ރާއްޖެއިން ކޮވިޑް ފެނުނުތާ ހައެއްކަމަސް ވެފައިވާއިރު، މިބަލީގައި ރާއްޖެއިން 28 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި އެންމެ ގިނައީ އުމުރުން ދުވަސްވީ މީހުންނެވެ. ކޮވިޑަކީ ދިފާއީ ނިޒާމު ބަލިކަށިކޮށްލާ ވައިރަސްއެއްކަމުން، އެ ބަލި ޖެހުމުން އެންމެ ބޮޑަށް ހާލު ދެރަ ވާނީ، އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިންނާއި މާބަނޑު މީހުންނާއި އެނޫންވެސް ދާއިމީ ބަލިތަކަށް ފަރުވާކުރާ މީހުންކަމުގައި ސިއްހީ ތަޖުރިބާކާރުން އަންނަނީ ވިދާޅުވަމުންނެވެ. އެހެންކަމުން އެ ކެޓަގަރީތަކުގެ މީހުންނަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ސިއްހީ މާހިރުން ކެނޑިނޭޅި އަންނަނީ ނަސޭހަތްތެރިވަމުންނެވެ. ހާއްސަކޮށް އުމުރުން ދުވަސްވީ މީހުން ބަލިން ރައްކާތެރިކުރުމުގެ މުހިންމުކަން ކޮންމެ ދުވަހަކުމެ އެދަނީ ހަނދާންކޮށްދެމުންނެވެ.
ކޮވިޑްގެ ރާއްޖޭގެ ހާލަތު އޮތީ ކަންބޮޑުވާ ދަރަޖައެއްގައެވެ. ދުވަހު އަދަދު 100އިން މަތީގައި ހުންނަތާ މިހާރު މަހެއްވާން ވަނީ ކައިރިވެފައެވެ. ބޮޑެތި ލުއިތަކާއެކުވެސް ދިވެހިން ބަސްނޭހުމުން އަނެއްކާވެސް މިވަނީ ކޮންމެވެސް ވަރެއްގެ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައެވެ. ނަމަވެސް އެކަމުންވެސް ތަސައްލީއެއް ނެތެވެ. މަގުތަކުން މީހުން މަދެއް ނުވެއެވެ. ހޭލަމޭލަވެ އެކިތަންތަނުގައި މީހުން އުޅެއެވެ. ޒަރޫރީ ކަމެއްގައި ނޫނަސް ބޭރަށް ނުކުންނަ މީހުން އިންތިހާއަށް ގިނައެވެ. ވަކިން ހާއްސަކޮށް ޒުވާނުން މަގުތަކުގައި އުޅޭ މިންވަރު އިތުރެވެ. ވަރަށް ގިނަ ޒުވާނުން މަގުތަކަށް ނުކުމެ އުޅެނީ އެމީހުންގެ އާންމު ދިރިއުޅުމުގައި އުޅޭ ގޮތަށް މަޖާ ނަގައި އުފާކުރުމަށޭވެސް ބުނެވިދާނެ އެވެ. އޭގެ ހިތި ނަތީޖާވެސް ދަނީ ފެންނަމުންނެވެ. ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ މެޖޯރިޓީއަކީ އުމުރުން 18 އަހަރާއި 45 އަހަރުގެ މީހުންނެވެ.
