މާލެ ސަރަހައްދުގެ ބަނދަރުތަކުން މުދާ އުފުލާ ލޮރީ ޑްރައިވަރުންނާ އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ބައްދަލުކުރައްވައިފިއެވެ.

މިނިސްޓަރު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، މި ބައްދަލުވުން ކުރިއަށް ގެންދިޔައީ މާލޭގެ އެއްގަމު ދަތުރުކުރުމުގެ ކަންކަން ހަރުދަނާކުރުމާ ބެހޭގޮތުން މަޝްވަރާކުރުމަށް ޑްރައިވަރުންގެ ފަރާތުން އެދުމުންނެވެ.

އެގޮތުން، މާލޭގެ މަގުތައް ބޭނުންކުރާ އާންމު ފަރާތްތަކާއި، ސްކޫލް ދަރިވަރުންގެ އިތުރުން ބެލެނިވެރިންނަށް މަގުތަކަކީ އަމާން ތަނަކަށް ހެދުމުގެ މުހިންމުކަމާ ގުޅޭގޮތުން މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.

މީގެ އިތުރުން، އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން މުދާ އުފުލުމުގައި ލޮރީ ޑްރައިވަރުންނަށް މިހާރު ދިމާވަމުންދާ ދަތިތަކާ ބެހޭގޮތުން ވެސް މި ބައްދަލުވުމުގައި ވާހަކަދެކެވިފައިވެއެވެ. މި މަޝްވަރާތަކުގައި ޑްރައިވަރުންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކުރައްވައި، މިނިސްޓަރު ސައީދު ވަނީ އެ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފައެވެ.

މިނިސްޓަރު ސައީދު މި ބައްދަލުވުން ބާއްވަވާފައިވާ އިރު، ސްކޫލުތައް ފެށޭ ގަޑިއާއި ނިމޭ ގަޑީގައި މާލޭ ސަރަހައްދުގައި މުދާ އުފުލާ އެއްގަމު އުޅަނދާއި ބަރު އުޅަނދު ދުއްވުން ވަނީ މަނާކޮށްފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ހެނދުނު 6:00 އިން 8:30 އަށް 350 ކިލޯއަށްވުރެ މަތީގެ މުދާ އުފުލާ އުޅަނދުތަކާއި ފޯކްލިފްޓް، ޓްރަކް، ކްރޭން، ޓްރެއިލާ ފަދަ ބަރު އުޅަނދުފަހަރު ބޮޑުތަކުރުފާނު މަގު ފިޔަވައި މާލޭގެ އެހެނިހެން މަގުތަކާއި ހުޅުމާލޭގެ މަގުތަކާއި ބުރިޖު ހައިވޭގައި ދުއްވުމަކީ މަނާ ކަމެއް ކަމަށެވެ.

މީގެ އިތުރުން ހެނދުނު 11:30 އިން މެންދުރު 1:30 އަށް އެފަދަ އުޅަނދުތައް ބޮޑުތަކުރުފާނު މަގު ފިޔަވައި މާލޭގެ އެހެނިހެން މަގުތަކާއި ބުރިޖު ހައިވޭގައި ދުއްވުމަކީ މަނާ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.

އިއުލާނުގައި ބުނެފައިވަނީ، ސްކޫލު އޮންނަ ދުވަސްތަކުގައި ސްކޫލުތައް އާއްމުކޮށް ފެށޭ ގަޑިއާއި ނިމޭ ގަޑީގައި ސްކޫލުތަކުގެ ސަަރަހައްދުތަކުގައި އެފަދަ އެއްވެސް ބާވަތެއްގެ އުޅަނދެއް ދުއްވުމާއި އުޅަނދުތަކުގައި މުދާ އުފުލުމަކީ މަނާ ކަމެއް ކަމަށެވެ.

މި ނިންމުން ނިންމީ މާލެ ސަރަހައްދުގެ މަގުތަކަކީ ހިނގާބިގާވެ އުޅޭ ފަރާތްތަކާއި ހާއްސަކޮށް ދަރިވަރުންނާއި ބެލެނިވެރިންނާއި އުޅަނދުތައް ދުއްވާ ފަރާތްތަކަށް ފަސޭހަ އަދި ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.