އެއްގަމު ދަތުރުފަތުރުގެ ގާނޫނު ތަންފީޒުކުރުމަށް ޑިޖިޓަލް އަދި އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކުރަން ފަށަން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން މިއަދު އިއުލާންކޮށްފިއެވެ.
ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިއުކުރި އިއުލާނުގައި ބުނެފައިވާ ގޮތުގައި، މި ބަދަލު ގެންނަނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ 93 ވަނަ މާއްދާގެ ދަށުން، ދަތުރުފަތުރުގެ ނިޒާމު ވަރުގަދަކޮށް ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށެވެ. މި ނިންމުމާއެކު، ގާނޫނާއި ގަވާއިދުތަކާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ފުލުހުން ކުރިއަށްގެންދާނީ ހާއްސަ އެޕްލިކޭޝަންތަކެއް މެދުވެރިކޮށެވެ. އަދި ފިޔަވަޅު އެޅޭ ފަރާތްތަކަށް އެކަމުގެ މައުލޫމާތު އެސްއެމްއެސް އަދި އީމެއިލް މެދުވެރިކޮށް އަންގަމުން ގެންދާނެއެވެ.
އެހެންކަމުން، ފިޔަވަޅުތަކުގެ މައުލޫމާތު ސީދާ އެ ފަރާތްތަކަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި ސިމްސް ޕޯޓަލް މެދުވެރިކޮށް ފޯނު ނަންބަރާއި އީމެއިލް އެޑްރެސް އަޕްޑޭޓްކުރުމަށް މިނިސްޓްރީން ވަނީ އަންގައިފައެވެ. މީގެ އިތުރުން، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އުޅަނދު ދުއްވުމަށާއި ބޭނުންކުރުމަށް ވެސް އިއުލާނުގައި އިލްތިމާސްކޮށްފައިވެއެވެ.
މި ނިޒާމުގެ ދަށުން ފުރަތަމަ މަރުހަލާގައި މާލެ އާއި ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތަކާ މެދު ފިޔަވަޅު އެޅުމަށް ވަކި ސަރަހައްދުތަކަކާއި މަގުތަކެއް ވަނީ ކަނޑައަޅައިފައެވެ. އޭގެ ތެރޭގައި ހޮސްޕިޓަލްތަކާއި ސްކޫލްތައް ހިމެނޭ ސަރަހައްދުތަކުގެ އިތުރުން، ކަފިހި ހުރަސްތަކާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަކޮށްފައިވާ ޕާކިން ސްލޮޓްތައް ހިމެނެއެވެ.
މާލެއިން މި މަސައްކަތް ފަށާނީ މަޖީދީމަގު، އަމީނީ މަގު، ސޯސަން މަގު އަދި ބޮޑުތަކުރުފާނު މަގުގައެވެ. ހުޅުމާލޭގެ ފުރަތަމަ ފިޔަވަހިން ބޯށިމާ ހިނގުން، ސައިމާ ހިނގުން، ނިރޮޅު މަގު، ހަނދުވަރީ ހިނގުން، ހިތިގަސް މަގު، ބަގީޗާ ހިނގުން އަދި ރީތިގަސް މަގު ހިމެނޭ އިރު، ދެވަނަ ފިޔަވަހިން ކަނޑައަޅާފައިވަނީ ގުލްއަލާމާ ހިނގުން، ނިރޮޅު މަގު، ބެރެބެދިމާ ހިނގުން އަދި ހިތިގަސް މަގެވެ. މި އިއުލާނަށް އަމަލުކުރަން ފަށާނީ މިއަދުން ފެށިގެން ހަތް ދުވަސް ފަހުންނެވެ.
މިނިސްޓްރީ އޮފް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް
މިނިސްޓްރީ އޮފް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް
މިނިސްޓްރީ އޮފް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް
ކޮމެންޓް