ކުދި ޖަޒީރާ ގައުމުތަކާއި އައްސޭރިފަށުގެ ގައުމުތަކަށް ކުރިމަތިވަމުންދާ ނުރައްކާތަކުން ރައްކާތެރިވުމަށާއި އެފަދަ ގައުމުތަކުގެ ގާނޫނީ ސިޔާދަތު ދެމެހެއްޓުމަށް ބާރުއަޅައި އދ. ގެ ކަނޑުގެ ލޮނުގަނޑު އުފުލުމާ ބެހޭ ގޮތުން އދ. އިން މިދިޔަ މަހުގެ 24 ވަނަ ދުވަހު ފާސްކުރި ގަރާރަށް އަމަލުކުރަން ފަށައިފިއެވެ.
މިއީ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައިގައި ބައިނަލްއަގުވާމީ ފެންވަރެއްގައި މިފަދަ ފުރިހަމަ ގަރާރެއް އދ. އިން ފާސްކުރި ފުރަތަމަ ފަހަރެވެ.
މި ގަރާރުގެ ދަށުން، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ގައުމެއްގެ ބިމުން ބައެއް ގެއްލުނު ނަމަވެސް، އެ ގައުމެއްގެ މިނިވަންކަމާއި ސިޔާދަތު އަދި އދ. ގެ މެންބަރުކަން ދެމި އޮންނާނެކަން ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
މީގެ އިތުރުން އދ. ގެ ކަނޑުގެ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ އިގުތިސޯދީ ހާއްސަ ސަރަހައްދުތަކާއި ކަނޑުގެ އިންތައް، ބިންގަނޑަށް އަންނަ ބަދަލުތަކާ އެކު ބަދަލު ނުވެ ދެމިއޮންނާނެކަންވެސް މި ގަރާރުން ކަށަވަރުކޮށްދެ އެވެ. އަދި ތިމާވެށީގެ ނުރައްކާތަކުން އަރައިގަތުމަށް ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ބޭނުންވާ މާލީ އެހީތެރިކަން އިތުރުކުރުމަށްވެސް މި ގަރާރުގައި ގޮވާލާފައިވެ އެވެ.
ރާއްޖެއަކީ މޫސުމީ ބަދަލުތަކާއި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައިގައި ބައިނަލްއަގުވާމީ މައިދާނުގައި އެންމެ ބޮޑަށް ވަކާލާތުކުރާ އެއް ގައުމެކެވެ. އެގޮތުން 1989 ވަނަ އަހަރު މާލޭގައި ބޭއްވި ކުދި ޖަޒީރާ ގައުމުތަކުގެ ބައްދަލުވުމުގައި އެކުލަވާލި މާލެ ޑިކްލަރޭޝަންއަކީ މި މަސައްކަތުގެ މުހިންމު ފެށުމެކެވެ.
އާ ގާނޫނު އަސާސީގެ ދަށުން ރާއްޖޭގެ ވެރިކަން ކުރެއްވި ހުރިހާ ރައީސުންވެސް އަދި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ ކަނޑުގެ ލޮނުގަނޑު އުފުލުމާއި މޫސުމީ ބަދަލުތަކުގެ ގެއްލުން އެންމެ ބޮޑަށް ކުރާނެ އެއް ގައުމަކީ ރާއްޖެކަން ފާހަގަކުރައްވައި، މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތައް އަރައިގަތުމަށް ބައިނަލްއަގުވާމީ ގޮތުން ކުރާ ހޭދަތައް އިތުރުކުރަން ގޮވާލައްވައިފައެވެ.
އަލީ ޔާމިން
ޔުނައިޓެޑް ނޭޝަންސް
ޔުނައިޓެޑް ނޭޝަންސް
ޔުނައިޓެޑް ނޭޝަންސް
ޔުނައިޓެޑް ނޭޝަންސް
ކޮމެންޓް