ރާއްޖޭގައި އުފެދޭ ނުރައްކާތެރި ކުންޏާއި ފައިބަރުގެ ބާވަތްތައް ތިމާވެށްޓާ ރައްޓެހި ގޮތެއްގައި ނައްތައިލުމަށްޓަކައި ތިލަފުށީގައި ތަރައްގީކުރާ އިންސިނަރޭޓަރުގެ މަސައްކަތް، 2028 ވަނަ އަހަރުގެ މެދުތެރޭގައި އެއްކޮށް ނިންމައި ބޭނުންކުރަން ފަށާނެކަމަށް އެންވަޔަރުމެންޓް މިނިސްޓަރު އަލީ ޝަރީފް ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި "އަހާ" ފޯރަމުގެ 10ވަނަ އެޕިސޯޑުގެ ތެރެއިން ފައިބަރުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ރ. އަލިފުށީގެ ރައްޔިތަކު ފާޅުކުރި ކަންބޮޑުވުމަކަށް ޖަވާބުދެއްވަމުން ޝަރީފު ވިދާޅުވީ، ރ. އަތޮޅާއި އަލިފުށީގެ އިތުރުން ތިލަފުށްޓަކީވެސް ފައިބަރު މަސައްކަތްތައް ގިނަ އަދަދަކަށް ހިނގާ ތަންތަން ކަމަށެވެ.

އަދި ފައިބާ ގްލާސް ފަދަ ވަރުގަދަ މާއްދާތަކަކީ އާދައިގެ ގޮތަކަށް ނައްތައިނުލެވޭނެ، ހާއްސަ އިންތިޒާމުތަކެއް ބޭނުންވާ ތަކެތިކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ތިލަފުށްޓަށް ގެންނަ އެފަދަ ކުނި ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ސަރުކާރުން އިސްކަންދޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން، ތިލަފުށީގެ އިންސިނަރޭޓަރުގެ މަސައްކަތް ކުރީގެ ކޮންޓްރެކްޓަރާ ދެމެދު ދިމާވި މައްސަލަތަކަކާ ގުޅިގެން މެދުކެނޑިފައި އޮތުމަށްފަހު، އެހެން ބަޔަކާ ހަވާލުކުރުމުގެ މަޝްވަރާތައް މިހާރު ކާމިޔާބުކަމާއެކު ނިމުމަކާ ހަމައަށް ގޮސްފައިވާކަމަށް ޝަރީފު ވިދާޅުވިއެވެ.

"ދުވަސްތަކެއް ވަންދެން ހުއްޓިފައި ހުރުމަށްފަހު، މިހާރު އަނެއްކާ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ. އެއާއެކު ގިނަ ވަމުންދާ ފައިބަރައަށް ބޮޑު ހައްލެއް ލިބިގެންދާނެ. ޕްލޭންއަކީ 2028 ވަނަ އަހަރުވެ މެދުތެރޭގައި ބޭނުންކުރަން ފެށުން. މިހާރު ނިމިފައިވަނީ 40 އިންސައްތަ. ކޮންޓްރެކްޓަރުގެ މައްސަލައާއި މަސައްކަތް ހުއްޓިފައި ހުރުމަށް ފަހު މިހާރު އާ ކޮންޓްރެކްޓަރާއި އެކު މަސައްކަތް ދަނީ ކުރަމުން" ޝަރީފު ވިދާޅުވިއެވެ.

އިންސިނަރޭޓަރު އޮޕަރޭޝަނަށް ގެނައުމުން މުޅި ރާއްޖޭގައި ފައިބަރުގެ މަސައްކަތްކުރާ ސިނާއަތްތަކަށް ދިމާވެފައިވާ ކުނީގެ ބޮޑު ގޮންޖެހުމަށް ދާއިމީ ލުޔެއް ލިބިގެންދާނެކަމަށް ޝަރީފު ވިދާޅުވިއެވެ.

މީގެއިތުރުން، މުޅި ރާއްޖޭގެ ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން އައްޑޫ ސިޓީގައިވެސް ވޭސްޓް-ޓު-އެނާޖީ ޕްލާންޓެއް ގާއިމުކޮށްފައިވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.