އޮސްޓްރޭލިއާއިން ދޫނި ރޯގާގެ ފުރަތަމަ ކޭސް ފެނިއްޖެ އެވެ. މި ބަލި ޖެހިފައިވަނީ އިންޑިއާއަށް ދަތުރުކުރުމަށްފަހު އެނބުރި އޮސްޓްރޭލިއާއަށް ދިޔަ އުމުރުން ދެ އަހަރު ބައިގެ ކުޑަކުއްޖަކަށް ކަމަށް ހަބަރުތައް ބުނެއެވެ.
ވިކްޓޯރިއާގެ ޑިޕާޓްމަންޓް އޮފް ހެލްތުން ބުނެފައިވާ ގޮތުގައި، މިދިޔަ މާޗު މަހުގެ އެއްވަނަ ދުވަހު އިންޑިއާގެ ކަލްކަތާއިން އެނބުރި ދިޔަ މި ކުއްޖާއަށް ބަލީގެ ސަބަބުން ސީރިއަސް އިންފެކްޝަނަކާ ކުރިމަތިލާން ޖެހުނެވެ. އަދި ހާލަތު ގޯސްވުމުގެ ސަބަބުން މެލްބަންގެ ހޮސްޕިޓަލެއްގެ އިންޓެންސިވް ކެއާ ޔުނިޓް (އައިސީޔޫ) ގައި ފަރުވާދީފައިވެއެވެ. ނަމަވެސް މިހާރު އެ ކުއްޖާ ވަނީ ބަލިން އެއްކޮށް ފަސޭހަވެފައެވެ. ކޮންޓެކްޓް ޓްރޭސިން ހެދިއިރު، އާއިލާގެ މެންބަރަކަށް އަދި އިތުރު އެހެން މީހަކަށްވެސް މި ބަލި ޖެހިފައި ނުވާކަން ކަމާބެހޭ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.
ވިކްޓޯރިއާގެ ޗީފް ހެލްތު އޮފިސަރު ޑރ. ކްލެއާ ލޫކާ ވިދާޅުވި ގޮތުގައި، މިއީ އޮސްޓްރޭލިއާގެ ތާރީހުގައިވެސް އިންސާނެއްގެ ހަށިގަނޑުން މި ބާވަތުގެ ދޫނި ރޯގާ ފެނުނު ފުރަތަމަ ފަހަރެވެ. ނަމަވެސް، އިންސާނުންގެ މެދުގައި މި ވައިރަސް ފެތުރުމުގެ ފުރުސަތު ވަރަށް ކުޑަކަމަށް އޭނާ ވިދާޅުވިއެވެ. މި މައްސަލައާ ގުޅިގެން އޮސްޓްރޭލިއަން ސެންޓަ ފޯ ޑިޒީޒް ކޮންޓްރޯލް (ސީޑީސީ) އިން އަންނަނީ އާންމު ސިއްހަތަށް އޮތް ނުރައްކާ މޮނިޓާކުރަމުންނެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާއި ސިއްހީ ތަޖުރިބާކާރުން ބުނާ ގޮތުގައި، ދުނިޔޭގެ ހުރިހާ ބައްރަކަށް މިހާރު މި ވައިރަސް ފެތުރިފައިވުމަކީ ސަމާލުކަން ދޭން ޖެހޭ ކަމެކެވެ. ހާއްސަކޮށް ދޫންޏާއި އެހެނިހެން ޖަނަވާރުތަކުގެ މެދުގައި އެޗް5އެން1 ހަލުވިކަމާއެކު ފެތުރެމުންދާތީ، ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ތަޖުރިބާކާރުން ވަނީ ލަފާދީފައެވެ.
އޮސްޓްރޭލިއާގެ ޑިޕާޓްމަންޓް އޮފް އެގްރިކަލްޗާ، ފިޝަރީޒް އެންޑް ފޮރެސްޓްރީން މިހާރު އަންނަނީ ޖަނަވާރުތަކުގެ މެދުގައި ބަލި ފެތުރިދާނެކަމުގެ ނުރައްކާ އޮތް މިންވަރު ދެނެގަތުމަށްޓަކައި ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.
ަުއޮސްޓްރޭލިޔާ
ަުއޮސްޓްރޭލިޔާ
ަުއޮސްޓްރޭލިޔާ
ަުއޮސްޓްރޭލިޔާ
ކޮމެންޓް