މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސިން އިނިޝިއޭޓިވް (މިސްފީ) ގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އިން ތައާރަފްކޮށްފައިވާ "އިސްލާމިކް މައިކްރޯ ފައިނޭންސިން" އަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

އެސްއެމްއީ ޑިޖިޓަލްއިން މިއަދު ބުނީ އިސްލާމިކް މައިކްރޯ ފައިނޭންސިންއަކީ މިސްޕީގެ ދަށުން ތައާރަފުކުރި ފުރަތަމަ ފައިނޭންސިން ފެސިލިޓީ ކަމަށެވެ. އެސްއެމްއީ ޑިޖިޓަލްއިން ބުނީ އެ ފެސިލިޓީއަށް އެޕްލިކޭޝަން ހުށަހެޅެން ހުންނާނީ އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް ކަމަށެވެ.

އިސްލާމިކް މައިކްރޯ ފައިނޭންސިންއަކީ 100،000 ރުފިޔާއަށް ހަމައަށް މާލީ އެހީތެރިކަން ލިބޭ ފެސިލިޓީއެއް ކަމަށާއި، އެ ފެސިލިޓީގެ އިންޓްރެސްޓް ރޭޓަކީ އަހަރަކަށް 2.5 ޕަސަންޓުކަމަށް އެސްއެމްއީ ޑިޖިޓަލްއިން ބުންޏެވެ. އެއީ ރާއްޖޭގައި ފައިނޭންސިން ފެސިލިޓީ ދޫކުރާ އެންމެ ކުޑަ އިންޓްރެސްޓް ރޭޓުކަމަށް އެސްއެމްއީ ޑިޖިޓަލްއިން ބުންޏެވެ.

އެ ފެސިލިޓީއަށް ފީއެއް އަދި ޕްރޮސެސް ކުރުމަށްވެސް ފީއެއް ނުނަގާނެކަމަށް އެސްއެމްއީ ޑިޖިޓަލްއިން ބުންޏެވެ.

އެސްއެމްއީ ޑިޖިޓަލްއިން ބުނީ އެ ފައިނޭންސިން ފެސިލިޓީ އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް ލިބޭނެ ކަމަށެވެ. އެ މުއްދަތުގެ ތެރޭގައި 12 މަސްދުވަހާ ހަމައަށް ގްރޭސް ޕީރިއަޑެއް ލިބޭނެކަމަށް އެސްއެމްއީ ޑިޖިޓަލްއިން ބުންޏެވެ.

އިސްލާމިކް މައިކްރޯ ފައިނޭންސިން ފެސިލިޓީއަކީ މާލީ އެހީތެރިކަން ހޯދުމުގައި ދަތިތައް ކުރިމަތިވާ މީހުން އަދި އަލަށް ވިޔަފާރި ފަށާ މީހުންނަށް އަމާޒުކޮށްގެން ތައާރަފުކުރި ފައިނޭންސިން ފެސިލިޓީއެއްކަމަށް އެސްއެމްއީ ޑިޖިޓަލްއިން ބުންޏެވެ. އަދި އެއީ އިސްލާމިކް ފައިނޭންސިންގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ދޫކުރާ ފައިނޭންސިން ފެސިލިޓީއެއްކަމަށް އެސްއެމްއީ ޑިޖިޓަލްއިން ބުންޏެވެ.

އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ އެސްއެމްއީ ޑިޖިޓަލްގެ އަމާޒަކީ އިސްލާމިކް ސޯޝަލް ފައިނޭންސިން ޒަރިއްޔާއިން ބޭންކުތަކުން ފައިނޭންސް ހޯދުމަށް ފަސޭހަކޮށްދިނުން ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ޝަރުތު ހަމަނުވާ ފަރާތްތަކަށް ފައިނޭންސިން ފެސިލީޓީ ފަހިކޮށްދިނުމަކީ އަމާޒެއްކަމަށް އޭނާ ވިދާޅުވިއެވެ.