އާއިލާއެއް ބިނާކުރުމަކީ ކޮންމެ ދެމަފިރިޔަކުވެސް ދެކޭ ފޮނި ހުވަފެނެކެވެ. ނަމަވެސް ބައެއް ދެމަފިރިންނަށް މި އުންމީދު ހަގީގަތަކަށް ވުމުގައި ގޮންޖެހުންތަކާ ކުރިމަތިވެ، ދިގު އިންތިޒާރެއް ކުރާންޖެހެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ރީޕްރޮޑަކްޓިވް މެޑިސިން އެންޑް ގައިނަކޮލޮޖިކަލް ލެޕަރޮސްކޮޕީގެ ސީނިއާ ކޮންސަލްޓަންޓް ޑރ. ވަރްޝާ ރެންގަރާޖް ވިދާޅުވާ ގޮތުގައި، ދަރިމައިވުމުގައި ދަތިތަކެއް އުޅޭނަމަ ވީހާވެސް އަވަހަކަށް ސިއްހީ އެހީތެރިކަން ހޯދުމަކީ ނަތީޖާ ރަނގަޅުވުމަށް އޮތް ފުރުސަތު ބޮޑުވެގެންދާ ކަމެކެވެ.

"ދަރިމައިވުމަށް ހުރަސްއެޅޭ ސަބަބުތަކަކީ ހަމައެކަނި އަންހެނުންނަށް ކުރިމަތިވާ މައްސަލައެއް ކަމަށް ގިނަ ބަޔަކަށް ހީވެފައި އޮންނަނީ ކުށްހީއެއްގެ މައްޗަށް. ހަގީގަތަކީ ދަރިމައިވުމުގެ މައްސަލަތަކުގައި ފިރިހެނުންނާއި އަންހެނުންގެ ދައުރު ދާދި އެއްވަރަކަށް ހިއްސާވޭ" ޑރ. ވަރްޝާ ފާހަގަކުރެއްވިއެވެ

ޓްރީޓޮޕް ހޮސްޕިޓަލުގެ ރީޕްރޮޑަކްޓިވް މެޑިސިން އެންޑް ގައިނަކޮލޮޖިކަލް ލެޕަރޮސްކޮޕީގެ ސީނިއާ ކޮންސަލްޓަންޓް ޑރ. ވަރްޝާ ރެންގަރާޖް --- ވަން ފޮޓޯ: ހަމްދާން

ޑރ. ވަރްޝާ ވިދާޅުވި ގޮތުގައި 'އިންފާޓިލިޓީ' (ދަރިމައިނުވުން) މި ލަފުޒަށްވުރެ 'ސަބްފާޓިލިޓީ' (ދަރިމައިވުމަށް ދަތިވުން) މި ލަފުޒު ބޭނުންކުރުން އައުލާވެގެންވެއެވެ. ސަބަބަކީ ގިނަ ދެމަފިރިންނަށް ބޭނުންވަނީ ދަރިމައިވުމަށްޓަކައި ސިއްހީ ކުޑަ އެހީތެރިކަމެއް ކަމަށްވާތީއެވެ. އުމުރުން 35 އަހަރުން ދަށުގެ ދެމަފިރިން، އެއް އަހަރު ދުވަސް ވާންދެން ދަރިޔަކު ހޯދަން މަސައްކަތްކޮށް ކާމިޔާބު ނުވެއްޖެނަމަ، ޑޮކްޓަރަށް ދެއްކުމަށް ޑރ. ވަރްޝާ އިރުޝާދު ދެއްވައެވެ. އަދި އުމުރުން 35 އަހަރުން މަތީގެ ދެމަފިރިންނަށް މި މުއްދަތަކީ ހަ މަސް ދުވަހެވެ.

ދެމަފިރިންގެ މައްސަލަ ދެނެގަތުމަށްޓަކައި އެކަމަށް ހާއްސަ ޑޮކްޓަރުން ދެމީހުންގެ ޓެސްޓުތައްވެސް ކުރިއަށް ގެންދާނެއެވެ. އަންހެނުންނަށް ހޯމޯން ޓެސްޓުތަކާއި އަލްޓްރާސައުންޑް ސްކޭން ހަދާއިރު، ފިރިހެނުންގެ ދަރިފަނި ނުވަތަ ސްޕާމްގެ ކައުންޓާއި މޮޓިލިޓީ އަދި ކޮލިޓީ ދެނެގަތުމަށް ސީމަން އެނަލިސިސް ޓެސްޓް ހަދަންޖެހެއެވެ.

ދަރިމައިވުމުގެ ފަރުވާތަކާ ގުޅޭގޮތުން އާންމުންގެ މެދުގައި އޮންނަ އެންމެ ބޮޑު އެއް ކުށްހީއަކީ އައި.ވީ.އެފް އަކީ ހަމައެކަނި އޮތް ނުވަތަ އެންމެ ފުރަތަމަ ދޭން ޖެހޭ ފަރުވާ ކަމަށް ގަބޫލުކުރެވުމެވެ.

"އާންމު ގޮތެއްގައި އައިވީއެފް އަކީ އެންމެ ފުރަތަމަ ދެވޭ ފަރުވާއެއް ނޫން، އަޅުގަނޑުމެން އެންމެ ފުރަތަމަ ދެމަފިރިންގެ ހާލަތު ވަރަށް ބޮޑަށް ދިރާސާކުރުމަށްފަހު، އެންމެ އާދައިގެ ފަރުވާތަކުން ފެށޭތޯ ބަލަން. އައިވީއެފް އަށް ދަނީ ސިއްހީ ގޮތުން އެކަން އެގޮތަށް ކުރަން މަޖުބޫރުވުމުން ނުވަތަ އެހެން ފަރުވާތަކުން ނަތީޖާއެއް ނުލިބުމުން." ޑރ. ވަރްޝާ ތަފްސީލުކޮށްދެއްވިއެވެ.

