ހުޅުމާލޭ ފޭސް 1 އަދި ފޭސް 2 ގެ މަގުތަކުގެ ރައްކާތެރިކަން އިތުރުކުރުމުގެ މަޝްރޫއުގެ ދަށުން، ފޭސް 2 ގައި ސްޕީޑް ބްރޭކަރުތައް ހެދުމުގެ މަސައްކަތް މާދަމާ ފެށިގެން ކުރިއަށްގެންދިއުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.
މި މަސައްކަތް ފުރަތަމަ ކުރިއަށްދާނީ ބަސް ދަތުރުކުރާ ލޭންތަކުގައި މާދަމާއިން ފެށިގެން އަންނަ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ. އެޗްޑީސީން މައުލޫމާތު ދޭ ގޮތުގައި، މި މުއްދަތުގެ ތެރޭގައި މަގުމަތީގެ ރައްކާތެރިކަން ބެލެހެއްޓުމާއި މަސައްކަތް އަމާންކަމާއެކު ކުރިއަށްދިޔުމުގެ އިންތިޒާމުތައް ވަނީ ހަމަޖެހިފައެވެ.
މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި ބަސް ދަތުރުތައް މެދުކެނޑުމެއްނެތި ކުރިއަށްގެންދިއުމަށްޓަކައި، ފުލުހުންގެ އެހީތެރިކަމާއެކު މަގުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން، މި ބަދަލުތަކަށް ސަމާލުކަންދީ، ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.
ބަސް ދަތުރުކުރާ ލޭންތަކުގެ ސްޕީޑް ބްރޭކަރުތައް ހެދުމުގެ މަސައްކަތް ނިމުމުން، ހުޅުމާލޭ ފޭސް 2 ގެ ކަނޑައެޅިފައިވާ އެހެން ސަރަހައްދުތަކުގައި ވެސް ސްޕީޑް ބްރޭކަރުތައް ހަރުކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެއެވެ.
މި މަސައްކަތުގެ ސަބަބުން އާންމުންނަށް ދިމާވެދާނެ ދަތިތަކަށް އެޗްޑީސީން ވަނީ މައާފަށް އެދިފައެވެ. އަދި މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރިއަށްގެންދާ މި މަސައްކަތުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް އެ ކޯޕަރޭޝަނުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ހުޅުމާލޭ ފޭސް 2 ގައި ދާދިފަހުން ހިނގި ނުރައްކާތެރި އެކްސިޑެންޓުތަކަކާ ގުޅިގެން އެޗްޑީސީން ގެންދަނީ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުންނާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ
ކޮމެންޓް