެއްޔާ ލޮކްޑައުންއަކަށް ވެސް ދާންޖެހޭނެ. ލޮކްޑައުންއަކަށް ދާން މިޖެހެނީ ބަލި ކޮންޓްރޯލް ކުރަން. ދިވެހިންގެ ފުރާނަ ސަލާމަތްކުރަން ވެގެން. މިގޮތަށް އެކްޝަން ނަގައިފިއްޔާ ލޮކްޑައުންއަކަށް ނުގޮސް ފަރުޖެހިދާނެ ކަމަށް ލަފާކުރެވެނީ،" ޑރ. އަލީ ލަތީފު ވިދާޅުވެފައިވެއެވެ.

ގައުމުގެ ހާލަތު ވަރަށްވެސް ގޯހެވެ. އެއް ބަޔަކު ލޮކްޑައުނަކަށްދާން ގޮވާލާއިރު، އަނެއް ބަޔަކު ތިބީ ލޮކްޑައުން ކޮށްފިނަމަ ބަނޑަށް ޖެހިދާނެ ކަމުގެ ބިރުވެރިކަން މަތީއެވެ. ގައުމުގެ ހާލަތާމެދު ރައްޔިތުން މިއަދު ވިސްނައި އަޅާފައިވާ ފިޔަވަޅުތަކަށް ބޯލަނބަން ޖެހެއެވެ. އެހެން ނޫން ސިއްހީ މާހިރުން ކުރަހައިދޭ ބިރުވެރި މަންޒަރު ފެނުން މާ ދުރަކު ނެތެވެ.