އައިވީއެފް ހަދާ ދެމަފިރިން ކެތްތެރިކަން އިސްކުރުމަށާއި ހަގީގަތާ އެއްގޮތަށް އުންމީދުތައް ބެހެއްޓުމަށް ޑރ. ވަރްޝާ ބާރުއަޅުއްވައެވެ. އައިވީއެފް މެދުވެރިކޮށް ދުނިޔޭގެ އެތައް މިލިއަން ބަޔަކަށް ދަރިން ލިބިފައިވީ ނަމަވެސް، ބައެއް ހާލަތްތަކުގައި އެއް ފަހަރަށްވުރެ ގިނަ ފަހަރު މި ފަރުވާ ތަކުރާރުކުރަން ޖެހިދާނެއެވެ.

"ކާމިޔާބު ބަލިވެއިނުމެއްގެ މާނައަކީ ދަރިފުޅު އުފަން ވެ، މައިންބަފައިންގެ އަތްމައްޗަށް ލިބުން، މި ދަތުރަކީ ވަގުތު ނަގާ ކަމެއް، އެކަމަކު އުންމީދު ކަނޑާލައިގެން ނުވާނެ." ޑރ. ވަރްޝާ ވިދާޅުވިއެވެ.

https://www.facebook.com/reel/942521682152505

ސިއްހީ ފަރުވާގެ އިތުރުން، ދިރިއުޅުމުގެ އާދަކާދަތަކަކީވެސް ދަރިމައިވުމަށް ހުރަސްތަކެއް މެދުވެރިވާނެ ކަންކަމެވެ. އެގޮތުން ސިއްހަތަށް ފައިދާހުރި ކާނާ ކެއުމާއި ގަވައިދުން ކަސްރަތުކުރުމާއި، ނަފްސާނީ ދުޅަހެޔޮކަމަށް ސަމާލުކަން ދިނުމުގެ އިތުރުން، ޕްރޮސެސްކޮށްފައި ހުންނަ ކާނާ ބޭނުންކުރުން މަދުކުރުމަށް ޑރ. ވަރްޝާ އިރުޝާދު ދެއްވައެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްއާ ގުޅިވަޑައިގަތުމަށްފަހު، ރީޕްރޮޑަކްޓިވް މެޑިސިން އާއި އެޑްވާންސްޑް ގައިނަކޮލޮޖިކަލް ސާޖަރީގެ ދާއިރާއިން ޑޮކްޓަރުގެ ތަޖުރިބާގެ ބޭނުން ހިފައި، ދަރިން ހޯދަން ބޭނުންވާ ގިނަ ދެމަފިރިންތަކަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ލިބިފައިވާކަން ޑރ. ވަރްޝާ އުފަލާއެކު ފާހަގަކުރެއްވިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފާޓިލިޓީ ސެންޓަރުން ދަރިމައިވުމާ ގުޅޭ ފުރިހަމަ ހިދުމަތްތައް ފޯރުކޮށްދެއެވެ. މީގެ ތެރޭގައި ފާޓިލިޓީ އިވެލުއޭޝަން، އައިޔޫއައި، އައިވީއެފް އަދި މިދާއިރާގެ އެންމެ ޒަމާނީ ފަރުވާތައް ހިމެނެއެވެ. ޒަމާނީ ޓެކްނޮލޮޖީއާއި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ އުސޫލުތަކާއެކު، މި ސެންޓަރުން އަންނަނީ ދިވެހި ގިނަ އާއިލާތަކަކަށް އުންމީދު އާކޮށްދެމުންނެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގެ ރީޕްރޮޑަކްޓިވް މެޑިސިން އެންޑް ގައިނަކޮލޮޖިކަލް ލެޕަރޮސްކޮޕީގެ ސީނިއާ ކޮންސަލްޓަންޓް ޑރ. ވަރްޝާ ރެންގަރާޖް --- ވަން ފޮޓޯ: ހަމްދާން

ޓްރީ ޓޮޕް ހޮސްޕިޓަލުގެ އެހީގައި އައިވީއެފް މެދުވެރިކޮށް 100 ވަނަ ކުއްޖާ އުފަންވުމަކީ ރާއްޖޭގެ ތާރީހުގައި ލިޔެވިގެންދިޔަ ދުވަހެކެވެ. މިއީ ހޮސްޕިޓަލުގެ ފާޓިލިޓީ ޓީމަށް އާއިލާތަކުން ކުރާ އިތުބާރާއި ރާއްޖޭގައި މިހާރު ލިބެން ހުރި ފަރުވާގެ ފެންވަރު ރަނގަޅުވެގެން އަންނަކަން ހާމަކޮށްދޭ ކަމެއް ކަމަށް ޑރ. ވަރްޝާ ގަބޫލުކުރައްވައެވެ.

ދަރިމައިވުމުގައި ދަތިތަކެއް ކުރިމަތިވެފަވައި ދެމަފިރިންނަށް ޑރ. ވަރްޝާ ދެއްވާ މެސެޖަކީ ވަރަށް ސާދާ މެސެޖެކެވެ.

"ދަރިމައިވުމުގައި ދަތިތަކެއް ހުރިނަމަ، އެހީތެރިކަން ހޯދުމަށް ފަސްނުޖެހޭށެވެ. އަވަހަށް މައްސަލަ ދެނެގަނެވިއްޖެނަމަ، އެންމެ އެކަށީގެންވާ ފަރުވާ ކަނޑައަޅައި، ކާމިޔާބީއާ ހަމައަށް ވާސިލުވުމަށް އަޅުގަނޑުމެންނަށް މަގުދައްކައިދެވޭނެއެވެ."