ގަރާޖުތަކަށް ވެހިކަލް ރަޖިސްޓްރީ ކުރުމުގެ ބަދަލުގައި މަގުމަތީގައި ވެހިކަލް ޕާކް ކުރެވޭނެ އިންތިޒާމު ހަމަޖައްސައި ރޯޑް ޓެކުހެއް ނެގުމަށް އެއްގަމު ދަތުރު ފަތުރާބެހޭ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅައިފިއެވެ.

މިބިލު މަޖިލީހަށް ހުށަހެޅުއްވީ ނޮޅިވަރަމު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދެވެ.

މިއަދުގެ ޖަލްސާގައި ބިލު ހުށަހަޅުއްވަމުން މެންބަރު ނަޝީދު ވިދާޅުވީ، ދެ ފުރޮޅަށްވުރެ ގިނ ފުރޮޅުލީ އެއްގަމު އުޅަނަދު ފަހަރު، ރަޖިސްޓްރީ ކުރެވޭނީ ގަރާޖަކަށް ކަމަށް އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގައި ބުނެފައިވާތީ ގަރާޖު ފީ ނުވަތަ ގަރާޖު ކުލީގެ ގޮތުގައި ގަރާޖުތަކުގެ ވެރިފަރާތްތަކުން ގިނަ ފައިސާތަކެއް ނަގަމުންދާ ކަމަށައ، އެއް ގަރާޖަށް އެތައް އުޅަނދެއް ރަޖިސްޓްރީ ކުރަމުންދާއިރު، އެކަން މޮނިޓާ ކުރެވެމުން ވެސް ނުދާ ކަމަށެވެ.

އެކަންތައް އެގޮތަށް އޮތުމުން އުޅަނދުފަހަރު ރަޖިސްޓްރީ ކުރުމަށްޓަކައި މިނިސްޓްރީގައި ތިބޭ ނުފޫޒު ގަދަ ބަޔަކަށް ފައިސާ ދޭންޖެހޭ، ކަމަށާއި އެކަމުގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތަށް ކަންތައްތައް ދާއިރު ސަރުކާރަށް ލިބޭ އެއްޗެއް ނޯންނަ ކަމަށާއި، ހަމައެކަނި ގަރާޖަށް ސޮއިކޮށްލަން 90،000 ރުފިޔާއާ ހަމަޔަށް އަމިއްލަ ފަރާތްތަކުގެ ޖީބަށް ފައިސާ ވަންނަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން އެތައް ބަޔަކު ކޮރަޕްޓް ކޮށްގެންނޫނީ ކާރެއް ރަޖިސްޓްރީ ކުރެވެން ނޯންނަ ކަމަށާއި، ކާރު ރަޖިސްޓްރީ ކުރުން ހުއްޓާލާފައިވާކަމަށް މިނިސްޓްރީން ބުނި ނަމަވެސް މިދިޔަ ހަފުތާގައިވެސް އެގޮތަށް އުޅަނަދު ފަހަރު ރަޖިސްޓްރީ ކޮށްދީފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މެންބަރު ނަޝީދު ވިދާޅުވީ އެ އިސްލާހު ހުށަހެޅުއްވީ މިހާރު އޮތްގޮތުން ސަރުކާރުގެ ބައެއް އިސްފަރާތްތަކަށް ދޭން ޖެހޭ ކޮރަޕްޝަން ހުއްޓުވުމާއި ފަސޭހައިން އުޅަނދު ފަހަރު ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އާއްމުންނަށް ހޯދުމަށްޓަކައެވެ.

މިހާރު އޮތް ގޮތް ބަދަލުކޮށް ދައުލަތަށްވެސް އާމްދަނީއެއް ލިބޭ ގޮތަށް، ރޯޑްފީއެއްގެ ގޮތުގައި، ޓެކްސީތަކަށް، މަހަކު 500 ރުފިޔާ އަދި ޕްރައިވެޓް ވެހިކަލްތަަކަށް 1000 ނުވަތަ 1500 ފުރިޔާ ދައްކަން ޖެހޭގޮތަށް ގާނޫނުގައި ހިމަނަން ހުށަހަޅާކަމަށްވެސް މެންބަރު ނަޝީދު ވިދާޅުވިއެވެ.