ކޮވިޑްގެ ނުރައްކާ އޮތީ ހަމައެކަނި ހައިރިސްކް ކެޓަގަރީތަކުގެ މީހުންނަށް ކަމަށް އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް ހީވެދާނެއެވެ. ނަމަވެސް ދުނިޔޭގެ މަންޒަރުތަކަށް ބަލާއިރުވެސް އަދި އަޅުގަނޑުމެންގެ ރާއްޖޭގެ ހާލަތަށް ބަލާއިރުވެސް އެއީ ހަގީގަތެއް ނޫންކަން އެބަ އެނގެއެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގައި ކޮވިޑްގެ ސަބަބުން ޒުވާނުން މަރުވެފައިވާ އަދަދު މަދެއްވެސް ނޫނެވެ. ރާއްޖޭގައިވެސް ދާދި ފަހުން 41 އަހަރުގެ މީހަކުވެސް ވަނީ ކޮވިޑުގެ ސަބަބުން މަރުވެފައެވެ. ކޮވިޑްގެ ސަބަބުން ހާލު ދެރަވި އުމުރުން 27 އަހަރުގެ މީހަކަށް އައިސީޔޫގައި ފަރުވާދެމުންދާއިރު، ކޮވިޑުގެ ނުރައްކާ އޮތީ ވަކި އުމުރަކަށް ނޫންކަން އެބަ ކަށަވަރުވެއެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 7،000 ފަހަނަ އަޅައި ގޮސްފައިވާއިރު، ސިއްހީ މާހިރުން އެންމެ ބޮޑަށް ކަންބޮޑުވަނީ ސިއްހީ ނިޒާމަށް ނުތަކާ ވަރަށް ފަރުވާދޭން ޖެހޭ މީހުންގެ އަދަދު އިތުރުވެދާނެތީއެވެ. އެންމެ ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާ މާލޭ ސަރަހައްދުގައި ހުރި ކޮވިޑަށް ފަރުވާދޭ ފެސިލިޓީތަކުގެ 68 އިންސައްތަ ވަނީ ފުރިފައެވެ. ފެސިލިޓީތަކުގެ އިތުރުން ކޮވިޑަށް ފަރުވާކުރުމަށް ބޭނުންވާ އިންސާނީ ވަސީލަތް ނުވަތަ ޑޮކްޓަރުންނާއި ނަރުހުންގެ ދަތިކަންވެސް އެބައޮތެވެ. ގިނަ ބަޔަކަށް ބަލި ޖެހި ގިނަ ބަޔަކު އެޑްމިޓްކޮށްފިނަމަ އެ އެންމެންނަށް ފަރުވާ ދެވޭނެ އިންސާނީ ވަސީލަތް ރާއްޖެއަކު ނެތެވެ. މިހާރުވެސް ކޮވިޑްގެ ކޮންމެ 30 ބަލި މީހަކަށް ފަރުވާކުރުމަށް ހުރީ އެންމެ ނަރުހެކެވެ. އެހެންކަމުން ކޭސްތައް އިތުރުވަމުންދިޔަ ވަރަކަށް ޓްރައޭޖްއަކަށް ދިއުމުގެ ފުރުސަތު ބޮޑުކަމަށާއި ބައެއް މީހުން ފަރުވާ ނުދީ ދޫކޮށްލަން ޖެހިދާނެ ކަމުގެ ބިރުވެރި މެސެޖު ސިއްހީ މާހިރުން ވަނީ އެތައް ފަހަރަކު ދީފައެވެ.
ކޮވިޑް ކޮންޓްރޯލް ކުރެވޭނީ ހަމައެކަނި ސިއްހީ މާހިރުންގެ މަސައްކަތަކުން ނޫނެވެ. ސިއްހީ މާހިރުންނާ އެއްވަރަށް މިކަމުގައި ރައްޔިތުންގެ އެއްބާރުލުންވެސް ބޭނުންވާނެއެވެ. ހާއްސަކޮށް ގައުމުގެ މާދަމާގެ ކުރިމަގުކަމުގައިވާ ޒުވާނުންގެ އެއްބާރުލުން އިންތިހާއަށް ބޭނުންވާނެއެވެ. ފެންނަމުންދާ މަންޒަރުތަކަށް ބަލާއިރުވެސް މަގުތަކުގައި ގިނައިން އުޅެނީ ޒުވާނުންނެވެ. އުމުރުން ދުވަސްވީ މީހުންނާއި މާބަނޑު މީހުންނާއި އެނޫންވެސް ހައިރިސްކް ކެޓަގަރީތަކުގެ މީހުން މަގުތަކުން ފެންނަނީ ހާލަކުން ފަހަރަކުއެވެ. ވުމާއެކު، މިކަމުގައި ޒުވާނުންގެ ފުރިހަމަ އެއްބާރުލުން ދީފިނަމަ ކޮވިޑްގެ ހާލަތު މިއަށް ވުރެ ރަނގަޅު މަރުހަލާއަށް ގެންދެވޭނެ ކަމަށް އެންމެންވެސް ގަބޫލު ކުރެއެވެ.
