ލޯނުތައް ދެއްކުން މި އަހަރުގެ ނިޔަލަށް ފަސްކޮށްދޭން އެސްއެމްއީ ޑިވަލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑް (އެސްޑީއެފްސީ) އިން ނިންމައިފި އެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ދާދި ދެންމެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެސްޑީއެފްސީގެ ލޯނުތައް މި އަހަރުގެ ނިޔަލަށް ފަސްކޮށްދޭން ނިންމާފައިވާތީ، އެބޭންކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި މި ގޮތަށް އެހެން ބޭންކުތަކުން ވެސް ލުއިތައް ދޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެސްޑީއެފްސީ ގެމެނޭޖިން ޑިރެކްޓަރު އަހުމަދު ޒީނާދު ވަން އަށް މިއަދު ވިދާޅުވީ އެ ބޭންކުން ލޯނުތައް ދެއްކުމަށް ދިން ލުއި އަންނަ މަހުގެ ފަހުކޮޅަށް ހަމަވާތީ އެކަމާ ގުޅޭ ގޮތުން ދިރާސާއެއް ހެއްދެވި ކަމަށެވެ.

"އަޅުގަނޑުމެން ބެލީ ކޮވިޑުގެ ހާލަތާ ގުޅިގެން މީހުންގެ ދިރިއުޅުމަށް އައި ބަދަލަކީ ކޮބާތޯ. ގިނަ ރައްޔިތުން ބުނީ ލޯނު ދެއްކޭނެ ގޮތެއް އަދި ނެތް ކަމަށް. އެހެންވީމަ ދެވެން އޮތް އެންމެ ބޮޑު ލުޔެއް އަނެއްކާވެސް ދިނުން ބޭނުމަކީ." ޒީނާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރީން ފަސްކޮށްދީފައިވާ ލޯނުތައް ދައްކަން ފަށަން ޖެހޭނީ އަންނަ މަހުގެ ފަހުކޮޅު ކަމަށެވެ. އޭގެ ތެރޭގައި 200 އަށްވުރެ ގިނަ ލޯނު ހިމެނޭ ކަމަށް ވެސް ވިދާޅުވި އެވެ.

އެސްޑީއެފްސީން ލޯނުތައް ދެއްކުން މި އަހަރުގެ ނިޔަލަށް ފަސްކޮށްދޭން ނިންމި އިރު، އެޗްޑީސީން ވެސް ވަނީ އެ ކުންފުންޏަށް ދައްކަން ޖެހޭ ހުރިހާ ކުލިތަކަށް ދިން ލުއި އިތުރު ދެ މަހަށް ފަސްކޮށްދީފަ އެވެ.