އެންވަޔަރަންމަންޓް ކޮމެޓީން ހުށަހެޅި ކަންތައްތައް ތަންފީޒުވަމުންދާ ގޮތުގެ ރިޕޯޓް ކޮންމެ ހަ މަހަކުން ކޮމިޓީއަށް ހުށަހަޅަން ހިމަނައި ރަށްރަށުން ގަވާއިދާ ހިލާފަށް ރުއްގަސް ނެގުން ހުއްޓުވުމަށް ހުށަހެޅި ގަރާރު ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.

މިއީ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން މަޖިލީހަށް ހުށަހެޅުއްވި ގަރާރެކެވެ.

ރިސޯޓުތަކަށް ގެންދިއުމަށާއި، އެކި ކަންކަމުގެ ބޭނުމަށް ގަވާއިދާ ހިލާފަށް ރުއްގަސް ނަގާފައިވާ އެކިއެކި ކަންކަމާބެހޭ ތަފްސީލުތައް މި ގަރާރުގައި ވަނީ ހިމަނައިފައެވެ.

މި ގަރާރު ދިރާސާކުރިއިރު ކޮމެޓީންވެސް ވަނީ ރެކޮމަންޑޭޝަންތަކެއް ހުށަހަޅައިފައެވެ.

އޭގެ ތެރޭގައި އެއްރަށުން އަނެއް ރަށަށް ރުއްގަސް ގެންދިއުމުގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށް މިހާރު އެކުލަވާލައިފައި ވާ ގަވާއިދަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި އެއްރަށުން އަނެއް ރަށަށް ރުއްގަސް ގެންދިއުމާ ގުޅޭގޮތުން އެކުލަވާލައި ނިމުމަކާ ހަމަޔަށް ގޮސްފައިވާ ބިލު ވީ އެންމެ އަވަހަކަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން ހިމެނެއެވެ.

ރުއްގަސް ކަނޑައި ރަށްރަށަށް ގެންދިއުމުގައި ހަމައެކަނި ރަށު ކައުންސިލްގެ ބަހެއް ހޯދުމުގެ ބަދަލުގައި މިހާރަށްވުރެ ބޮޑަށް އެރަށެއްގައި ދިރިއުޅޭ ރައްޔިތުންގެ ހިޔާލު ހޯދުމާއި ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް ހިންގޭއިރު ވީހާވެސް ބޮޑަކަށް ރުއްގަސް މަދު ސަރަހައްދުތަކުގައި އެފަދަ މަޝްރޫއުތައް ހިންގުމަށް އިސްކަންދިނުން ހިމެނެއެވެ.

މީގެ އިތުރުން އެއްވެސް ކަމަކަށް ރުއްގަސް ކަނޑާނަމަ ގަވައިދުގައި ބުނާ އަދަދަށް އޭގެ ބަދަލުގައި ރުއްގަސް އިންދިކަން ކަމާބެހޭ އިދާރާއިން މިހާރަށްވުރެ ބޮޑަށް ޔަގީީން ކުރުމާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮތް ބޮޑެތި ބިންތަކުން ރުއްގަސް އާލާކުރާ ނާސަރީތައް ހެދުމަށް ބިން ދޫކުރުމާއި އެފަދަ ނާސަރީތައް ހިންގަން ބޭނުންވާ ފަރާތްތަކަށް ސަރުކާރުން ދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދިނުމަށްވެސް ހުށަހަޅާފައިވެއެވެ.

ރިސޯޓު ނުވަތަ އެހެނިހެން ބޭނުމަށް ރަށެއް ތަރައްގީ ކުރާނަމަ މީހުން ދިރިއުޅޭ ރަށްރަށުން ރުއްގަސް ގެންދިއުމުގެ ބަދަލުގައި ހެދިފައިވާ ނާސަރީތަކުން ރުއްގަސް ގެންދިއުމަށް ބާރުއެޅުމަށާއި ސަރުކާރުން ފަށާފައިވާ "ރަށްފެހި ޕްރޮގްރާމް" ހަރުދަނާ ކަމާއެކު ދެމެހެއްޓެނިވި ގޮތެއްގައި އަހަރުން އަހަރަށް ކުރިއަށްގެންދިއުމަށްވެސް ކޮމިޓީން ވަނީ ހުށަހަޅައިފައެވެ.

އެ ގަރާރުގައި ބުނެފައި ވަނީ ރުއްގަސް ނެގުމުގެ ކަންތައްތައް ހުއްޓުމެއް ނެތި ދިމާވާން މެދުވެރިވާ ހުރިހާ ސަބަބެއް ހޯދައި ފިޔަވަޅުއެޅުމަކީ ކުރަންޖެހިފައިވާ ކަމަކަށްވުމާއި، އެކަމުން ތިމާވެށްޓަށް އަސަރު ފޯރާ މިންވަރު ބަލައި އީއައިއޭ ތައްޔާރު ކުރުމުގައި ހުރި މައްސަލަތަކާއި ދެކޮޅުނުޖެހޭ ކަންތައްތައް ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމަކީ ކުރަން ޖެހޭ އެންމެ މުހިންމު އެއް ކަންތައް ކަމަށްވެފައި ތިމާވެށްޓާ ބެހޭ ދައުލަތުގެ އޮފީސްތަކުގެ ހިންގުން ހަރުދަނާކުރަން އަވަސް ފިޔަވަޅު އަޅަން ޖެހިފައިވާ ކަމަށެވެ.

އެހެންކަމުން ބިން ހިއްކައިގެންނާއި އެހެނިހެން ގޮތްގޮތުން ތަރައްގީ ކުރަމުން އަންނަ ރިސޯޓުތައް ފެހިކުރުމަށްޓަކައި ރާއްޖޭގެ މީހުން ދިރުއުޅޭ ރަށްރަށުންނާއި ފަޅުރަށްތަކުންނާއި އެކި ބޭނުންތަކަށް ދޫކޮށްފައިވާ ރަށްރަށުން، ފުޅާ ދާއިރާއެއްގައި ރުއްގަސް ނަގައިގެން ގަވާއިދާ ހިލާފަށް ގެންދާތީ އެކަން މިހާރުން މިހާރަށް ހުއްޓުވުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ކުރެވެން އޮތް އެންމެހައި ކަމެއް ކުރުމަށާއި، މުޅި ދިވެހި ސަރުކާރަށާއި، ކަމާބެހޭ ވުޒާރާއަށާއި، ރައީސުލްޖުމްހޫރިއްޔާއަށް މި ކަންތައް އިލްތިމާސްކުރާ ކަމަށް މި ގަރާރުގައިވެއެވެ.