ޒުވާނުން މަގުތަކަށް ނުކުންނައިރު ވިސްނާލަންޖެހޭ އެތައް ކަމެއް އެބަހުއްޓެވެ. އެއީ އެމީހުންކީ އެހެން މީހުންނަށް، ހާއްސަކޮށް ގޭގައި ތިބޭ އުމުރުން ދުވަސްވީ މައިންބަފައިންނާއި ހައިރިސްކް ކެޓަގަރީތަކުގެ މީހުންނަށް ބަލި ގެނެސްދޭ މެދުވެރިޔާއަށް ވެދާނެ ކަމެވެ. އެއްގޮތަކަށް ގެއިން ބޭރަށް ނުނިކުންނަ އުމުރުން ދުވަސްވީ މީހުންނަށްވެސް ބަލި ޖެހިފައި އެބަހުއްޓެވެ. މިކަމުންވެސް އެނގޭ އެއްކަމަކީ އެމީހުންނަށް ބަލި ޖެހިފައިވަނީ ބޭރުން އައިސް އެމީހުންނާ ހަމައަށް ވާސިލްވާ ކޮންމެވެސް މީހެއްގެ ފަރާތުން ކަމެކެވެ. ކޮންމެވެސް މީހަކު ވައިރަސް އެމީހުންނަނާ ހަމަޔަށް އުފުލައިދިނީ އެވެ. އަމިއްލަޔަށް ދަތުރުކޮށް ގޭގައި އޮތް މުސްކުޅި ކާފަ، މާމަ ނުވަތަ މަންމަ އަދި ބައްޕަޔާ ހަމަޔަށް ދިއުމުގެ ބާރެއް ކޮވިޑު ޖައްސާ ކޮރޯނާ ވައިރަހުގެއެއް ނެތެވެ.
ބޭރަށް ނުކުތަސް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން މުހިންމެވެ. އަދި ގެއަށް އަންނަ ކޮންމެ ފަހަރަކު ސައިބޯނިލައިގެން ނުވަތަ ހޭންޑް ސެނެޓައިޒާ ބޭނުންކޮށްގެން އަތް ސާފުކުރުން މުހިންމެވެ. ގޭގެ އެހެން މީހަކާ ބައްދަލުކުރުން އެންމެ ރަނގަޅީ ފެންވަރައިގެން ސާފުތާހިރުވެގެން ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ. އެހެންކަމުން ޒުވާނުން އިތުރަށް ވިސްނާލަން އެބަޖެއެވެ. ގޭގައި ތިބޭ އުމުރުން ދުވަސްވީ މައިންބަފައިންނަށް ބަލި ޖައްސާ ބަޔަކަށް ނުވުމަށް ސަމާލުކަން ދޭން އެބަ ޖެހެއެވެ. އެހެން ނޫން ނަމަ ކޮންމެ ޒުވާނަކުވެސް ހަނދާންކުރަން ޖެހޭ ކަމަކީ ތިބާގެ ބައްޕަ ނުވަތަ މަންމަ ނުވަތަ ކާފައާއި މާމަގެ ފުރާނަ ރިސްކުގެ ތެރެޔަށް ވައްޓައި ތިލަނީ ތިބާ އަމިއްލަޔަށް ކަމެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް