އެސްއެމްއީ ޑިޖިޓަލްއިން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ތަރައްގީ ކުރުމަށް ދިމާވެފައިވާ މާލީ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމަށް "ބިޒްނަސް އެކްސްޕޭންޝަން ފައިނޭންސިން" ނަމުގައި އާ ފައިނޭންސިން ޕްރޮޑަކްޓެއް މިއަދު ތައާރަފްކޮށްފި އެވެ.

އެސްޑީއެފްސީން ބުނީ މި ފައިނޭންސިންގެ މަގުސަދަކީ މިހާރުވެސް ވިޔަފާރިކުރަމުންދާ ފަރާތްތަކަށް އެ ފަރާތްތަކުގެ ވިޔަފާރި އިތުރަށް ތަރައްގީކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން، ވިޔަފާރިތަކަށް ބޭނުންވާ ހަރުމުދާ ގަތުމަށާއި، އާމްދަނީ އިތުރުކުރުމަށް އާ ދާއިރާތަކަށް ވިޔަފާރި ފުޅާކުރުމަށް ބޭނުންވާ ފައިނޭންސް ހޯދުމަށް ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ. އަދި އުފެއްދުންތެރިކަން އިތުރުކުރުމަށާއި ވިޔަފާރި ފުޅާކުކުރުމަށް އާ އައުޓްލެޓްތައް ހުޅުވުމަށްވެސް މި ފައިނޭންސިން ބޭނުން ކުރެވޭނެ ކަމަށެވެ.

މި ފައިނޭންސިންގެ ދަށުން އެއްވެސް ރަހުނަކާނުލައި 1،000،000 ރުފިޔާއާ ހަމައަށް ފައިނޭންސް ފޯރުކޮށްދޭއިރު، ޖުމްލަ 5،000،000 ރުފިޔާއާ ހަމައަށް މާލީ އެހީތެރިކަން ލިބޭނެއެވެ. ވިޔަފާރިތަކަށް ލުއި ފަސޭހަ އިންތިޒާމެއްގެ ދަށުން ފައިސާ އަނބުރާ ދެއްކުމުގެ ފުރުސަތު ދިނުމަށް، ފެސިލިޓީ އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް ލިބޭނެއެވެ. މި މުއްދަތުގެ ތެރޭގައި 12 މަސްދުވަހާ ހަމައަށް ލިބޭ ގްރޭސް ޕީރިއަޑެއް ހިމެނޭނެ ކަމަށް އެސްޑީއެފްސީން މައުލޫމާތުދެ އެވެ.

"ބިޒްނަސް އެކްސްޕޭންޝަން ފައިނޭންސިން މެދުވެރިކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެ ފަރާތްތަކުގެ މަސައްކަތްތައް އިތުރަށް ފުޅާކޮށް، ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ވާސިލްވުމަށް ބޮޑު މާލީ އެހީތެރިކަމެއް ލިބިގެންދާނެ. މި ފައިނޭންސިންގެ އެހީގައި ވިޔަފާރިތައް ތަރައްގީކޮށް، ކުރިއަށް އޮތް މަރުހަލާއަށް ވާސިލްވުމަށް އެހީތެރިވެދޭނެ. މިއީ އުފެއްދުންތެރިކަން އިތުރުކުރުމަށާއި، އައު މާކެޓްތަކަށް ވަނުމަށާއި އަދި އައު އައުޓްލެޓްތައް ހުޅުވައި ވިޔަފާރީގެ ކުރިމަގު އުޖާލާކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއް. އަދި މީގެ ހެޔޮ އަސަރު މުޅި އިގްތިސޯދަށް ކުރާނެ ކަމަށް ލަފާކުރެވޭ" އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވި އެވެ.

މި ފައިނޭންސިންނަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓް www.smedigital.mv ގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ހުޅުވާލާފަ އެވެ.