ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުންތަކާއި ހިލާފަށް އެއްވާ ފަރާތްތަކާމެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ފުލުހުން އަޅާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިގޮތަށް ވިދާޅުވެފައި ވަނީ ރޭ ހެންވޭރުގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބިފައިވާ ސަރަހައްދު ބައްލަވައިލެއްވުމަށް ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ސޯލިހު ވިދާޅުވީ އެޗްޕީއޭގެ އެންގުންތަކާ ހިލާފުވާ ބަޔަކު އުޅޭ ކަމަށާއި އެއީ ހުރިހާ ރައްޔިތުން ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމެއް ކަމަށެވެ. އަދި މިއަދު (އިއްޔެ) ވެސް އެފަދަ ކަމެއް ހިނގާފައިވާ ކަމަށާއި ވަރަށް އިސް ބޭފުޅުންތަކެއް މާސްކު ނާޅުއްވައި އެތައް ބަޔަކު އެއްކޮށް އެފަދަ އަމަލެއް ހިންގާފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި ހިޔާލުފާޅުކުރުމާއި މުޒާހަރާ ކުރުމުގެ މިނިވަންކަން އޮންނާނެ ކަމަށާއި އެހެން ނަމަވެސް މިފަދަ ދަނޑިވަޅެއްގައި އެފަދަ އަމަލެއް ޒިންމާދާރުކަމެއްނެތި ހިންގީތީ ހިތާމަ ކުރައްވާ ކަމަށެވެ.
"އަޅުގަނޑުމެން އަބަދުވެސް ފުލުހުންގެ ފަރާތުން އިލްތިމާސް ކުރަމުން ގެންދަނީ އެޗްޕީއޭގެ އެންގުމާ އެއްގޮތަށް ފަސް މީހުންނަށްވުރެ ގިނައިން އެއްތަނަކަށް އެއްވެ ނޫޅުމަށް، އެހެންވެ އެ އެންގުމާ ހިލާފަށް އަމަލުކުރާ ހުރިހާ ފަރާތްތަކާ ދޭތެރޭގައި ގާނޫނުގައިވާ ގޮތުގެ މަތީން ފުލުހުންގެ ފަރާތުން ފިޔަވަޅު އަޅަމުން ގެންދާނެ" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މުޒާހަރާތައް ކައިރިން ބައްލަވަމުން ގެންދެވި ކަމަށާއި އެއްވެސް ހާލަތެއްގައި ގާނޫނުތައް މުގުރާލާފައި އެޗްޕީއޭގެ ގަވާއިދުތަކާ ހިލާފަށް ހިންގާ އެއްވެސް އަމަލަކަށް ފުލުހުން ފުރުސަތު ނުދޭނެ ކަމަށެވެ.
އިދިކޮޅު ކޯލިޝަނުން އިއްޔެ ބޭއްވި ސައިކަލު ބުރުގައި އެޗްޕީއޭގެ މިންގަނޑުތަކާ ހިލާފުވި މައްސަލަ ފުލުހުންވެސް އަންނަނީ ބަލަމުންނެވެ.
އިއްޔެ ހަވީރު މާލޭގައި ގިނަ އަދަދެއްގެ ޒުވާނުންނާއި އިދިކޮޅު ކޯލިޝަންގެ ގިނަ ފަރާތްތަކެއް ބައިވެރިވެ، ބޭއްވި ސައިކަލު ބުރުގައި ގިނަ ބަޔަކު ތިބީ މާސްކު އަޅައިގެނެވެ. ނަމަވެސް ގައިދުރުކަމެއް ނެތެވެ. ފުލުހުންވެސް އެ ސައިކަލު ބުރަށް ހުރަސް އަޅައި، ހުއްޓުވަން މަސައްކަތް ކޮށްފައެއް ނުވެއެވެ.
އެސައިކަލް ބުރުގައި ބައިވެރިން ތިބީ ރާއްޖެ ވިއްކާލުމާ ދެކޮޅަށް އެކި ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެނެވެ. އަދި ބައިވެރިން ދިޔައީ ކުރީގެ ރައީސް އަބުދުﷲ ޔާމީން މިނިވަން ކުރުމަށްވެސް ގޮވާލަމުންނެވެ.
ސައިކަލް ބުރުގައި ޕީޕީއެމް އާއި ޕީއެންސީގެ އިސް ބައެއް ބޭފުޅުންވެސްބައިވެރިވެޑައިގެންފައި ވެއެވެ. އެގޮތުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމާއި ޕީޕީއެމްގެ ނާއިބު ރައީސް އިބްރާހިމް ޝުޖާއު އަދި ޕީއެންސީގެ ނައިބު ރައީސް، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު