ރާއްޖޭގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ނުވާނަމަ، ރައްޔިތުންގެ ހައްގުގައި ކުރަންޖެހޭ ކޮންމެ ކަމެއް ކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ބޮޑުތަކުރުފާނު މަގުގައި ހުރި ކެފޭއެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތައް ބައްލަވައިލެއްވުމަށް އެ ސަރަހައްދަށް ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ ރާއްޖެ އަނެއްކާ ވެސް ލޮކްޑައުން އަކަށް ގޮސްފިނަމަ އެކަމަކީ ރައްޔިތުން ވަރަށް ބޮޑު ތަކުލީފެއް އުފުލަން ޖެހިދާނެ ކަމެއް ކަމަށެވެ. އަދި ކޮވިޑުން ސަލާމަތްވުމަށް ލޮކްޑައުން އަކަށް ނުގޮސް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"މިކަމަށް (ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް) ހަމައެކަނި އޮތް ހައްލަކީ އެޗްޕީއޭ އިން އެދެއްވާ ލަފާތަކާއި އިރުޝާދުތަކާ އެއްގޮތަށް ރައްޔިތުން އަމަލުކޮށް، ގައި ދުރުކުރުން، މާސްކު އެޅުން، ވީވަރަކުން އެކަހެރިކޮށް ގޭގައި ތިއްބެވުން، އެހެން ނޫންނަމަ އަޅުގަނޑުމެންނަށް އެ ހިސާބަށް (ލޮކްޑައުން އަކަށް) ދާން ޖެހިދާނެ، ދާން ޖެހިއްޖެއްޔާ ހުރިހާ ރައްޔިތުންގެ ހައްގުގައި އަޅުގަނޑަށް ޖެހޭނީ ކުރަންޖެހޭ ކަމެއް ކުރަން،" ރައީސް ވިދާޅުވި އެވެ.

"ރާއްޖެ ވިއްކާލުމާ" ދެކޮޅަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިއްޔެ މާލޭގައި ބޭއްވި ސައިކަލު ބުރަށް ފާޑުވިދާޅުވެ ރައީސް ސޯލިހު އިތުރަށް ވިދާޅުވީ މިވަގުތު ކުރިމަތިވެފައިވާ ކޮވިޑު ވަބާ ފެތުރުމުގެ އެންމެ ބޮޑު މައްސަލައަކީ އެންމެން އެއްތަނަކަށް އެއްވެ ގައިގޯޅިވުން ކަމަށާއި ނަމަވެސް އެކަމާ ދެކޮޅަށް އަމަލުކުރާ ބަޔަކު އެބަ އުޅޭ ކަމަށެވެ. އެހެންކަމުން އެއީ ހުރިހާ ރައްޔިތުން ވެސް ސަމާލުކަން ދޭންޖެހޭ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"ވަރަށް ހިތާމަކުރަން މިއަދުވެސް މާލޭގައި ބަޔަކު މުޒާހަރާ ކޮށްފި. އަޅުގަނޑުމެންގެ ތެރޭގައި ތިއްބެވި ވަރަށް އިސް ބޭފުޅުން މާސްކު ވެސް ނާޅުއްވައި ރައްޔިތުންގެ އެތައް ބަޔަކު އެއްކޮށް، އެފަދަ އަމަލުތައް ކުރާ މަންޒަރު ފެނިގެން ހިނގައްޖެ. މިއަކީ މިފަދަ ދަނޑިވަޅެއްގައި ރައްޔިތުންނަށް ހެޔޮ އެދިގެން، ގައުމަށް ހެޔޮ އެދިގެން ކުރާނެ ކަމެއް ނޫން،" ރައީސް ވަހީދުގެ ނަން ވިދާޅުނުވެ ރައީސް ސޯލިހު ރޭ ވިދާޅުވި އެވެ.