ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ހަރުމުދާ ހޯދުމަށް ދިމާވާ މާލީ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ މަގުސަދުގައި، އެސްއެމްއީ ޑިޖިޓަލްއިން އާ ފައިނޭންސިން ޕްރޮޑަކްޓެއް ތައާރަފުކޮށްފިއެވެ.

އެސްޑީއެފްސީން ބުނީ މިއަދުން ފެށިގެން އެކަމަށް އެދި އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށެވެ. އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓް www.smedigital.mv ގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށެވެ.

އެސްޑީއެފްސީން ބުނިގޮތުގައި މި ފައިނޭންސިންގެ ދަށުން، ހުރިހާ ދާއިރާއެއް ހިމެނޭހެން މިހާރުވެސް ހިނގަމުންދާ ވިޔަފާރިތަކުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ބޭނުންވާ މެޝިނަރީ، އިކުއިޕްމަންޓް، ވިޔަފާރިއަށް ބޭނުންވާ އެއްގަމު އުޅަނދާއި ކަނޑު އުޅަނދުފަހަރުގައި އިންޖީނު އެޅުން ފަދަ ބޭނުންތަކަށް ފަސޭހަކަމާއެކު ފައިނޭންސް ލިބޭނެއެވެ.

މި ފައިނޭންސިން ބޭނުންކޮށްގެން ޝަރީއާ އުސޫލުތަކުގެ ތެރެއިން 100،000 ރުފިޔާއިން ފެށިގެން 5،000،000 ރުފިޔާއާ ހަމައަށް ފައިނޭންސް ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި އެއްވެސް ރަހުނަކާ ނުލައި 1،000،000 އާ ހަމައަށް ތަކެތި ގަތުމަށް ފައިނޭންސިން ފޯރުކޮށްދޭނެ ކަމަށާއި، ފެސިލިޓީ އަނބުރާ ދެއްކުމަށް ހަ މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނޭހެން ހަތް އަހަރުގެ މުއްދަތެއް ލިބޭނެ ކަމަށެވެ.

އެސްޑީއެފްސީން ބުނީ ރަހުނެއް ހިމެނޭހެން ފެސިލިޓީ ނަގާނަމަ އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް ކަނޑައަޅާފައިވާ ކަމަށާއި މީގެ ތެރޭގައި 12 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނޭނެ ކަމަށެވެ. އަދި ވިޔަފާރީގައި އަހަރަކަށް ފައިދާ ހިސާބުކުރާނީ 9 ޕަސަންޓާއި 10.5 ޕަސަންޓާ ދެމެދުގައި ކަމަށެވެ.

ލުއިފަސޭހަކޮށް ދޫކުރެވޭ މި ފައިނޭންސިންގެ ސަބަބުން ވިޔަފާރިތަކުގެ އޮޕަރޭޝަންތައް ފުޅާކޮށް، ދިވެހި އިގުތިސާދަށް އިތުރު ކުރިއެރުން ގެނެސްދިނުމަށް އެހީތެރިވެދޭނެ ކަމަށް އެސްޑީއެފްސީން ބުންޏެވެ.

މި ފައިނޭންސިންއާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ މި ފައިނޭންސިންގެ ބޭނުމަކީ ރާއްޖޭގެ އިގުތިސާދަށް އެހީތެރިވެދިނުމާއި ވިޔަފާރިތަކަށް ދިމާވާ މާލީ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުން ކަމަށެވެ.

"ވިޔަފާރިތަކުން ހަރުމުދާ ގަތުމަށް ކުރިމަތިވާ މާލީ ދަތިތަކަކީ، އެފަރާތްތަކުގެ ކުރިއެރުމަށް ހުރަހަކަށް ވެފައިވާ ކަމެއް. މި ފައިނޭންސިންއާ އެކު، މިހާރު ދިމާވާ ދަތިތަކަށް ފަސޭހަ ހައްލެއް ހޯދައިދެވި، ވިޔަފާރިތަކުގެ އުފެއްދުންތެރިކަން އިތުރުވެ، އައު އިކުއިޕްމަންޓް އަދި މެޝިނަރީގެ އެހީގައި، އާ މާކެޓްތަކަށް ވަނުމުގެ ފުރުސަތު ލިބޭނެ" ބަދުރުއްދީން ވިދާޅުވިއެވެ.