ކެންސަރު ބަލީގެ ހާއްސަ ސެންޓަރު ގާއިމް ކުރަން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން ބަޔަކާ ހަވާލުކޮށްފިއެވެ.

ރާއްޖޭގައި މިވަގުތު ކެންސަރަށް ނުދެވޭ ހަމައެކަނި ފަރުވާ ކަމުގައިވާ ރޭޑިއޭޝަނަށް ހާއްސަ ޗެމްބަރަކާ އެކު ގާއިމްކުރާ މިސެންޓަރު ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ އިނގިރޭސިވިލާތުގެ ކުންފުންޏަކާއި އިންޑިއާ ކުންފުންޏެއް ގުޅިގެންނެވެ.

ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން އެ ސެންޓަރު ހަދަން ނިންމާފައިވަނީ ހުޅުމާލެ 2 ގައި ގާއިމްކުރާ 500 އެނދުގެ ޓާޝަރީ ހޮސްޕިޓަލުގެ ތެރެއިންނެވެ. އެ ގޯތީގެ ތެރޭގައި ވަކިން ހަދާ ޑައިގްނޯސްޓިކް ސެންޓަރުގެ މަސައްކަތް މި އަހަރު ފަށައި ޑިސެމްބަރު، 2028 ގައި އަމަލީ މަސައްކަތް ނިންމާނެއެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި ސެންޓަރު ގާއިމް ކުރުމުގެ އެއްބަސްވުމުގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމްއެވެ. އަދި ކޮންޓޮމް ހައިން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސަރު އެންޑް ޑިރެކްޓަރު ޗިމްޓަން ސޯނީއެވެ.

މި ރަސްމިއްޔާތުގައި އަބްދުއްރައްޒާގު ވިދާޅުވީ މި މަޝްރޫއުގެ ދަށުން ރާއްޖޭގައި ކެންސަރު ބައްޔައް ދެވޭ ހާއްސަ ފަރުވާތައް ހަރުދަނާކޮށް ރާއްޖެއިން ބޭރަށް ބަރޯސާ ވާންޖެހޭ ނިސްބަތް މަދުކޮށް ފެންވަރު ރަނގަޅު ހިދުމަތްތަކެއް ގާއިމު ކުރެވޭނެ ކަމަށެވެ. އަދި ސިއްހީ ދާއިރާގެ ސިޔާސަތުތަކުގެ ދަށުން ހާއްސަ ބަލިތަކަށް ފަރުވާދޭ ޒަމާނީ ވަސީލަތްތައް ރާއްޖޭގައި އިތުރުކޮށް ފަހުގެ ޓެކްނޮލޮޖީއާ އެކު ހިދުމަތް ދެވޭނެ ގާބިލުކަން އިތުރުކޮށް އިންސާނީ ވަސީލަތްތައް ގާއިމް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކެންސަރު ބަލީގެ ހާއްސަ ސެންޓަރެއް ގާއިމް ކުރަން ހަވާލުކުރުން-- ފޮޓޯ: އައިޖީއެމްއެޗް

މި މަރުކަޒަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ މުހިންމު މަސައްކަތެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ބައެއް ހޮސްޕިޓަލްތަކުން މިހާރުވެސް ކެންސަރުގެ ބައެއް ފަރުވާތަކާއި ކީމޯ ތެރަޕީގެ ފަރުވާ ދެމުންދިޔަ ނަމަވެސް، ރޭޑިއޭޝަން ތެރަޕީ، ނިއުކްލިއާ މެޑިސިން، ޕެޓްސީސީޓް ފަދަ މުހިންމު ފަރުވާތައް ސަރުކާރުގެ ހޮސްޕިޓަލްތަކުގައި އަދި ނެތް،" ސީއީއޯ ވިދާޅުވިއެވެ.

ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދާން ޖެހުމަކީ އާއިލާތަކަށް މާލީ ގޮތުންނާއި ނަފްސާނީ ގޮތުން ދިމާވާ ގޮންޖެހުމެއް ކަމަށާއި މި މަސައްކަތާއެކު ކެންސަރަށް ފަރުވާ ހޯދާ ފަރާތްތަކަށް އާ އުންމީދަކާއި އެކަށޭނަ ފަރުވާތައް ރާއްޖޭގައި ތިބެގެން ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކެންސަރު ބަލީގެ ހާއްސަ ސެންޓަރު ގާއިމްކުރަން ބަޔަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސީއީއޯ ހަލީމް ވާހަކަ ދައްކަވަނީ-- ފޮޓޯ: އައިޖީއެމްއެޗް

އޭނާ ވިދާޅުވީ މި ސެންޓަރު ގާއިމުވުމުން އާއިލާގާތު ހުރެ، އަވަހަށް ބަލި ދެނެގަނެ، ކުލިނިކަލް މޮނިޓަރިންނާއި ފަރުވާގެ ހިދުމަތް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ކަމަށެވެ.

ޒަމާނީ ފެންވަރަށް ތަރައްގީ ކުރާ މި ސެންޓަރުގައި ބަލި މީހުންނަށް އިމަޖެންސީ ހާލަތްތަކުގައި ފަރުވާ ދެވޭނެ އިންތިޒާމުތަކާއި ކުރިޓިކަލް ހާލަތްތަކުގައި ފަރުވާ ދެވޭނެ އިންތިޒާމު ހުންނާނެއެވެ.

ބަލި މީހުން ބައިތިއްބައިގެން ފަރުވާ ދެނޭ ވޯޑާއި ކެންސަރު ބަޔާ ގުޅޭ ސާޖަރީތައް ކުރުމަށް ހާއްސަ އޮޕަރޭޝަން ތިއޭޓަރުތައް ވެސް ހިމެނޭނެއެވެ. އަދި ކީމޯ ތެރަޕީ ދޭނެ ޑޭކެއާ ޔުނިޓްތަކަށްވެސް މި މަރުކަޒުގައި ހުންނާނެއެވެ.

މީގެ އިތުރުން އެންމެ ފަހުގެ ތްރީޑީ، ސީއާރްޓީ އާއި އައިއެމްއާރްޓީ، އައިޖީއާރްޓީ ޓެކްނޮލޮޖީގެ އެހީގައި ރޭޑިއޭޝަން ތަރަޕީގެ ހިދުމަތް ދެވޭނެ އިންތިޒާމުތައް މި މަރުކަޒުގައި ގާއިމް ކުރާނެއެވެ.

މި މަރުކަޒުން ޒަމާނީ ޑައިގޮނޮސްޓިކް ހގިދުމަތް ކަމަށްވާ ސީޓީ ސިމިއުލޭޝަން، ޕެތޮލޮޖީ އަދި އެހެނިހެން ޓެސްޓުތައް ވެސް ހެދޭނެއެވެ. މީގެ އިތުރުން ނަފްސާނީ އެހީތެރިކަމާއި ބަލިމީހާގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދޭނެ ސަޕޯޓިވް ކެއާގެ ތެރޭގައި ހިމެނޭ އެހެނިހެން ހިދުމަތްތައްވެސް މި މަރުކަޒުން ލިބޭނެއެވެ.

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އަމާޒަކީ އެކި މަރުހަލާތަކަށް ބަހާލައިގެން 2028 ވަނަ އަހަރާ ހަމައަށް މަސައްކަތް ނިންމައި ހިދުމަތް ދިނުމެވެ.