މިދިޔަ މަހުގެ ނިޔަލަށް ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) ގައި 126 މިލިއަން ޑޮލަރު އެބަހުރި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މި ސަރުކާރުގެ "ހަފުތާ 104" ފާހަގަކުރުމަށް ޒުވާނުންގެ މަރުކަޒުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިދިޔަ ސަރުކާރުތަކުން ލޯނު ނަގާފައިވަނީ ވަރަށް ބޮޑު އިންޓަރެސްޓް ރޭޓްގައި ކަމަށާއި އަދި ބައެއް ސްކޫލުތަކާއި ދަރުމަވަންތަ ހޮސްޕިޓަލްވެސް މޯގޭޖް ކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ ގައުމު ވައްޓާލާފައިވަނީ ވަރަށް ނުރައްކާތެރި ހާލަތަކަށް ކަމަށެވެ.

"މި ދަރަނިތައް ދެއްކުމަށްޓަކައި އެސްޑީއެފްގައި ހުރި ފައިސާއަށް ބަލާއިރު، އަޅުގަނޑުމެންނާ ހަވާލުވިއިރުގައި އެސްޑީއެފްގައި ފައިސާ ހުރީ ދެ މިލިއަން ޑޮލަރާއި 2.4 މިލިއަން ރުފިޔާއާ، 2025 ނޮވެމްބަރު 17، އެސްޑީއެފްގައި 126 މިލިއަން ޑޮލަރު،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބޭންކަށް ޑޮލަރު މާރުކުރުން ޖެހޭ ގާނޫނު ތަންފީޒު ކުރަން ފެށިފަހުން މިއަހަރުގެ އޮކްޓޫބަރުގެ ނިޔަލަށް 584 މިލިއަން ޑޮލަރު މާރު ކޮށްފައިވާ ކަމަށެވެ.

އެކަމުގެ ނަތީޖާއެއްގެ ސަބަބުން ގްރޮސް ރިޒާވްގައި މިއަހަރުގެ އޮކްޓޫބަރުގެ ނިޔަލަށް 866 މިލިއަން ޑޮލަރު އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ.