ގދ. ތިނަދޫން ޕޮޒިޓިވްވި މީހާ ގއ. ވިލިނގިލި ފެސިލިޓީއަށް ގެންދިއުމަށް އެރަށަށް ނޭރުވި މައްސަލައިގައި ރިޕޯޓެއް އެކުލަވާލައި ފިޔަވަޅު އަޅާނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ހުވަދު އަތޮޅުގައި ކޮވިޑް 19އަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާ ދޭން ގެންދަން ހަމަޖައްސާފައިވަނީ ގއ. ވިލިނގިލީގައި ގާއިމުކޮށްފައިވާ ކޮވިޑް 19 ފެސިލިޓީއަށެވެ. އެހެންވެ ތިނަދޫއިން ޕޮޒިޓިވްވި މީހާ މިއަދު ހެނދުނު 11:30 ހާއިރު ސީއެމްބިއުލާންސްގައި ވިލިނގިއްޔަށް ގެންދިޔަ ނަމަވެސް ބަލި މީހާ ރަށަށް އަރުވަން ދެކޮޅު ހަދައި ބަޔަކު މުޒާހަރާ ކުރާތީ އޭނާ ރަށަށް ނޭރުވުނެވެ.

އެމީހާ އެރަށަށް ނޭރުވި ގިނަ އިރުތަކެއް ވަންދެން ސީއެމްބިއުލާންސް ރަށު ނެރު ބޭރުގައި އޮތުމަށް ފަހު އަނބުރާ ތިނަދުއަށް ވަނީ ގެންގޮސްފައެވެ.

އެޗްޕީއޭއިން ބުނީ މިހާރު އޭނާ ސީޕްލޭންގައި މާލެ ގެނެސްފައިވާ ކަމަށާއި ހުޅުމާލޭ ފެސިލިޓީއަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވަނީ ގއ. ވިލިނގިލީގައި މިއަދު ހިނގައިދިޔަ ކަންތައްތަކަކީ ވަރަށް ލާއިންސާނީ އަމަލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އެގޮތުން ޑރ. ނަޒްލާ ވިދާޅުވީ، ބަލި މީހަކަށް ފަރުވާދޭ އިރު، އެމީހެއްގެ ނަސްލަށް ނުވަތަ ގައުމަށް ބެލުމުގެ އުސޫލު އޮވެގެން ނުވާނެ ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ، އެފަދަ ކަންކަމުގެ ސަަބަބުން ބަލި މީހާއަށާއި އެ ބަލި މީހެއްގެ އާއިލާއަށްވެސް ނިކަމެތިކަން ލިބިގެންދާނެ ކަމަށެވެ.

"މިއަދު ގއ. ވިލިނގިލީގައި މި ހިނގައިދިޔަ ކަންތައްތަކަށް ބަލާއިރު، މިފަދަ ކަންކަމަކީ ބަލި މީހާގެ އިތުރުން ބަލި މީހާގެ އާއިލާއަށްވެސް ނިކަމެތިކަން ގެނުވާނެ ކަމެއްކަން ފާހަގަކުރަން. ފަރުވާ ނުލިބި ލަސްވުމަކީ ސިއްހީ ގޮތުންނާއި އެނޫންވެސް ގޮތްގޮތުން ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެ ކަމެއް. އަޅުގަނޑުމެން މި ދައްކަނީ އަޅުގަނޑުމެން ފަދަ އިންސާނެއްގެ ވާހަކަ. އަޅުގަނޑުމެން ފަދަ ދިވެއްސެއްގެ ވާހަކަ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ ގއ. ވިލިނގިލީގައި ހިނގައިދިޔަ ކަންތައްތަކުގެ ރިޕޯޓެއް އެކުލަވާލައި، ފިޔަވަޅު އަޅާނެ ކަމަށެވެ.

"މިއަދު ގއ. ވިލިނގިލީގައި ހިނގައިދިޔަ ކަންތައްތަކުގެ ރިޕޯޓެއް އަޅުގަނޑުމެން މިދަނީ އެކުލަވާލަމުން. މިކަން ހިނގައިދިޔަ ގޮތް ތަފްސީލުކޮށް ބެލުމަށް ފަހު ކަމާ ބެހޭ އެހެން އިދާރާތަކާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅުގަނޑުމެން އަޅާނަން،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ގދ. ތިނަދޫން ޕޮޒިޓިވްވި މީހާ ގއ. ވިލިނގިލި ފެސިލިޓީއަށް ގެންދިއުމަށް އެރަށަށް ނޭރުވި މައްސަލައިގައި ފިޔަވަޅު އަޅާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ ވިދާޅުވެފައެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ، އެއްވެސް ސަބަބަކާ ހުރެ، އާންމު ސިއްހަތުގެ ނިޒާމަށް ހުރަސްއެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެފަދަ މައްސަލަތައް ބަލައި އަޅަންޖެހޭ ފިޔަވަޅު ސަރުކާރުން އަޅާނެ ކަމަށެވެ.