ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ސައިކަލުތަކެއް، ފުލުހުންގެ ޓޯ ޔާޑުގައި ޓްރަކަކުން ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯގައި ފެންނަނީ، ޓޯކުރުމަށް ފަހު، ނައްތާލަން ހުއްދަ ދެވިފައިވާ އުޅަނދުތަކެއް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ވީޑިއޯއިން ފެންނަ އުޅަނދުތަކަކީ، ޓޯކޮށް، ދޫކުރުމަށް ހަމަޖައްސާފައިވާ މުއްދަތުގެ ތެރޭގައި އުޅަނދުތަކުގެ ވެރިފަރާތްތަކުން ހަވާލު ނުވުމުގެ ސަަބަބުން ގާނޫނީ އަދި އިދާރީ ގޮތުން ފުރިހަމަ ކުރާން ޖެހޭ އެންމެހާ ކަންކަން ފުރިހަމަކުރުމަށް ފަހު، ނައްތާލުމަށް ރަސްމީކޮށް ހުއްދަދެވިފައިވާ އުޅަނދުތަކެއް ކަމަށެވެ.

ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މަންޒަރަކީ އެ އުޅަނދުތައް ނައްތާލުމަށްޓަކައި ތިލަފުށްޓަށް ކުނީގެ ގޮތުގައި ގެންދިއުމަށް ހުޅުމާލޭ ފޭސް ދެޔަކުން ފުލުހުންނަށް އަލަށް ހަމަޖެހުނު ޓޯޔާޑަށް ގެންގޮސް ކުނީގެ ގޮތުގައި އެއްތަނަކަށް ޖަމާކުރާ މަންޒަރުކަމަށެވެ.

އާންމުވެފައިވާ ވީޑިއޯއިން ފެންނަނީ، ފުލުހުންގެ ޓީޝާޓުގައި ތިބި ބަޔަކު، ޓްރަކަކުން ސައިކަލުތަކެއް ބިންމައްޗަށް ވައްޓާލާ މަންޒަރެވެ.