އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި، ޕީއެންސީގެ ރައީސް އަބްދުލް ރަހީމު އަބްދުﷲ ފުލުހަށް ހާޒިރުވާން ޗިޓް ހަވާލުކޮށްފި އެވެ.

އިދިކޮޅު ކޯލީޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، މާދަމާ ހެނދުނު 10:00 އަށް ފުލުހަށް ހާޒިރު ވުމަށް އަންގައި އަދުރޭ އަށް ޗިޓު ފޮނުވާފައިވާ ކަމަށެވެ.

އަދުރޭ ފުލުހަށް ހާޒިރު ކުރަން އަންގާފައިވަނީ، "ރާއްޖެ ވިއްކާލުމާ ދެކޮޅަށް" މި ނަމުގައި މިދިޔަ ހުކުރު ދުވަހު އިދިކޮޅު ކޯލިޝަނުން މާލޭގައި ބޭއްވި ސައިކަލު ބުރާ ގުޅިގެންނެވެ. އެ މައްސަލައިގައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝުޖާއު ވެސް ފުލުހަށް ހާޒިރުވާން ވަނީ އަންގައިފަ އެވެ.

މިދިޔަ ހުކުރު ދުވަހު މުޅި ރާއްޖޭގައި އިދިކޮޅު ކޯލިޝަނުން ބޭއްވި އިހުތިޖާޖުގައި އެޗްޕީއޭގެ މިންގަނޑުތަކާ ހިލާފަށް އެއްވެ އުޅުނު މައްސަލަ ތަހުގީގު ކުރުމުގެ މަސައްކަތް ފުލުހުން ވަނީ ފަށައިފަ އެވެ. އެ ދުވަހު މާލޭގައި ސައިކަލު ބުރެއް ބޭއްވި އިރު، އެ ސައިކަލު ބުރުގައި ވެސް އިޖުތިމާއީ ގައިދުރުކަން ނެތް ކަމަށާއި ބައެއް މީހުން މާސްކު ވެސް ނާޅައި އުޅުނުކަމުގެ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ.

ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާދަމް ޝަރީފު ވިދާޅުވީ، އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕުގައި ހިމެނޭ ގިނަ ބޭފުޅުން ފުލުހަށް ހާޒިރު ކުރަމުން ދިއުމުން ފެނިގެން ދަނީ ސަރުކާރު ބަލިކަށިވަމުންދާތީ، ބާރުގެ ބޭނުންކޮށްގެން ވެރިކަންކޮށް ބިރު ދެއްކުމާއި، ނުފޫޒުން ހުރިހާ ކަމެއް ކުރުމުގެ މަންޒަރު ތަކެއް ކަމަށެވެ.

އެއީ މަލްޓި ޕާޓީ ޑިމޮކްރަސީގެ އުސޫލުތަކާ ހިލާފަށް ބިރުދެއްކުމާއި ހިޔާލު ފާޅުކުރުމުގެ މިނިނވަންކަން ނިގުޅައިގަނެ، ސަރުކާރު ޖަވާބުދާރީ ކުރުވަން އިދިކޮޅު ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތްތަކަށް ހުރަސް އެޅުން ކަމަށް އޭނާ ވިދާޅުވި އެވެ.