ހެންވޭރުގައި އަލިފާން ރޯވި ސަރަހައްދުގައި ތިބި ކޮވިޑަށް ޕޮޒިޓިވް މީހުންނާއި ކޮންޓެކްޓުންނާއި ހޯމް ކަރަންޓީނުގައި ތިބި މީހުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އަށް އެންގުމަށް އެ އެޖެންސީން އިލްތިމާސްކޮށްފިއެވެ.

ހެންވޭރުގައި ހިނގި އަލިފާނުގެ ހާދިސާގައި އަލިފާން ފުރަތަމަ ރޯވެފައިވަނީ ޓީއޯލޯ ކެފޭގައެވެ. ދެބުރިއަށް ހުންނަ އެ ކެފޭ ވަނީ އެއްކޮށް އަނދައި ހުލިވެފައެވެ. ޖެހިގެން ހުރި ގަދަގޭ މުހައްމަދުފުޅު އިމާރާތުގައިވެސް ވަނީ އަލިފާން ރޯވެފައެވެ.

އެޗްޕީއޭއިން ބުނީ އަލިފާން ރޯވެފައިވާ ސަރަހައްދުގައި އުޅޭ ކޮވިޑަށް ޕޮޒިޓިވް ވެފައިވާ މީހުންނާއި އަދި ކޮވިޑަށް ޕޮޒިޓިވްވި މިހަކާ ބައްދަލުވެ ހޯމް ކަރަންޓީނުގައި ތިބި މީހުން 1676 އަށް ގުޅުމަށް އެދޭ ކަމަށެވެ.

އެޗްޕީއޭއިން ވަނީ ދުމުގެ އަސަރު ކުރާ ހިސާބަށް ނުދިޔުމަށާއި ދުމުގެ އަސަރު ކުރާ ހިސާބުތަކުގައި ހުރި ގެތަކަށް ދުން ނުވަންނާނޭހެން ދޮރާއި ކުޑަދޮރުތައް ރަނގަޅަށް ލެއްޕުމަށްވެސް އިލްތިމާސްކޮށްފައެވެ.

އެމްއެންޑީއެފުގެ ފަޔާ އެންޑް ރެސްކިޔުން އަންނަނީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންނެވެ. އެ ސަރަހައްދުގައި ހުރި އިމާރާތްތަކުގެ މީހުން ހުސްކުރުމުގެ މަސައްކަތްތައްވެސް އަންނަނީ ކުރަމުންނެވެ.

އެ ސަރަހައްދަށް ވަރަށް ގިނަ އަދަދެއްގެ އާންމުން އެއްވެފައިވާ ކަމަށް އެ ސަރަހައްދުގައި މިވަގުތު ހަރަކާތްތެރިވަމުން އަންނަ "ވަން"ގެ ނޫސްވެރީން ބުނެއެވެ.