ސިއްހަތު

ކޮވިޑް ހާއްސަ: ކުޑަކުދީންގެ ފުއްޕާމޭގައި ރޯގާގެ އަސަރު ހުރިތޯ ބެލުމަށް އަމިއްލަޔަށް ކުރެވިދާނެ ކަމެއް

1

ކޮވިޑުގެ އަސަރު ހަށިގަނޑަށް ކޮށް އޭގެ އެންމެ ނުރައްކާ މަރުހަލާއަކަށް ގޮސް މީހާގެ ފުރާނައަށް ނުރައްކާވާ ހިސާބަށް އާންމުކޮށް މި ދަނީ ފުއްޕާ މޭގައި ރޯގާ ހިފައި ރަނގަޅު ނުވެ ހުރެ ނިއުމޯނިއާ އަށް ބަދަލުވުމުގެ ސަބަބުންނެވެ.

އެހެން ކަމުން ކޮވިޑާ ގުޅޭ ކަންކަމުގައި ރައްކާތެރިވެ ތިބުމަށާއި އަލާމާތްތައް އަމިއްލަޔަށް ދެނެގަތުން ފަދަ ކަންކަމަށް ހޭލުންތެރިކުރުވުމަށް ސިއްހީ މާހިރުން ގެންދަވަނީ ކެނޑިނޭޅި މަސައްކަތްކުރައްވަމުންނެވެ. އޭގެ ތެރޭގައި ކޮވިޑު އަލާމާތްތަކާއި އޭގެ ތެރެއިން ވެސް އާދައިގެ އަދި ސީރިއަސް އަލާމާތްތައް ވަކިކޮށް ބުނެދީ އެކަމުން ރައްކާތެރިވުމަށް ޓަކައި ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.

ކޮވިޑުގެ އެންމެ ސީރިއަސް ސްޓޭޖަކީ ފުއްޕާމެޔަށް ވައިރަހުގެ އަސަރުކުރުންކަމަށް ވާތީ ފަރުވާގެ ހުރިހާ މަރުހަލާއެއްގައިވެސް އެކަމަށް ހާއްސަ ސަމާލުކަމެއް އަންނަނީ ދެމުންނެވެ. އެހެން އެއްވެސް ބައްޔަކާ ގުޅިގެން ވެންޓިލޭޓަރު ބޭނުން ނުވާ މިންވަރަށް ކޮވިޑަށް ފަރުވާ ކުރުމަށް ވެންޓިލޭޓަރުގެ ބޭނުން ޖެހޭ ސަބަބަކީވެސް މިއީއެވެ. ފުއްޕާމޭގެ ހާލަތު ގޯސްވުމުން މެޝިނުގެ އެހީގައި ނޭވާ ލައްވައިގެންވެސް މީހުންގެ ފުރާނަ ސަލާމަތްކުރުމަށް މަސައްކަތް ކުރުމަށެވެ.

ފުއްޕާމޭގެ ހާލަތު ރަނގަޅުކަން އަމިއްލަޔަށް ދެނެގަތުމަށް ކުރެވިދާނެ އެތައް ކަމެއްވެސް ސިއްހީ މާހިރުން އަންނަނީ ކޮވިޑު އާންމު ވުމަށް ފަހު ވަކީން ގިނައިން ސޯޝިއަލް މީޑިއާގައިވެސް ހިއްސާކުރަމުންނެވެ.

އެ ގޮތުން ރާއްޖޭގެ ކުޑަކުދީންގެ ޑޮކްޓަރު. ޑރ. އަހުމަދު ފައިސަލް މިއަދު މިވަނީ ކުޑަކުދީންގެ ފުއްޕާ މޭގައި ރޯގާގެ އަސަރު ހުރިތޯ އަމިއްލަޔަށް ބެލިދާނެ ގޮތެއް ބަޔާންކޮށް ޓުވީޓެއް ކުރައްވައިފަ އެވެ. މި ޓުވީޓާ އެކު އޭނާ ވަނީ ވީޑިއޯއެއްވެސް ހިއްސާކުރައްވައިފަ އެވެ.

ޑރ. ފައިސަލްގެ ޓުވީޓު އަދި ހިއްސާކުރެއްވި ވީޑިއޯ

މިކަން ބެލުމަށް ޑރ. ފައިސަލް އިރުޝާދު ދެއްވާފައިވާ ގޮތަކީ ވަނީ ނޭވާ ލާއިރު އަވަސް އަވަސްކޮށް ނޭވާ ލުމަށްފަހު ދެން ލަސް ލަހުން ނޭވާ ލުމަށެވެ. އެޔަށްފަހު މިނިޓެއް ވަންދެން ބަނޑަށް ބެލުމަށެވެ. ވީޑިއޯގައި ފެންނަ ގޮތަށް ލަސް ބައި ނައިސް އަބަދު ނޭވާ ކުރުވެފައި ހުންނަންޏާ އެއީ ފުއްޕާމޭގައި ރޯގާގެ އަސަރު ހުރުން ނުވަތަ އެހެން ބައްޔެއްގެ އަލާމާތެއްކަމަށް ވެދާނެ ކަމަށް ޑރ. ފައިސަލް ވިދާޅުވި އެވެ. ދެ މަހުން ދަށުގެ ކުދިން ލާނީ މިނެޓަކު 40 އާއި 60 އާ ދެމެދުގެ އަދަދެއްގެ ނޭވާ ކަމަށްވެސް ޑރ. ފައިސަލް ވިދާޅުވި އެވެ.