ހެންވޭރުގައި ރޭ ހިނގި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް ފުލުހުން ތަހުގީގު ފަށައިފިއެވެ.
ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވީ މި ހާދިސާއަކީ ވަރަށް ނުރައްކާތެރި ހާދިސާއެއް ކަމަށެވެ. މި ހާދިސާއާ ގުޅިގެން ތަހުގީގު ޓީމްތަކުން ކުރަން ޖެހޭ މަސައްކަތްތައް މިހާރު ފައްޓަވާފައިވާ ކަމަށެވެ.
"މި މައްސަލަ ތަހުގީގުކޮށް ބެލުމަށްޓަކައި ފުލުހުންގެ ތަހުގީގު ޓީމްތަކުންވެސް އެބޭފުޅުން ކުރައްވަން ޖެހޭ ކަންކަން މިވަނީ ފައްޓަވާފަ، އުންމީދު ކުރަން މާ ބޮޑު ގެއްލުންތަކެއް ނުވެ މިކަމުން ސަލާމަތްވާނެ ކަމަށް،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިމްރާން ވިދާޅުވީ އެސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އަލުން ގެތަކަށް ވަނުމުގެ ފުރުސަތު ރޭ ލިބިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ފުލުހުންގެ ސީރިއަސް ކްރައިމް ޑިޕާޓްމެންޓް ބޭފުޅުންނާ ބައްދަލު ކުރައްވާފައިވާ ކަމަށާއި އެހާދިސާގެ ތަހުގީގު މިހާރު ފަށާފައިވާ ކަމަށެވެ.
ރޭ ގާތްގަނޑަކަށް 9:30 އެހާކަންހާއިރު ފުރަތަމަ އަލިފާން ރޯވީ އެސްބީއައި ބޭންކާ ޖެހިގެން ހުންނަ ޓިއޮލޯ ކެފޭގަ އެވެ. އަލިފާނުގެ ހާދިސާގައި ދެ ބުރިއަށް ހުންނަ އެ ކެފޭ އެއްކޮށް އަނދައި ހުލިވެފައިވާއިރު އެސްބީއައި ބޭންކު ހުންނަ އިމާރާތަށް ވެސް އަލިފާނުގެ އަސަރުކޮށް، ބައެއް ގެއްލުންތައް ލިބިފައިވެ އެވެ.
އެތަނުގައި ރޯވި އަލިފާންގަނޑު ފެތުރުން ކޮންޓްރޯލް ކުރެވުނީ ރޭ 11:30 އެހާކަންހާއިރު އެވެ. އަލިފާން ނިއްވުމުގައި ސިފައިންގެ ފަޔާ އެންޑް ރެސްކިއުގެ އިތުރުން ވެލާނާ އެއާޕޯޓްގެ ފަޔާ ފައިޓަރުންނާއި ފަޔާ ލޮރީ ހަރަކާތްތެރިވި އެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް