އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިއްޔެ ބޭއްވި "ޒުވާނުންގެ އިހުތިޖާޖު"އާ ގުޅިގެން ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝުޖާއު މާދަމާ ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފިއެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކާއި މާލޭގައި އިއްޔެ ހަވީރު ބޭއްވި އެ އިހުތިޖާޖާ ގުޅިގެން ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިންއަށް ޝުޖާއު ހާޒިރުވާން އަންގާފައިވަނީ މާދަމާ ރޭ 7:00 އަށެވެ.
ފުލުހުން ޝުޖާއުއަށް ކުރާ ތުހުމަތަކީ އިއްޔެ ހަވީރު 4:00 ހާއިރުން ފެށިގެން ގިނަ އަދަދެއްގެ ބަޔަކާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް މާލޭގެ ބޮޑެތި މަގުތަކުގައި ދުއްވާ ތަކެއްޗާއި މަގު ހިނގާ މީހުންނަށް އުނދަގޫވާގޮތަށް އަޑުގަދަކޮށް ހަޅޭލަވަމުން މަގުތަކުގައި ގިނަ އަދަދެއްގެ ބަޔަކު އެއްކޮށް ސައިކަލު ދުއްވައި، އެއްވުމުގައި ބައިވެރިކުރި އާންމު ރައްޔިތުންނާއި އެއްވުމުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ހަރަކާތްތެރިވި ފަރާތްތައް ސިއްހީގޮތުން ނުރައްކަލަކަށް ހުށަހެޅޭ ގޮތަށް އިޖުތިމާއީ ގައިދުރުކަމާއި މާސްކު އެޅުމެއް ނެތި އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް ބޮޑުތަކުރުފާނު މަގުގައި އެއްވުމެއް ބާއްވައި އެ އެއްވުމާއި މަގުތަކުގައި ހަޅޭލަވަމުން ސައިކަލު ދުއްވުމުގައި އިސް މީހެއްގެ ގޮތުން ހަރަކާތްތެރިވެ އެއްވުމުގެ ބައިވެރިންނާއި މުހާތަބުކޮށް ވާހަކަދައްކައި ހިތްވަރުދީފައިވުމެވެ.
އިއްޔެ ބޭއްވި އެއްވުމުގައި ޕްރޮގްރެސިވް ކޯލިޝަނުގެ ލީޑާޝިޕުގެ ބޭޅުންނާއެކު ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެ އެއްވުމުގައި ބައިވެރިވެވަޑައިގެންނެވުމުން ރައީސް ވަހީދަށް ވަނީ ގިނަ ބައެއްގެ ފާޑުކިޔުން ވެސް އަމާޒުވެފައެވެ.
އެއްވުންތައް ބާއްވަމުންދާތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ހެންވޭރުގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބިފައިވާ ސަރަހައްދު ބައްލަވައިލެއްވުމަށް ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުންތަކާއި ހިލާފަށް އެއްވާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ފުލުހުން އަޅާނެ ކަމަށެވެ.
ރާއްޖޭގައި ހިޔާލުފާޅުކުރުމާއި މުޒާހަރާ ކުރުމުގެ މިނިވަންކަން އޮންނާނެ ކަމަށާއި އެހެންނަމަވެސް މިފަދަ ދަނޑިވަޅެއްގައި އެފަދަ އަމަލެއް ޒިންމާދާރުކަމެއްނެތި ހިންގީތީ ހިތާމަ ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އަބަދުވެސް ފުލުހުންގެ ފަރާތުން އިލްތިމާސް ކުރަމުން ގެންދަނީ އެޗްޕީއޭގެ އެންގުމާ އެއްގޮތަށް ފަސް މީހުންނަށްވުރެ ގިނައިން އެއްތަނަކަށް އެއްވެ ނޫޅުމަށް، އެހެންވެ އެ އެންގުމާ ހިލާފަށް އަމަލުކުރާ ހުރިހާ ފަރާތްތަކާ ދޭތެރޭގައި ގާނޫނުގައިވާ ގޮތުގެ މަތީން ފުލުހުންގެ ފަރާތުން ފިޔަވަޅު އަޅަމުން ގެންދާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މުޒާހަރާތައް ކައިރިން ބައްލަވަމުން ގެންދެވި ކަމަށާއި އެއްވެސް ހާލަތެއްގައި ގާނޫނުތައް މުގުރާލާފައި އެޗްޕީއޭގެ ގަވާއިދުތަކާ ހިލާފަށް ހިންގާ އެއްވެސް އަމަލަކަށް ފުލުހުން ފުރުސަތު ނުދޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު